27 އޭޕްރީލް 2023 - 11:33 0
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރުގެ. ކޯޗު މުހައްމަދު ނިޒާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
27 އޭޕްރީލް 2023 - 11:33 0
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކޮށް ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބުމަކީ ބުރަށް ބޮޑު ކާމިޔާބެއް ކަމަށާއި، ސެމީ ފައިނަލަށް ނުކުންނައިރު އެންމެ ބޮޑަށް ވިސްނަނީ ކުޅުންތެރިން "އޯވާ ކޮންފިޑެންސް" ވިޔަ ނުދޭން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޕްރެސިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރި ފަހަރު ސެމީ ފައިނަލުން ބުރު ޖާގަ ހޯދީ އެންމެ ފަހުގެ ލީގު ޗެމްޕިއަން އަދި މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކުލަބު މާޒިޔާ ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި މޮޅުވާން މަޖުބޫރު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ ފުރަތަމަ ޑިވިޝަންގައި ބުރުން ހޯދީ ފުރަތަމަ މޮޅެވެ.
މިއަދު ހަވީރު ކުލަބު އީގަލްސްއާ ދެކޮޅަށް ނިކުންނަ ސެމީ ފައިނަލް މެޗުގެ ކުރިން ނިޒާމްބެ ބުނީ ސެމި ފައިނަލުން ފުރުސަތު ލިބުމަކީ ވެސް ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާއި އެ ކުލަބަށް ލިބުނު ބޮޑު ކާމިޔާބެއްކަމުގައި ދެކޭ ކަމަށެވެ.
ނަމަވެސް މާޒިޔާ އަތުން ލިބުުނު "ބޮޑު" މޮޅުގެ ސަބަބުން ކުޅުންތެރިން އޯވާ ކޮންފިޑެންސް ވިޔަ ނުދީ ރަނގަޅަށް މެޗަށް ތައްޔާރުކުރަން މުހިންމު އިސްކަމެއްދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ސެމީ އަށް އައުމަކީ މި ކުޅުންތެރިންނާއި ކުލަބަށް ކުލަބަށް ލިބުނު ވަރަށް ބޮޑު އެޗީވްމަންޓެއް. އެހެންވީމަ ކުޅުންތެރިން އޯވަކޮންފިޑެންސް ވިޔަނުދީ ކުލަބުގެ އެކްސްޕެކްޓޭޝަން ހައި ވިޔަ ނުދީ މެޗަށް ތައްޔާރުވުން އެއީ އެންމެ މުހިންމު އެއް ކަންތައް" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ހުރިހާ ގޮތަކުން ބަލާއިރުވެސް މިއީ ތަފާތު މެޗެއް ކަމަށާއި ތައްޔާރުވާން ޖެހޭ ގޮތްވެސް ތަފާތު ކަމަށެވެ. މިދިޔަ މެޗުގައި ނެރުނުކަހަލަ ނަތީޖާއެއް ސެމީ މެޗުގައި ތަކުރާރުކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި އެ ކަން ކުޅުންތެރިންނަށް ރަނގަޅަށް ވިސްނާދީފައި ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ނިޒާމްބެ ސިފަ ކުރާ ގޮތުގައި އީގަލްސް ޓީމަކީ ޓެކްޓިކަލީ ރަނގަޅު ޓީމެކެވެ. އޭނާ ބުނީ މި ސީޒަންގައި އީގަލްސް އިން ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއް ކަމަށާއި ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ދެ މެޗުން މޮޅުވެފައި އޮތުމަކީ އެ ޓީމްގެ ފެންވަރު ފެންނަ ކަމެއް ކަމަށެވެ.
"ސީޒަނުގައި އަދި މިހާތަނަށް އީގަލްސްއަށް ގެއްލުނީ ޗެރިޓީ މެޗު އެކަނި. މި މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވަމުން އައި ޓީމެއް އެއީ. އެހެންވީމާ އެ ޓީމުގެ ފެންވަރު އެނގޭ. އިދިކޮޅު ޓީމަށް އެއްޗެއް ބުނާނަމަ ބުނަން އޮތީ، އިދިކޮޅު ޓީމަކީ ޓެކްނިކަލީ ރަނގަޅު ޓީމެކޭ" ކެރިއަރުގައި ގިނަ ފަހަރުތަކެއްގެ މަތިން ޕްރެޝަރު މެޗުތަކެއްގައި އެކި ޓީމުތައް ގޮވައިގެން އީގަލްސްއާ ކުރިމަތިލި ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ވަނީ އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އެކުލަބުގައި ކުރިން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފަ އެވެ. އީގަލްސްގެ ކޯޗަކަށް ސާންތި ހުރުމަކީ ކުލަބަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި، މިހާތަނަށް އެ ކުލަބު ކުޅުނު މެޗުތަކުން ވެސް އެކަން ފެންނަ ކަމަށެވެ.
""އަސްލުގަ މިހާރު ސާންތި އެހެރީ ސާންތިގެ ސީޓުގައި. ސާންތި އެންމެ ކޮމްފޮޓަބަލްކޮށް މަސައްކަތްކޮށްފައިވާ ސީޓުގައި. އެހެންވީމަ އެއީ ސާންތި އަދި އީގަލްސް އަށްވެސް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެ އެޑްވާންޓޭޖްގެ ބޭނުން ހިފައިގެން މިހާތަނަށް އެޓީމްގެ ސްޓްރެންތްވެސް ފެންނަނީ ވަރަށް ރަނގަޅަށް." ނިޒާމްބެ ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި ކުލަބު އީގަލްސް އާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރާނީ މިއަދު ހަވީރު 16:00 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment