Advertisement

އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ބިރުވެރިކަން

25 އޭޕްރީލް 2023 - 11:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީގެ ކުރިން އިންޑޮނީޝިއާއަށް އައި ބިންހެލުމެއްގައި އިމާރާތްތައް ބިމާ ހަމަވެފައި. -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ބިރުވެރިކަން

25 އޭޕްރީލް 2023 - 11:04 0

ޕަޑާންގް، އިންޑޮނީޝިއާ (އެޕްރީލް 25) - އަންގާރަ ދުވަހު 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު ދިނުމުން އިންޑޮނީޝިއާގައި ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

އެހެން ނަމަވެސް، ގަޑިއިރުތަކެއް ފަހުން ސުނާމީގެ އިންޒާރު އުވާލި އެވެ. ބިންހެލުން އައީ ދަންވަރު 3:00 ހާއިރު މެންޓަވާއި ރަށްތައް ކައިރިން ކަނޑުގެ 15.5 ކިލޯމީޓަރު އަޑިންނެވެ.

މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ. އަދި މާ ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ވެސް އެނގިފައެއް ނުވެ އެވެ.

އިންޑޮނީޝިއާގެ ޖިއޯފިޒިކްސް އެޖެންސީއިން ނެރުނު ސުނާމީގެ އިންޒާރު އުވާލީ ދެ ގަޑިއިރު ފަހުންނެވެ. އެ އިދާރާއިން އެންގީ އާއްމުން ބިންތިރި ހިސާބުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށެވެ.

ބިންހެލުމަށް ފަހު ގިނަ އަދަދެއްގެ ލޮޅުންތައް ވެސް ދަނީ އަންނަމުންނެވެ. އިންޑޮނީޝިއާއަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ.

އިންޑޮނީޝިއާ އޮންނަނީ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ހިސާބުގަ އެވެ. އެއީ ބިމުގެ އަޑިން ޓެކްޓޯނިކް ޕްލޭޓްތައް ވަރަށް ގިނައިން ހަރަކާތްތެރިވާ ސަރަހައްދެކެވެ.

މީގެ ކުރިން 2004 ވަނަ އަހަރު އިންޑޮނީޝިއާގެ ސުމަޓްރާ ރަށަށް އައި 9.1 މެގްނިޓިއުޑް ބިންހެލުމެއްގައި އިންޑޮނީޝިއާގައި އެކަނިވެސް 170،000 މީހުން މަރުވި އެވެ. އެ ފަހަރު ރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ގިނަ ގައުމުތަކުން މީހުން މަރުވެ ބޮޑު ގެއްލުންތަކެއް ލިބުނެވެ.