Advertisement

ޖުޑިޝަރީގެ ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑާލައިފި


ޖުޑިޝަރީގެ ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑާލައިފި

ޖުޑިޝަރީއަށް ދައުލަތުން މި އަހަރު ކަނޑައެޅި ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑާލައިފި އެވެ.

ޖުޑިޝަރީއަށް ހަމަޖެއްސި ބަޖެޓުން 30 މިލިއަން ރުފިޔާ ފައިނޭންސް މިނިސްޓްރީން ކަނޑާލީ މިއަހަރުގެ ބަޖެޓަކީ ޑެފިސިޓް ބޮޑު އަދި ފައިސާ ހަމަޖައްސަން އުނދަގޫ ބަޖެޓެއް ކަމަށް ބުނެ އެވެ.

"2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު އަދި ފައިނޭންސިން ހަމަޖެއްސުމަށް ދަތި ބަޖެޓަކަށް ވުމާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ މަޖުބޫރުވެފަ، އެހެންކަމުން ތިޔަ ޑިޕާޓްމަންޓްގެ ބަޖެޓުން މި ސިޓީއާއެކު އެޓޭޗްކުރެވިފައިވާ ގޮތަށް ބަޖެޓު އުނިކުރެވިފައިވާ ވާހަކަ ދަންނަވަން،" ފިނޭންސް މިނިސްޓްރީން ޑީޖޭއޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

ޑީޖޭއޭގެ އޮފިޝަލަކު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯޓުތަކުގެ ބަޖެޓުން ޖުމުލަ 30 މިލިއަން ރުފިޔާ އުނިކޮށްފައިވާއިރު އޭގެ ތެރޭގައި ޑީޖޭއޭގެ ބަޖެޓުގައި ކަނޑައަޅާފައިވާ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) ގެ އުމްރާނީ މަސައްކަތްތަކުގެ ބަޖެޓު ވެސް ހިމެނޭ ކަމަށެވެ.

"އެއްވެސް އާ ކޯޓު އިމާރާތެއް ނުފެށޭނެ އެހެންވީމަ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބަޖެޓު އުނިކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން ފޮނުވި ބަޖެޓު މުރާޖައާ ކުރުމަށް ޑީޖޭއޭން އަންނަނީ އެ މިނިސްޓްރީއާ އިތުރަށް މަޝްވަރާ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގަިއ ޑީޖޭއޭއަށް ކަނޑައަޅާފައިވަނީ 585.8 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓު ބަދަލުކުރަން 15 މިލިއަން ރުފިޔާ އާއި ހައިކޯޓު ޕެރަލީގަލް މަސައްކަތަށް 2.2 މިލިއަން ރުފިޔާ އަދި މަދަނީ އިޖުރާއަތުގެ ކޯޑު ތަންފީޒުކުރަން 500،000ރ. ބަޖެޓުގައި ހިމެނީ އޭރުގެ ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކުރުމަށް ފަހު މަޖިލީހުންނެވެ.

ޖުޑިޝަރީގެ ބަޖެޓުގެ އިތުރުން އެހެން ބައެއް މުއައްސަސާތަކުގެ ބަޖެޓު ވެސް ސަރުކާރުން އަންނަނީ އުނިކުރަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ހިމެނެ އެވެ. ބަޖެޓު އުނިކުރި ހުރިހާ އޮފީހެއްގެ ލިސްޓެއް އަދި ނޭނގެ އެވެ.