25 އޭޕްރީލް 2023 - 08:59 1
ސާއިފް ޝިޔާދު
ޖަނާހު "އަދަދު" ނޫހާ ވާހަކަ ދައްކަވަނީ. އޭނާގެ ޕާޓްނަރުންނާ އެކު 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓު ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވި ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
25 އޭޕްރީލް 2023 - 08:59 1
އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑާ އެކު 1987 ގައި ކުދިކުދި މަސައްކަތްތަކުން ފެށި ކެރިއަރުގައި މިއަދު މުހައްމަދު އަލީ ޖަނާހު (ޖަނާ) އަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ވިދުން ގަދަ ނަމެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ ސޮނެވާ, ފޯ ސީޒަންސް އަދި ޝަންގްރިއްލާ ފަދަ ބްރޭންޑުތަކުގެ މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ހެދުމުގައި އިސް ބައިވެރިއެކެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި ކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާހު އެވެ. އަދިވެސް, ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ އޭނާ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަނާހު ދައްކުވައިދިނީ ދިވެހިންނަކީ ވެސް އެ އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަ ޖަހާލެވޭނެ ބައެއް ކަމެވެ. އޭނާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ރިސޯޓު ކަމަށްވާ ވަލްޑޯފް އެސްޓޯރިއާގެ ޕާޓްނަރެކެވެ. އޭގެ އިތުރުން ވެސް ގިނަ ރިސޯޓުތަކެއް އޭނާގެ ޕޯޓްފޯލިއޯގެ ދަށުން ގެންދަނީ ހިންގަމުންނެވެ.
މިއީ ޖަނާހުގެ ހިދުމަތްތެރި ކެރިއަރުގެ މަދު އުސްއަލިތަކެކެވެ. ރާއްޖޭގެ އިގްތިސާދަށް ވެސް ނުހަނު ގިނަ ހިދުމަތްތަކެއް ކުރަމުންދާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރިއަށް އޮތީ އިގްތިސާދަށް ފަހި އަހަރުތަކެކެވެ. އާ އިންވެސްޓުމަންޓުތަކާއެކު ވިޔަފާރިގެ ފުޅާ ފުރުސަތުތަކެއް އުފެެދިގެންދާނެ އެވެ. އާ ވަޒިފާތަކާ އެކު އިގްތިސާދަށް ދިރުން އަންނާނެ އެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިމަގާ ގުޅޭ ގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ގުނާލެވޭ ޖަނާހު "އަދަދު" ނޫހާއި ހިއްސާކުރެއްވި މުހިންމު ވާހަކަތަކެވެ.
ޖެނުއަރީ 2020, ގައި ކޮވިޑުގެ ހަބަރުތައް ދުނިޔެއަށް ފެތުރިގެން އައިއިރު އެއީ ކިހާ ވަރެއްގެ ކިހާ ނުރައްކަލެއް އޮތް ބަލިމަޑުކަމެއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ފަރުވާއެއް ނެތް ބައްޔަކަށް އެތައް މިލިއަން މީހުން ޕޮޒިޓިވްވެ މުޅި ދުނިޔޭގެ ނޭވާ ހާއްސަވެ، ހުއްޓުމަކަށް އައެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަކީ ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބި ރާއްޖެ އެވެ.
ޖަނާހު ފާހަގަކުރެއްވި ގޮތުގައި ހުރިހާ އިންޑަސްޓްރީއެއްގެ ހުރިހާ ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ކުރުން ވެގެންދިޔައީ މުހިންމު ކަމަކަށެވެ. އެ ހާލަތުން ގައުމު އަރައިގަނެއް ކުރިއަށް ދިޔުމަށް އެޅުނު ބޭނުންތެރި ފިޔަވަޅެކެވެ. ދުނިޔޭގެ އެއްވެސް ބަޔަކަށް އެ ބަލީގައި އަމަލުކުރާނެ ގޮތެއް ނޭނގި ތިއްބައި ދިވެހިން ދެއްކީ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
ޖަނާހުގެ އޮފީހުގައި އޭނާ އިންޓަވިއު ދެއްވަނީ. ރާއްޖޭން ކޮވިޑު މެނޭޖުކުރި ގޮތާއި މެދު ތައުރީފް ކުރެއްވި --- ފޮޓޯ; މުހައްމަދު ޝާބިން/އަދަދު
"ދުނިޔެއަށް ނަމޫނާ ދައްކަމުން އަޅުގަނޑުމެން ދިޔައީ. ކިހިނެއް ކަން މީހުން ބަލަހައްޓާނީ, ކިހިނެއްކަން މިކަން މެނޭޖުކުރާނީ. އެތައް ބަޔަކު ގުޅިގެން ކޮވިޑު މެނޭޖުމަންޓު ފެސިލިޓީ ހެދީ. އެތަނަށް ޕްރައިވެޓު ކޮންޓްރެކްޓަރުން ވެސް ނުކުތް މަސައްކަތަށް. އެހެންކަމުން މިއީ ޕްރައިވެޓު ސެކްޓަރާއި ސަރުކާރުގެ ވަރަށް ބޮޑު ޕާޓްނާޝިޕެއްގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް," ޖަނާހު ވިދާޅުވި އެވެ.
ދުނިޔެއަށް ރާއްޖޭން ދައްކައިދިނީ ޕްރައިވެޓު ސެކްޓަރާއި ސަރުކާރަކުން ގުޅިގެން ކަންކަން ކުރުމުން ގައުމަކަށް ވާނެ ފައިދާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި, މެނޭޖު ކުރުމުގައި ރާއްޖޭން ހޯދި ކާމިޔާބީގެ ސަބަބުން ކޮވިޑަކީ ދިމާވި ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ހަނދާން ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ބެލެންސް ގެނައުމަށް އެންމެ ބޮޑު ކަމަކީ މަޝްވަރާ ކުރުން. ވާހަކަ ދައްކައި އަޑުއަހާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްކަން ދޭހަވީ. ކޮވިޑު މެނޭޖު ކުރުމުގެ ޓެކްސްޓު ބުކް ކޭސްއެއްގެ ގޮތުގައި ރާއްޖެ އާއި ދުބާއީ ގިނަ ބަޔަކު ގަބޫލު ކުރޭ. އަޅުގަނޑުމެން ދެ ގައުމުން ދައްކައިދިނީ ވަރަށް ދަތި ހާލަތުގައި ވެސް ކަންކަން މެނޭޖުކޮށް ނޯމަލްސީއާ ހަމައަށް ދެންދެން ގޮތްތަކެއް ކަނޑައަޅައިގެން, ގައުމު ހުޅުވައިގެން ތިބީ," ކޮވިޑުގައި ރާއްޖޭން ހޯދި ކާމިޔާބު ފާހަގަކުރަމުން ޖަނާހު ވިދާޅުވި އެވެ.
ޖަނާހުއަކީ ރާއްޖެއަށް ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިންވެސްޓަރުން ރާއްޖެ ގެނެސް ރާއްޖޭގައި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް މިހާރު ވެސް ދަނީ ކުރިއަށްގެންދަވަމުންނެވެ. ރާއްޖޭގައި އިންވެސްޓު ކުރަން ބޭރު މީހުން ފަސްޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތައް އިންވެސްޓަރުންނާ އެކު އެންމެ ކައިރިން މަސައްކަތްކުރާ ބޭފުޅެއްގެ ހައިސިއްޔަތުން ޖަނާހު ގަބޫލެއް ނުކުރައްވަ އެވެ.
"އެއްވެސް ފިކުރެއް ނެތް ރާއްޖެއޭ ބުނީމަ. އެމެރިކާގެ އިންވެސްޓުމަންޓު ފާމަކުން ވެސް ވިދާޅުވި ތިމަންނަމެންގެ އެސެސްމެންޓުގައި ރާއްޖެއަކީ ޓިއާ ވަން [އެއްވަނަ ދަރަޖައިގެ ގައުމެކޭ], ލަންޑަން އާއި ނިއު ޔޯކާއި ދުބާއީ އާއި ރާއްޖެ. މިއީ އެއް ކެޓަގަރީއެއްގެ އިންވެސްޓުމަންޓު އެޕެޓައިޓް ހުރި ގައުމުތަކެއް," ބޭރުގެ އިންވެސްޓުމަންޓު ފާމަކުން ރާއްޖެއާ މެދު ދެކޭ ގޮތް ހިއްސާކުރައްވަމުން ޖަނާހު ވިދާޅުވި އެވެ.
މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ޖަނާހު ޕާޓްނަރެއްގެ ގޮތުގައި ތަރައްގީ ކުރެއްވި ހައި އެންޑް ރިސޯޓު, ވަލްޑޯފް އެސްޓޯރިއާ އިތާފުށި
އިގްތިސާދީ އަޑިގަނޑަކަށް ފަހު އަނެއްކާ ވެސް ރާއްޖެއަށް ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ތިން އަހަރަކީ "އުފާ ފާގަތި, ހިތްހަމަޖެހޭ" ވަގުތުކޮޅަކަށް ވާނެ ކަމަށް ޖަނާހު ވިދާޅުވެ އެވެ. އެކަމަކު, އެކަން ދެމެހެއްޓުމަށް ބައެއް ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.
"އެއް ކަމަކީ އެ ގައުމެއްގައި ހަމަޖެހުން އޮތުން. އެއީ ކޮންޓިނިއުޓީ އޮތުން. ނުވަތަ އެ ގައުމެއްގައި ވެރިކަމަކީ އަވަސް އަވަހަށް ބަދަލުވާ އެއްޗަކަށް ވެގެން ނުވާނެ. ވެރިކަމުގައި ތިބި ބަޔަކީ ސްޓޭބަލްކޮށް ގައުމު ހިންގާ ބަޔަކަށް ވާން ޖެހޭ. ދެން އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގެ ކުރީގައި ތިބެން ޖެހޭ," އިންވެސްޓުމަންޓުތަކާ ރައްޓެހި ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ޖަނާހު ފާހަގަކުރެއްވި އެވެ.
ރާއްޖެއަކީ މި ވަގުތު ބޭރުގެ އިންވެސްްޓުމަންޓަށް ފަސޭހަ ގައުމެއް ކަމަށާއި ސަރުކާރުން ވެސް މިކަންކަން ވަރަށް ޕޮޒިޓިވްކޮށް ނަގާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި ދަނޑިވަޅުގައި އެންމެ ގިނައިން އިންވެސްޓުމަންޓުތައް އަންނަ އެއް ގައުމަށް ވުމުގެ ފުރުސަތު ރާއްޖެއަށް އޮތް ކަމަށް ޖަނާހު ފާހަގަކުރެއްވި އެވެ.
ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުން ކުރަމުންދާ އިންވެސްޓުމަންޓުތަކުގެ ވެލިއު ނުވަތަ އަގު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިލިއަން ޑޮލަރުން ކުރި އިނެވެސްޓުމަންޓުތައް ބިލިއަން ޑޮލަރަށް ބަދަލުވެ ރާއްޖޭގެ އިގްތިސާދަށް ވަންނަ ފައިސާގެ އަދަދު ވެސް މިދަނީ އިތުރުވަމުންނެވެ. ޖަނާހު ދެއްވީ ދެން ވެސް ރާއްޖޭގެ އިގްތިސާދަށް ދިރުން ގެނުވާނެ މުހިންމު ވާހަކައެކެވެ.
"މިޑިލް އީސްޓް އަދި ފާ އީސްޓް އިންވެސްޓަރުންނާ ގުޅިގެން 6-8 އިންވެސްޓުމަންޓު އޮތީ މިހާރު އެޕްރޫވަލް ލިބިފަ. މިއީ ހުވަފެނެއްގަ ހުރި އެއްޗެއްސެއް ނޫން. އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ޕާޓްނާޝިޕްގެ ތެރެއިން ރާއްްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓު އެޕްރޫވްވެއްޖެ," އެ ހަބަރު ހިއްސާކުރައްވަމުން ޖަނާހު ވިދާޅުވި އެވެ.
ވިޔަފާރިތައް ރެޖިސްޓްރީކޮށް, ހޯދަން ޖެހޭ ހުއްދަތައް ހޯދައި, މާސްޓާޕްލޭންތައް ފާސްކޮށް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ހިނގައިގެންފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި, އެ މަޝްރޫއުތަކާ އެކު އިގްތިސާދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާގެ އެބައޮތެވެ.
ޖަނާހު އަދި އޭނާގެ ވިޔަފާރި ޕާޓްނަރެއް. މިއީ އެ ދެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު ތަރައްގީ ކުރި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަލްޑޯފް އެސްޓޯރިއާ އިތާފުށި --- ފޮޓޯ; މުހައްމަދު ޝާބިން/އަދަދު
"އެންމެ ބޮޑު ބަދަލު އަންނާނީ ޑޮލަރަށް, ޑޮލަރުގެ އަގު ހިފެހެއްޓޭނެ. ދެވަނަ ކަމަކަށް ރާއްޖޭގެ ރެއަލް އެސްޓޭޓް. މި ޕްރޮޖެކްޓުތައް ހިންގަން ވަރަށް ގިނަ މީހުން އަންނާނެ. މާލެ ސަރަހައްދުގައި މީގެ ގިނަ ޕްރޮޖެކްޓުތައް ހިނގައިގެން މިދަނީ. އެހެން ވީމާ މި ސަރަހައްދުގައި ވަރަށް ބައިވަރު ވަޒިފާގެ ފުރުސަތު ހުޅުވިގެންދާނެ," އޭނާ ވިދާޅުވި އެވެ.
ވަލްޑޯފް އެސްޓޯރިއާ އިތާފުށީގެ މަސައްކަތްތައް ކުރިއަށްދިޔައިރު ވެސް މި ސަރަހައްދުގައި ގިނަ ހަރަދުތަކެއް ކުރި ކަމަށާއި ކުރިއަށް އަންނަން ހުރި އިންވެސްޓުމަންޓުތަކާ އެކު އޭގެ ހަ ގުނަ ނުވަތަ އަށް ގުނަ ހަރަދުތައް ކުރަން ޖެހޭ ކަމަށް ޖަނާހު ވިދާޅުވި އެވެ.
"ބައިވަރު އެހެން އިންވެސްޓަރުން ވެސް ރާއްޖެ އެބަ އާދޭ. މިއޮތީ ވަރަށް ރަނގަޅު ވަގުތެއް. ވަރަށް ބޮޑު ބޫމެއް އަންނާނެ ދުވަސްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން,"
ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުވައި އެންމެ ބޮޑު ޝަކުވާއެއް ގޮތުގައި އޮންނަނީ ދިވެހިންނަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމެވެ. ވަކިން ހާއްސަކޮށް ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ތިބޭ ދިވެހިން މަދު ކަމަށް އަބަދުވެސް ބުނެ އުޅެ އެވެ. އެކަމަކު ޖަނާހު ގަބޫލުކުރައްވާ ގޮތުގައި ބޭރު މީހުން ވެސް ވަޒިފާތަކުގައި ތިބެން ޖެހެ އެވެ.
"އާބާދީއެއް ނެތް. އިންޓަނޭޝަނަލް ޑިމާންޑު އެބަ އޮތް ރާއްޖެއަށް މިވަގުތު. އެހެންވީމާ މީގެ މެކްސިމަމް ހޯދޭނީ ދިވެހިންނާއި ބޭރު މީހުން ލައިގެން. ސްޕެސިފިކް ކަންކަމަށް ބޭރު މީހުން ގެންނަންވީ. ދިވެހިންނަށް ކުރެވޭ އެއްވެސް ކަމަކަށް އެ މީހުން [ބިދޭސީން] ގެނެސްގެން ނުވާނެ," މިކަމުގައި އޭނާގެ ހިޔާލުތައް ހިއްސާ ކުރައްވަމުން ޖަނާހު ވިދާޅުވި އެވެ.
ރާއްޖޭގެ ކުދިން ވެސް މަސައްކަތް ކުރަންވީ ބޭރު މީހުންނާ އެއްވަރަށް ތައުލީމާ ތަޖުރިބާ ހޯދަން ޖެހެ އެވެ. އެއީ, އިންވެސްޓަރުންނަށް ރާއްޖެ ފެންނަނީ ބައިނަލްއަގްވާމީ ތަނެއްގެ ގޮތުގައި ކަމަށާއި ވޯކް ޑިސިޕްލިން ނުވަތަ މަސައްކަތުގެ އަހުލާގު ދިވެހިން ވެސް ދަމަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަނާހު "އަދަދު" ނޫހާށް އިންޓަވިއު ދެއްވަނީ. ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު ވާހަކަތަކެއް ހިއްސާ ކުރެއްވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"މިހާރު ވެސް ވޮލްޑޯފް އެސްޓޯރިއާގެ ޖީއެމްއަކަށް ކެޕޭސިޓީ ހުރި ދިވެއްސެއް ފެނިއްޖެނަމަ އެ މީހަކަށް އަހެރެން އިސްކަން ދޭނަން, ބޭރު މީހަކަށް ވުރެ. މިއީ ދިވެހި ބޭރު ކިޔާނެ ކަމެއް ނޫން. މީގައި އޮތީ މިހާގެ ކުޅަދާނަކަމާއި އެޑިއުކޭޝަނަލް ކޮލިފިކޭޝަން,"
ބޮޑެތި އަދަދުތަކުން އިންވެސްޓު ކުރާ އިރު އިންވެސްޓަރުން ބަލާނީ ރައްކާތެރިކަމާ އެކު އެ ޕްރޮޖެކްޓެއް ޑެލިވާ ކޮށްދެވޭނެ މީހަކަށް ކަމަށް ޖަނާހު ވިދާޅުވި އެވެ. ދިވެހިންގެ ތެރޭގައި ކުޅަދާނަ މީހުން ތިބި ކަމަށާއި އެހެން ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީއަށް މީހުން ތަމްރީނުކޮށް ފުރުސަތުތައް ހޯދައި ދިނުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ ކަމަށް ޖަނާހު ފާހަގަކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment