Advertisement

ޗާގޯސް މައްސަލަ ނިމުނީ ރާއްޖޭން ބޭނުންވި ގޮތަށް؛ ދެކުނުން ބައެއް ނުގެއްލި އިން ކަށަވަރުވެއްޖެ

28 އޭޕްރީލް 2023 - 14:57 4

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ޗާގޯސް މައްސަލަ ނިމުނީ ރާއްޖޭން ބޭނުންވި ގޮތަށް؛ ދެކުނުން ބައެއް ނުގެއްލި އިން ކަށަވަރުވެއްޖެ

28 އޭޕްރީލް 2023 - 14:57 4

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަަޅާފައިވާ މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ނިމި، ރާއްޖޭގެ ސަރަހައްދެއް ނުގެއްލި، ދެކުނުގެ އިން ކަށަވަރުވެއްޖެ އެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

މައްސަލައިގެ ފަސްފަހަތް

މޮރިޝަސް އިން ޗާގޯސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް, މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.