Advertisement

ހަތަރު މަސް ތެރޭ އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައި ހުސްވެއްޖެ

22 އޭޕްރީލް 2023 - 11:51 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގައި ހުންނަ ބޭސްފިހާރައެއްގެ ބޭރުގައި އާސަންދައިގެ ހިދުމަތް ލިބޭކަމަށް ބުނެ ހަރުކޮށްފައިވާ ބޮޑުތަކެއް: މިއަހަރަށް އާސަންދައިގެ ބަޖެޓަށް ކަނޑައެޅި އަދަދުގެ 75 ޕަސަންޓު މިހާރު ވެސް ވަނީ ހޭދަވެފައި. -އަދަދު ފައިލް ފޮޓޯ


ހަތަރު މަސް ތެރޭ އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައި ހުސްވެއްޖެ

22 އޭޕްރީލް 2023 - 11:51 0

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން ސަރުކާރުން މުޅި އަހަރަށް ކަނޑައެޅި އާސަންދަ އަދި ސަބްސިޑީ ބަޖެޓުގެ ބޮޑު ބައި ހުސްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ހަފްތާއެކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އާސަންދައަށް ކުރި ހޭދަ ވަނީ 783.1 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މިއީ މުޅި އަހަރަށް އާސަންދައަށް ހޭދަވާނެ ކަމަށް ލަފާކޮށް، ބަޖެޓުގައި ހިމެނި 1.045 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް 75 ޕަސަންޓެވެ.

އާސަންދައިގެ އިތުރުން ސަރުކާރުން ބައެއް އަސާސީ މުދާ އަދި ހިދުމްތަކަށް ދެމުންދާ ސަބްސިޑީއަށް ކަނޑައެޅި ބަޖެޓުގެ ބޮޑު ބައި މި މުއްދަތުގެ ތެރޭގައި ވަނީ ހުސްވެފަ އެވެ.

ސަބްސިޑީ ދިނުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ހިމެނީ 2.285 ބިލިއަން ރުފިޔާ އެވެ. އެކަމަކު އޭޕްރީލް 13 އާ ހަމައަށް 1.350 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ މިކަމަށް ކަނޑައެޅި މުޅި ބަޖެޓުގެ ގާތްގަނޑަކަށް 59 ޕަސަންޓެވެ.

އާސަންދައިގެ އިތުރުން ސަބްސިޑީ ދިނުމަށް ސަރުކާރުން މި އަހަރު ބަޖެޓު ކުރީ އެކަންކަމަށް ކުރާ ހޭދައިގެ ތެރެއިން ވަމުންދާ އިސްރާފުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ އެވެ.

މިގޮތުން، ތެލަށްދެވޭ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދެވޭ ނޫނީ ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކޮށްގެން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޮތީ އަންދާޒާކޮށްފަ އެވެ. އަދި ކަރަންޓު ސަބްސިޑީ ދޭ އުސޫލަށް ގެންނަ ބަދަލުން 150 މިލިއަން ރުފިޔާ މިއަހަރު ސަލާމަތްކުރަން އަމާޒުހިފި އެވެ.

މީގެ އިތުރުން އާސަންދަ އާއި ބޭސްގަތުމަށްކުރާ ހަރަދުކުޑަކޮށްގެން ބަޖެޓުން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރި އެވެ.

ނަމަވެސް، އަހަރުގެ މިހައިތަނަށް އޭގެ ތެރެއިން ހަރަދުކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ތެލުގެ ސަބްސިޑީ ދިނުމުގެ އުސޫލަށް މިއަހަރު ބަދަލު ނުގެންނާނެ ކަމުގެ އިޝާރާތެއް ފިނޭންސް މިނިސްޓްރީން ދާދި ފަހުން ވަނީ ދީފަ އެވެ.

ސަރުކާރުން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު، ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.

ނަމަވެސް، ބަޖެޓުގައި ހިމަނާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅިއްޖެނަމަ، ހަރަދުތައް އިތުރުވެ، ބަޖެޓު ޑެފިސިޓުވާ އަދަދު 14.459 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސްގެ ވިސްނުމަކީ ކޮބާ؟

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް މިދިޔަ ހަފްތާގައި "އަދަދު" އަށް ވިދާޅުވީ އަހަރު ފެށުމުގެ ކުރިން އަންދާޒާކުރި މިންވަރަށް ހަރަދުތައް ކުޑަނުކުރުވޭތީ ބަޖެޓު ޑެފިސިޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ޖެހޭނީ އޯލްޓަނޭޓިވް ގޮތްތަކެއް ހޯދަން. އެކަމުގެ މަޝްވަރާތައް ޕޮލިސީ ލެވެލްގައި ދަނީ ކުރެވެމުން،" ސަރުވަޝް ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓު އިތުރުވުމުގެ ކަންބޮޑުވުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، ޗައިނާ މާކެޓު އަލުން ހުޅުވި، އާންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް ޓޫރިޒަމް ރަނގަޅުވެ، އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން ވެސް ޑެފިސިޓަށް ކުރާނެ ލޮޅުން ކޮންމެވެސް ވަރަކަށް ކުޑަވާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.