1 މޭ 2023 - 11:58 0
މުހައްމަދު ޝަހްޒާން
1 މޭ 2023 - 11:58 0
އއ. މަތިވެރި ދާއިރާގެ މެންބަރު، ހަސަން ޒަރީރުއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައި ވާގޮތުގައި އޭނާއަށް ހަމަލާދީ ޒަހަމުކޮށްލާފައި ވަނީ ރޭ ފަތިހު 5:08 ހާއިރު އެވެ. އެ ހަމަލާގައި އޭނާއަށް މާ ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މެންބަރު، ޒަރީރުއަށް ހަމަލާދީފައި ވަނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ (ކުރީގެ އޮރިގާނޯ) ގައި ހުއްޓައި އެތަނަށް އައި ގުރޫޕަކުންނެވެ. އޭނާއަށް ހަމަލާދިން އިރު، އޭނާއާ އެކު މާފަންނު ދެކުނު ދާއިރާގެ މެންބަރު، އާދަމް އަލީ ވެސް އިންނެވި ކަމަށްވެ އެވެ. އަދި ހަމަލާދިން މީހުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި ސީސީޓީވީތަކަށް ވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މެންބަރު ޒަރީރުއަށް ހަމަލާދިނުމަށްފަހު އެމީހުން ނުކުމެގެން ދިއުމުން ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އެވަގުތުން ފެށިގެން ފުލުހުން އަންނަނީ އޭނާއަށް ހާއްސަ ސެކިއުރިޓީ ދެމުންނެވެ. ހަމަލާދިން މީހުން އޭނާއަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް މިހާތަނެއް އެނގިފައެއް ނުވެ އެވެ.
މީގެ ކުރިން، ރ. އުނގޫފާރު ދާއިރާގެ އޭރުގެ މެންބަރު، ޑރ. އަފްރާޝީމްއަށް ވެސް ބަޔަކު ހަމަލާދީ ވަނީ އަވަހާރަކޮށްލާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment