25 އޭޕްރީލް 2023 - 19:21 1
އާމިނަތު ނިއުޝާ
އިންޑިއާ ހައިކޮމިޝަނުން ވަނީ ތިން މަޝްރޫއަކަށް 2.73 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގާ ދީފައި -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން
25 އޭޕްރީލް 2023 - 19:21 1
ދިވެހި ސަރުކާރުން ހިންގާ ތިން ޕްރޮޖެކްޓަކަށް އިންޑިއާ ސަރުކާރުން 2.73 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފި އެވެ.
މި ފައިސާ ދީފައި ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ތިން މަޝްރުއޫއެއް ކަމަށްވާ ގދ. ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް" ގާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމަުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.
އިންޑިއާާ ހައިކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައިމްޕެކްޓް ޕްރޮޖެކްޓްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްގީގެ ގުޅުމުގެ މުހިންމު ބައެެއް ކަމަށާއި، މި މަޝްރޫއުތަކަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.
"މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަކަށްވާއިރު، މި މަޝްރޫއުތަކުގެ ސަބަބުން އާންމުން އިންތިހާބުކުރާ މަންދޫބުންގެ ގާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުން ކުރިއަށްގެންދާ ލާމަރުކަޒުކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ،" އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 އެޗްއައިސީޑީޕީ ހާއްސަ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްގީ، ޓޫރިޒަމް، ކުޅިވަރު، ދަނޑުވެރިކަން، ސަގާފަތް، ސިއްހީ، ޖަޒީރާ އުމްރާނީ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފަ އެވެ.
އެގޮތުން މި ހިލޭ އެހީގެ 46 މަޝްރޫއުގެ ތެރެއިން ޖުމްލަ 21 މަޝްރޫއެއް ނިންމައި އިފްތިތާހުކޮށް، އިތުރު ފަސް ޕްރޮޖެކްޓެއް އިފްތިތާހުކުރުމަށް ތައްޔާރީތައްވަމުން އަންނަ އިރު އޭގެ ތެރޭގައި އައްޑޫގެ އިކޯ ޓޫރިޒަމް ޒޯންތަކާއި، ހއ. ހޯރަފުށީގައި ގާއިމްކުރެވުނު ފެން ބަންދު ކުރާ ޕްލާންޓް އަދި ތ. ވޭމަންޑޫ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިމެނެ އެވެ.
Comment