Advertisement

ސަރުކާރުގެ "ގްރޭޓާ އައްޑޫ" ގެ ތަސައްވުރަކީ "އިންޑިއާ އައުޓް" ފަދަ ދޮގެއް ކަމަށް ނިޒާރު ވިދާޅުވެއްޖެ


ސަރުކާރުގެ "ގްރޭޓާ އައްޑޫ" ގެ ތަސައްވުރަކީ "އިންޑިއާ އައުޓް" ފަދަ ދޮގެއް ކަމަށް ނިޒާރު ވިދާޅުވެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ލޯންޗުކުރި "ގްރޭޓާ އައްޑޫ" ގެ ތަސައްވުރަކީ "އިންޑިއާ އައުޓް" ފަދަ ދޮގެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ މަންޒަރު ބަދަލުކޮށްލުމުގެ އަމާޒުގައި މައިގަނޑު ހަ ކަމެއްގެ މައްޗަށް އެކުލެވޭ ތަސައްވުރެއް މިއަދު ސަރުކާރުން ވަނީ ލޯންޗު ކޮށްފަ އެވެ. ފޭދޫއަށް ނިސްބަތްވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ފޭސްބުކްގައި އެ ތަސައްވުރު ހިއްސާކުރުމުން ދެވަނަ ދައުރަކަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ ނިޒާރު ވަނީ ފާޑުވިދާޅުވެފަ އެވެ.

"އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމް ނުކުރެވި ޑރ. މުއިޒްގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލުމަށް ފަހު އަދި އެ ކަމަށް މަސައްކަތް ކުރި މީހުން 'ދަ ގްރޭޓާ އައްޑޫ' ކިޔަނީ އޭގެ މާނަ އެނގިގެން ބާވައޭ ސުވާލު އުފެދޭ. މިއީ ހަމަ 'އިންޑިއާ އައުޓް' ކަހަލަ ބުހުތާން ދަންތުރައެއް،" ނިޒާރު އެކްސްގައި ލިޔުއްވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަށެވެ. އެ ދެ ރަށުން ނިންމީ ވަކި ދެ ކައުންސިލް އުފެއްދުމަށެވެ.

ފޭދޫގެ ރައްޔިތުންގެ މެދުގައި ވެސް އެ ފަހަރު ވޯޓު ނެގި އެވެ. އިހުސާން ކެމްޕޭން ކުރެއްވީ ފޭދޫގައި ވަކި ކައުންސިލެއް ހެދުމަށެވެ. ނަމަވެސް، އެ ރަށުގެ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމަށެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ ކުރި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަަވައިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ ދުރުކޮށްލައި، ޗައިނާ އާއި ތުރުކީ އާއި ގާތް ގުޅުމެއް ބާއްވައި، އިންޑިއާ އަށް ބަދު ބަސްތައް ސީދާ މުއިއްޒު ރައްދު ކުރެއްވި އެވެ.

ނަމަވެސް، މާލީ ދަތިކަން ބޮޑުވެ އެންމެފަހުން ޖެހުނީ އިންޑިއާ އާއެކު އޮތް ގުޅުން ބަދަހިކުރާށެވެ.