Advertisement

ސައުދީ އަރަބިއްޔާ އާއި ޔަމަން ކައިރިން ޔޮޓެއް ގެއްލިއްޖެ

25 އޭޕްރީލް 2023 - 07:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަން ކައިރީގައި އޮތް ބޯޓުތަކެއް. -- ފޮޓޯ: އޭއެފްޕީ


ސައުދީ އަރަބިއްޔާ އާއި ޔަމަން ކައިރިން ޔޮޓެއް ގެއްލިއްޖެ

25 އޭޕްރީލް 2023 - 07:22 0

ޑުބާއީ، ޔޫއޭއީ (އެޕްރީލް 24) - ރަޝިއާގެ ތިން މީހުންނާއި މިސްރުގެ ދެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ޔޮޓެއް ސައުދީ އަރަބިއްޔާ އާއި ޔަމަން ކައިރިން ގެއްލިއްޖެ އެވެ.

ޔޮޓުގެ ވެރިފަރާތުން ތުހުމަތު ކުރަނީ އެކަމުގެ ފަހަތުގައި ތިބީ ކަނޑުފޭރޭ މީހުން ކަމަށެވެ. ގެއްލުނީ "30 މިނިޓްސް" ނަމަކަށް ކިޔާ 62 ފޫޓުގެ ޔޮޓެކެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ޔޮޓުގެ ވެރިފަރާތަކީ ޑުބާއީގައި ދިރިއުޅޭ ރަޝިއާ މީހެކެވެ.

މީގެ ކުރިން ވެސް ރަތް ކަނޑުގައި ބައެއް އުޅަނދުތަކަށް ހަމަލާތައް އަމާޒުވެފައިވެ އެވެ. އެކަން ކުރަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނެވެ.

އެހެން ނަމަވެސް، މިހާރު ގެއްލިގެން އުޅޭ ޔޮޓާ ގުޅޭ ގޮތުން ހޫތީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޔޮޓުން އެންމެ ފަހުން ފޮނުވި ލޮކޭޝަން ޑޭޓާއިން އެނގޭ ގޮތުގައި އެޕްރީލް 19 ވަނަ ދުވަހު އެ އުޅަނދު އޮތީ ސައުދީ އަރަބިއްޔާގެ ފަރަސަން އައިލެންޑު ކައިރީގަ އެވެ. އެ ތަނުން ޔޮޓު ދަތުރު ކުރަން ހަމަޖެހިފައި އޮތީ ޖިބޫޓީއަށެވެ.

އެކަމަކު ޔޮޓުގެ ވެރިޔާ ޑިމީޓްރީ ޗުގުއެވްސްކީ ބުނީ އޭގެ ފަހުން އުޅަނދުގެ ހަބަރެއް ނުވާ ކަމަށެވެ. އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާގައި ހުންނަ ރަޝިއާގެ އެމްބަސީއިން ބުނީ ޔޮޓާ "ރޭޑިއޯ މުއާމަލާތްތައް ކެނޑިފައިވާ" ކަމަށެވެ.

އެކަމުގައި ސައުދީގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްބަސީގެ ބަޔާނުގައި ބުންޏެވެ. ޗުގުއެވްސްކީ ބުނީ ޔޮޓަށް ހާލަތެއް ދިމާވެ އެހީއަށް އެދި އޭގެ ކެޕްޓަން ސައުދީ އިދާރާތަކަށް ސިގްނަލް ފޮނުވި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސައުދީއިން ވަކި އެއްޗެއް ނުބުނެ އެވެ.