Advertisement

އަނިޔާގެ ސަބަބުން ދަގަނޑޭ ސެމީގައި ނުފެންނާނެ

27 އޭޕްރީލް 2023 - 11:27 0

ސަސްގެ ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)


އަނިޔާގެ ސަބަބުން ދަގަނޑޭ ސެމީގައި ނުފެންނާނެ

27 އޭޕްރީލް 2023 - 11:27 0

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުކުޅޭނެ ކަމަށް ސަސްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

ދަގަނޑޭ، 37، އަށް އަނިޔާވީ ގްރޫޕް ސްޓޭޖުގައި ސަސް އިން ކުޅުނު ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެނިކޮށެވެ. އެ ގޮތުން، އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)އާ އެކު އެއް ފަހަރައި އެރި ބޯޅައެއްގައި ދަގަނޑޭ ކަކުލަށް އަނިޔާވެގެން، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަގަނޑޭ ބޭލީ އަށިގަނޑުގަ އެވެެ.

"އަޝްފާގު ބޭނުމެއް ނުކުރާނަން މާޒިޔާ މެޗުގައެއް. ބޮޑަށް ރެސްޓް (އަރާމް) ކޮށްގެން ފިޓްވާން ވަގުތު ދޭން ބޭނުންވަނީ. ރިސްކް ނަގާކަށް ބޭނުމެއް ނުވޭ، ބޭނުންވަނީ އަޝްފާގު ލީގަށް ފިޓްވާނެ ގޮތެއް ހޯދަން. ކަކުލުގެ އަނިޔާގެ މާބޮޑު ތަފުސީލެއް އަދި ނުލިބޭ. އެމްއާރްއައިއެއް ހަދަން ބުނެފައި އޮތީ،" ސަސްއާ ގުޅުމަށް ފަހު ތިން ގޯލު ޖަހާފައިވާ ދަަގަނޑޭއާ ބެހޭގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންމަ ބުނީ ދަަގަނޑޭ ނެތުމަކީ ގެއްލުމެއް ކަމަށާއި އުނިވެގެންދިޔައީ ލީޑަޝިޕަށް ބަލާއިރު، ޓީމުގެ ބޮޑު ބައެއް ކަމަށެވެ.

"އެހެންވީމަ އެކަހަލަ ކުޅުންތެރިއަކު ނެތުން އެއީ ޓީމަށް ލިބޭނެ އުނިކަމެއް. ނަމަވެސް އަޅުގަނޑުމެންގެ މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށް، ކުޅުން ރަނގަޅު ކުރަމުންދަނީ. އެހެންވީމަ އެ ކުޅުންތެރިންނަށް އިތުބާރު އެބަ އޮތް،" އިންމަ ބުންޏެވެ.

ދެ ފަހަރެއްގެ މަތިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުނީ ކޮންމެ ގޮތެއް ވިޔަސް މާޒިޔާ ޓީމަކީ ސަސް ޓީމަށް ވުރެ ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންކަމުން، މާޒިޔާ މި މެޗުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ އެ "އެކްސްޕެކްޓޭޝަން"އާ އެކު ކުރިއަށްދާއިރު، އެ ޓީމަށް މީގެ ޕްރެޝަރު އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނެތް ޕްރެޝަރެއް. ރަނގަޅަށް ހިތްހަމަޖެހިލައިގެން ރަނގަޅު ޕާފޯމަންސެއް ކުރަން މި ނުކުންނަނީ. މާޒިޔާ އަށް އޮތް ޕްރެޝަރެއްގެ ވާހަކަ (ސަސް އަށް) ބުނާކަށް ނޭނގެ. އަބަދު ވެސް މާޒިޔާގައި ނަތީޖާ ނެރެންް ޖެހޭނެ. އެއީ އެނގޭ ކަމެއް،" އިންމަ ބުންޏެވެ.

މާޒިޔާ އާއި ސަސް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އީގަލްސް އިން ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.