Advertisement

ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް

22 އޭޕްރީލް 2023 - 15:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހދ. ކުމުންދޫ ނެރުމައްޗަށް އެރި ދޯނި އަރިއަޅާލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ


ކުމުންދޫ ނެރުމައްޗަށް ދޯންޏެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް

22 އޭޕްރީލް 2023 - 15:49 0

ބޮޑު ތިލަދުންމަތީ ދެކުނުބުރީ، ކުމުންދޫ ނެރު މައްޗަށް ދޯންޏެއް އަރައި، އޭގައި ތިބި މީހުންނަށާއި ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިއްޖެ އެވެ.

މިއަދު މެންދުރު 12:30 ހާއިރު ކުމުންދޫ ނެރަށް އަރާފައި ވަނީ އެ އަތޮޅު ކުޅުދުއްފުއްޓާއި އެރަށާ ދެމެދު ދަތުރު ކުރާ 'ކުރެނގި 2' ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ހާދިސާގައި ދޯނީގައި ހުރި އެކަކުގެ އަތް ބިންދައިގެން ގޮސް އެހެން މީހަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާވެފަ އެވެ. އެ ދެމީހުންނަސް ވެސް އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ރާޅު ބޮޑުވުމުގެ ސަބަބުން ހިނގި އެހާދިސާގައި އެ ދޯނިން ގެނައި ބައެއް މުދާ ވެސް ވަނީ ކަނޑަށް ދޫވެފަ އެވެ. އެ ރަށު ކައުންސިލު މެންބަރު، އަލީ ގާސިމް ވިދާޅުވީ އޭގެތެރެއިން ބައެއް މުދާ ކަނޑުމަތިން ނަގާފައިވާ ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ މުދާ ކަނޑަށް ގެއްލިގެން ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ނެރުގެ މައްސަލައަކީ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކޮށްއުޅޭ ކުމުންދޫ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ. 187 ހެކްޓަރު ހުންނަ އެރަށުގެ ނެރު، އިރުމަތި ފަރާތުގައި ކަނޑާފައި ހުރުމުގެ ސަބަބުން ރާޅު ބޮޑުވާ މޫސުމެއްގައި ނަމަ އެރަށު ފަޅަށް ވަދެ ނުކުމެ އުޅުމަކީ ދަތި ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫން، މީގެ ކުރީގައި ވެސް މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް އެ ދިމާލުގައި ހިނގާފައި އެބަހުރި، އެކަމުގެ ޝަކުވާ ވާނީ ކައުންސިލުގެ ފަރާތުން މިނިސްޓްރީގައި ވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ ދިމާލުގައި އޮންނަނީ މާކަނޑު ކަމުން، ރާޅުބޮޑު ދުވަސްވަރެއްގައި ނަމަ ކަނޑުގައި ހުންނަ ބިޔަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ފަޅުތެރެއަށް ވަދެގެން އަންނަ ކަމަށެވެ. މިއަދު ހިނގި ހާދިސާއަކީ ވެސް އެގޮތަށް ވަދެގެން އައި ބިޔަ ރާޅެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގެ ވީޑިއޯއެއް އެރަށު ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައި ވާއިރު، އެއްގަމަށް ވެސް ރާޅު އަރާތަން އެ ވީޑިއޯއިން ފެނެ އެވެ.

ގާސިމް އެހެން ވިދާޅުވިއިރު، އެރަށު ބަނދަރު އަޕްގުރޭޑު ކުރުމުގެ މަސައްކަތް ވަނީ މިދިޔަ އަންގާރަ ދުވަހު އެމްޓީސީސީއާ ހަވާލު ކޮށްފަ އެވެ. އެ މަސައްކަތުގެ ތެރެއިން އެރަށު ވާޓަރު މަރާމާތު ކުރުމާއި އިތުރު 700 ފޫޓަށް ވާޓަރު ދަމާލުމާއި ބަނދަރު ބޮޑު ކުރުމުގެ އިތުރުން ޓީޖެޓީއެއް ގާއިމު ކުރުމާއި 290 މީޓަރުގެ ބޮޑުހިލަޖަހައި ބޭރުތޮއްޓެއް ލުމުގެ އިތުރުން 40 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމާއި އަދި 60 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް އެ މަސައްކަތުގެ ތެރެއިން ވެސް ބަނދަރު އެހެން ދިމާލަކަށް ބަދަލު ކުރުމަށް ނިންމާފައި ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިފަހުން ރައީސް ސޯލިހު މިރަށަށް ވަޑައިގެންނެވީމާ ވެސް ދެންނެވިން މިރަށު ރައްޔިތުން ބޭނުންވާ ކަމެއް ނޫނޭ، އިރުމަތީގައި ބަނދަރު އޮތުމަކީ، ހުޅނގު ފަރާތަށް ބަދަލު ކުރާށޭ ބޭނުމީ، ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަރަށް ބައިވަރު ދިރާސާތައް ކުރުމަށްފަހު އެކަމުގެ މާހިރުންގެ ލަފައާ އިރުޝާދުގެ ދަށުން ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ހާދިސާގައި ނެރުމައްޗަށް އެރި ދޯނި މިހާރު ވަނީ ފަޅަށް ވައްދާފަ އެވެ. ގާސިމް ވިދާޅުވީ އެ ދޯނީގެ ބަނޑުފިލާ ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި އެ ހާދިސާގައި ލިބުނު ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.