Advertisement

ތަކުރާރުކޮށް ކޮތަޅު ފީ ނަގަންޖެހޭތީ ހުށަހެޅި އިސްލާހު ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް

27 އޭޕްރީލް 2023 - 13:14 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


ތަކުރާރުކޮށް ކޮތަޅު ފީ ނަގަންޖެހޭތީ ހުށަހެޅި އިސްލާހު ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް

27 އޭޕްރީލް 2023 - 13:14 0

ޕްލާސްޓިކް ކޮތަޅުން ތަކުރާރުކޮށް ފީ ނެގޭ ގޮތަށް، ކުނިމެނޭޖްކުރުމުގެ ގާނޫނުގައި އޮންނާތީ އެކަމަށް ހައްލެއް ގެންނަން ސަރުކާރުން އެގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓަށް ނާހައި މިއަދު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާން ނިންމައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޕްލާސްޓިކް ކޮތަޅު ޑިސްޓްރިބިއުޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކޮތަޅަކަށް ދެރުފިޔާގެ މަގުން ފީއެއް ނަގަން ޖެހެ އެވެ. އެކަން އެގޮތަށް އޮތުމުން ބައެއް ސަރަހައްދުތަކުގައިި ކޮތަޅަކަށް ހަ ރުފިޔާ ޖެހެ އެވެ.

އެކަމަށް ހަލެއް ހޯދަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝީދު ހުށަހެޅުއްވި އިސްލާހުގައި އޮތީ ކޮތަޅުން ފީ ނެގުން އިސްތިސްނާވާ ހާލަތެއް ހިމަނައިފަ އެވެ. އެއީ 50 ނުވަތަ އެއަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ގޮތުން ކޮތަޅު ބޮނޑި ގަންނަ ހާލަތެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން އެދިވަޑައިގެންނެވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ އިސްލާހު ފާސްކުރުމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މިއަދު އެ ބިލަށް ވޯޓަށް ނާއްސަވާނެ ކަމަށެވެ. އެ ބިލުގެ ބަހުސް ކުރު ކުރައްވަން ބައެއް މެމްބަރުން މަސައްކަތް ކުރެއްވުމުން އެކަމާ ވެސް އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ.

"އަޅުގަނޑަށް ވަރަށް ސާފު، އެމްޑީޕީ ބޭނުންވެެއެއް ނުލައްވާ މި [ބިލު] ވޯޓަށް މި ސެޝަންގައި ގެންދާކަށް، ބަހުސް ކުރުކުރާކަށް. އެހެންވީމާ އެއްވެސް އިއްޒަތްތެރި ބޭފުޅަކު ބަަހުސް ކުރުކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮތަޅުން ތަކުރާރުކޮށް ފީ ނެގޭ މައްސަލަ ހައްލުކުރުމަށް ޓަކައި އެ ބިލުގެ މަސައްކަތް އަވަހަށް ނިންމައިދޭން ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވެސް އިއްޔެ އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު، މިއަދުގެ ޖަލްސާއާ އެކު ނިމޭނެ އެވެ. ނަޝީދު އިއްޔެ ވިދާޅުވި ގޮތުން މެމްބަރުންނަށް މިފަހަރު ލިބިވަޑައިގަންނަވާނީ ދެ ހަފްތާގެ ޗުއްޓީ އެކެވެ.