28 އޭޕްރީލް 2023 - 19:20 0
މުހައްމަދު ވިޝާމް
އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރި ވަކީލުންގެ ޓީމު. -
28 އޭޕްރީލް 2023 - 19:20 0
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ ރާއްޖޭން ވަކާލާތުކުރި ހުރިހާ ކަމެއް ކާމިޔާބުވި ކަމަށް އެ މައްސަލާގައި ރާއްޖެ ތަމްސީލުކުރި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފި އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އޭގެ ފަހުން ވަކީލުންގެ ޓީމުގެ ފަރާތުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޓީމު ލީޑުކުރެއްވި ޕްރޮފެސާ ޕަޔަން އަހަވަން ވިދާޅުވީ ބްލެހެމެން ރީފްގެ ހިލާފުގެ އިތުރުން، މޮރިޝަސްގެ ކޮންޓިނެންޓަލް ޝެލްފުން ލިބޭ 200 މޭލުގެ ބޭރުން ރާއްޖޭގެ ސަރަހައްދާ ފުށުއަރާ ބޮޑު ސަރަހައްދެއް ހޯދަން ވެސް އެގައުމުން ހުށަހެޅި މައްސަލައިގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެއީ އަހަވަން ވިދާޅުވި ގޮތުގައި މޮރިޝަސްއިން ވަކާލާތު ކުރަމުންދިޔައީ ރާއްޖޭގެ ސަރަހައްދުގެ ތެރެއިން 11،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހޯދުމަށެވެ.
އެކަމަކު، ކޮންޓިނެންޓަލް ޝެލްފު ދިގުދެމިގެންދާ ކަމަށް ބުނެ މޮރިޝަސްއިން ކުރި ވަކާލާތު ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހެޅިފައިވާ ކަމަށް އިޓްލޮސްއިން މިއަދު ނިންމާފައިވާ ކަން އަހަވަން ފާހަގަކުރެއްވި އެވެ.
"މިއީ ހަގީގަތުގައި މި މައްސަލައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ،" އޭނާ ވިދާޅުވި އެވެ.
މޮރިޝަސް އިން ޗާގޯސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް, މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.
މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
Comment