Advertisement

ޔާމީނަށް ހުކުމް ކުރުމުން ކުރިއެރުން ދިން ކަމަށް ކުރާ ތުހުމަތަށް ހިސާންގެ ރައްދު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


ޔާމީނަށް ހުކުމް ކުރުމުން ކުރިއެރުން ދިން ކަމަށް ކުރާ ތުހުމަތަށް ހިސާންގެ ރައްދު

ކުރީގެ ރައީސް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމްކުރި ދެ ފަނޑިޔާރަކަށް ދިން ކުރިއެރުމަކީ އެ ކަމާ ގުޅިގެން ދިން ކުރިއެރުންތަކެއް ނޫން ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެކި ރަށްރަށުގެ މުއާމަލާތްތަކުގެ ތެރެއިން ސީދާ ޔާމީނަށް މަންފާ ލިބުނު ކަމަށް ބުނާ މައްސަލަތަކުން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގެންދަނީ އެމަނިކުފާނުގެ މައްޗަށް ވަކިވަކިން ދައުވާ އުފުލަމުންނެވެ.

އެންމެ ފުރަތަމަ، ގއ. ވޮޑަމުލާ ހިޔާނާތުގެ މައްސަލާގައި، 2019 ވަނަ އަހަރު ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް އިއްވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް ފަހުން އައްޔަން ކުރި އެވެ.

އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށް، ވ. އާރަށް ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް މި ފަހުން އިއްވި އެވެ. އެ ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

މިއާއެކު، ޔާމީންގެ މައްޗަށް ހިންގި ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، އިދިކޮޅު ފަރާތްތަކުން އަންނަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ޖޭއެސްސީން ޕީީޕީއެމްގެ ލީޑަރު ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ޖޭއެސްސީގެ ރައީސަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގެ ތެރެއިން މި ސުވާލު އަމާޒު ކުރުމުން އޭނާގެ ފަރާތުން ވެސް ފުރަތަމަ ދޫކޮށްލެއްވީ ސުވާލުތަކެކެވެ.

"ވަކި މައްސަލައެއް، ވަކި ބޭފުޅެއްގެ މައްސަލައެއް ބެލީތީ، އެ ބޭފުޅެއްގެ ކުރިއެރުމަށް މި ކޮމިޝަނުން ހުރަސް އަޅާނަންތޯ؟"

"ވަކި ބޭފުޅެއްގެ މައްސަލަ ބެލީތީ އެ ފަނޑިޔާރަކު ދެން ކޮންމެ ފަދަ ކަމެއް ކުރިޔަސް އަޅުގަނޑުމެން އެ ބޭފުޅަކާ މެދު ފިޔަވަޅު ނާޅާނަންތޯ؟"

ހިސާން ދެން ފާހަގަ ކުރެއްވި ކަމަކީ ސުޕްރީމް ކޯޓާއި ހައި ކޯޓަކީ ގާނޫނަކުން ވަކި އަދަދަކަށް ފަނޑިޔާރުން ކަނޑައަޅާފައި ކޯޓުތަކަކަށް ވާއިރު އެއިން ކޯޓަކަށް ދަށު ކޯޓުގެ ފަނޑިޔާރަކު ބަދަލު ކުރުމަކީ މާ ފަސޭހައިން ހުޅުވިފައި އޮންނަ މަގެއް ވެސް ނޫން ކަމެވެ.

"މަދުން އަންނަ ފުރުސަތުތަކެއް، އަދި މިހެން އަންނަ ފުރުސަތެއް ކުރިމަތިލާ ރަނގަޅު ފަނޑިޔާރަކު، އޭނާ ބަލާފައި އޮތް މައްސަލައަކާ ހުރެ އެ ފުރުސަތު ހަނި ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް ކަމަކަށް،" ހިސާން ވިދާޅުވި އެވެ.

އެއްވެސް ފަނޑިޔާރަކު ހިންގި ޝަރީއަތަކާ ގުޅިގެން އޭނާގެ މައްޗަށް މައްސަލައެއް ވެސް ބަލާފައި ނޯންނާނެ ކަމަށާއި، ފަނޑިޔާރަކު ހިންގި ޝަރީއަތަކާ ގުޅިގެން މަގާމަށް ބަދަލެއް ގެނެސްފައި ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދި، މަތީ މަރުހަލާގެ ކޯޓަކުން ފަނޑިޔާރެއްގެ ޖާގައެއް ހުސްވެފައިވަނިކޮށް އެ މަގާމަށް ރަނގަޅު ފަނޑިޔާރަކު ކުރިމަތިލުމުން އޭނާ ބަލާފައި އޮތް މައްސަލައަކާ ގުޅިގެން އެ ފުރުސަތު ނުދިނުމަކީ ވެސް ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދިމާއަށް އިނގިލި ދިއްކޮށްފާނެތީ ބިރުން، އަޅުގަނޑު ގަބޫލެއް ނުކުރަން ކުރަން ވާނެ ވަރު ކަމެއް ކަމަކަށް ވެސް،" ހިސާން ވިދާޅުވި އެވެ.

މި ވަގުތު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އިތުރު މައްސަލައެއް އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ ހިނގަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ އެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.