2 މޭ 2023 - 10:25 0
މުހައްމަދު ހަފީޒު
2 މޭ 2023 - 10:25 0
އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ (ވީއަމް) އާއި އުރީދޫގެ މޫލީން އަންހެން ވިޔަފާރިވެރިން އިތުރަށް ބާރުވެރިކުރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތައް މޫލީ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު އެ އުފެއްދުންތެރިންނަށް ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމަތު ދެ އެވެ.
ވީއަމް ޖަމިއްޔާއަކީ ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިން ޕްރޮމޯޓު ކުރުމާއި ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެ އުފެއްދުންތެރިންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ތަމްރީނު ފުރުސަތު ތަކާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
އުރީދޫގެ މޫލީ އަކީ ބޮޑު މާކެޓަކަށް އުފެއްދުން މާކެޓުކޮށް ވިއްކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދެމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމެކެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މޫލީ މެދުވެރިކޮށް ތަކެތި ވިއްކުމުގެ ފުރުސަތު އޮންނައިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް މޫލީން އެ އުފެއްދުންތައް ހިލޭ ޑެލިވަރ ކޮށްދެ އެވެ.
ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންނަށްވެސް އެ އުފެއްދުންތެރިންގެ ވިޔަފާރި އާއި އުފެއްދުންތައް ބޮޑު މާކެޓަކަށް ޕްރޮމޯޓު ކޮށްލަން މޫލީއަކީ އެންމެ އެކަށޭނެ ޕްލެޓްފޯމަށް ވެގެންދާނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން ވީއަމްގެ މެމްބަރ ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތައް މޫލީ މެދުވެރިކޮށް ޕްރޮމޯޓްކޮށްދޭނެ އެވެ. އެ އުފެއްދުންތަކުގެ ތެރޭގައި ހޯމް މޭޑް ޖްވެލަރީ، ކޮކޮނަޓް އޮއިލް، އަދި ހޭންޑިކްރާފްޓްސް ހިމެނެއެވެ. އެ އުފެއްދުންތައް މޫލީ ވެބްސައިޓްގެ "ހަދިޔާ ވިތު ވީމް" ކަލެކްޝަނުން ލިބެން ހުންނާނެކަމުގައި އުރީދޫން ބުނެ އެވެ.
އެ އެއްބަސްވުމުގެ ސަބަބުން ދިވެހި އަންހެން ވިޔަފާރިވެރި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ސަޕޯޓު ކުރުމުގެ ފުރުސަތު އަދި އެ އުފެއްދުންތެރިން އިތުރަށް ބާރުވެރި ކުރުވާނެ ފުރުސަތަކަށް އެ ފުރުސަތު ވެގެންދާނެ ކަމުގައިވެސް އުރީދޫ އިން ގަބޫލު ކުރެއެވެ.
Comment