Advertisement

ތިމާވެށީގެ ގޮތުން ރަށްރަަށަށް އަންނަ ބަދަލުތައް ރެކޯޑު ކުރާނެ ނިޒާމެއް ބޭނުން: އަސްލަމް

26 އޭޕްރީލް 2023 - 12:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ތ.ބުރުނީ ގިރާ ސަރަހައްދު. ޕްލޭނިން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް އަންނަ ބަދަލުތައް ރެކޯޑްކޮށް ބަލަހައްޓަން ޖެހޭ ކަމަށް. ފައިލްފޮޓޯ/އަދަދު


ތިމާވެށީގެ ގޮތުން ރަށްރަަށަށް އަންނަ ބަދަލުތައް ރެކޯޑު ކުރާނެ ނިޒާމެއް ބޭނުން: އަސްލަމް

26 އޭޕްރީލް 2023 - 12:32 0

ރަށްގިރުމުގެ މައްސަލަ ހައްލުކުރުގެ މަސައްކަތް ރަނގަޅަށް ކުރުމަށް ޓަކައި، ތިމާވެށީގެ ގޮތުން ރަށްރަށަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި ރެކޯޑު ކުރުމުގެ ނިޒާމެއް ބޭނުންވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް އަންނަ ބަދަލުތައް މަހުން މަހަށް ރެކޯޑްކުރުމަކީ މިހާރު ހުރި ވަސީލަތްތަކާ އެކު ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އެކަން އެގޮތަށް ކުރަން ފެށޭނީ ގާނޫނަކުން، ގަވައިދަކުން ނުވަތަ އިރުޝާދަކުން ކަން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މިރަށްރަށަށް ވާނުވާ ގޮތް އަޅުގަނޑުމެން ދެނެގަނެ ރެކޯޑްސް ހުންނަން އެބަޖެހޭ. ދާއިމީ ގޮތެއްގައި ހުންނަ ރެކޯޑްތަކެއް އެބަ ހުންނަން ޖެހޭ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް. އަޅުގަނޑުމެން ވެސް މިކަން ކުރަން އަޅުގަނޑަށް ފެނޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރަށްރަށް ގިރުމާއި ވޮޑުމުގައި އަބަދު އެއްގޮތެއް ނުވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީއަށް ހިންގާ އެކިއެކި މަޝްރޫއުތައް ފަދަ ސަބަބުތަކާ ހެދި އެވެ. ރަށްރަށަށް އަންނަ ބަދަލުތައް ބަލައި ރެކޯޑްކުރުމުން މުހިއްމު ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މަހަކު އެއް ފަހަރު މިއިން ކޮންމެ ރަށެއްގެ ޝޯލައިން މެޕެއް ކޮށްލަން އަޅުގަނޑަށް ފެނޭ. އެކަން ކުރަން އެއީ ފަސޭހަ ކަމެއް މިހާރު މިޒަމާނުގައި،" އަސްލަމް ވިދާޅުވި އެވެ.

އެކަމަށް ބޭނުން ވާނީ އަސްލަމް ވިދާޅުވި ގޮތުގައި ނިސްބަތުން އަގުހެޔޮ ޑްރޯނެކެވެ. އެއީ ކޮންމެ މީހަކަށް ވެސް އޮޕަރޭޓު ކުރެވިދާނެ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށްރަށަށް ވާނުވާ އެގޮތަށް ބަލައި ރެކޯޑު ކުރުމުގެ ވިސްނުމަކީ އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހަށް ދެއްވި "ޕްރޮފެޝަނަލް އޮޕީނިއަން" އެކެވެ.

އަސްލަމް އެހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު އެ ވިދާޅުވި އުސޫލު ގާއިމްކުުރުމަށް ޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް މަޖިލީހުން ކުރާނެ ކަމަށެވެ.

އެފަދަ ގާނޫނެއް ހެދުމަށް ޓަކައި މަޖިލީހުން ބިލެއް ޑްރާފްޓްކޮށް، މިނިސްޓަރުގެ ލަފާ ހޯދަން ފޮނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތް މަޖިލީހުގެ ދެން އޮތް ދައުރުގައި ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.