Advertisement

ޕޯޗުގަލްގެ އާނާއަށް ފެހިފެހި ފެހެންދޫގެ ތަޖުރިބާ

24 އޭޕްރީލް 2023 - 08:48 6

ބ. ފެހެންދޫ

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބ، އަތޮޅު ފެހެންދޫގައި ގެސްޓްހައުސެއް ހިންގަމުން އަންނަ އަނާ "އަދަދު" އަށް އިންޓަވިއު ދެނީ - ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޕޯޗުގަލްގެ އާނާއަށް ފެހިފެހި ފެހެންދޫގެ ތަޖުރިބާ

24 އޭޕްރީލް 2023 - 08:48 6

ބ. ފެހެންދޫ

ދުނިޔޭގެ ގިނަ ގައުމުތަކަށް ދެވިއްޖެ އެވެ. އެތައް ފަރުބަދައަކާ ވާދީއަކާ އަތިރިމައްޗެއް ފެނިއްޖެ އެވެ. އެކި މުޖުތަމައުގެ އެކި ސަގާފަތް ތަޖުރިބާ ކުރެވިއްޖެ އެވެ. ނަމަވެސް، ހަމަހިމޭން މަޑުމައިތިރި މާހައުލެއްގައި ދިރިއުޅޭ ހިތްޖެހިފައި ހުރި އާނާ މެރްގެރިޑާ ރިޑޯންޑޯގެ ހިތް މުޅީން ދެވުނީ މި ރާއްޖޭގެ ކުޑަކުޑަ ރަށަކަށެވެ.

ބ. އަތޮޅު ދެކުނު ބިތުގައި އޮންނަ، ތިން ރަށެއް ހިމެނޭ ގުދުރަތީ އަތޮޅުގެ މެދުގައި އޮންނަ 26 ހެކްޓަރުގެ ފެހެންދޫ އެވެ. އާބާދީ މަދުވުމާއި ގުދަރަތީ މުއްސަނދިކަން، ހާއްސަކޮށް ކަނޑުފަޅުގެ ދިރުމަކީ މި ރަށުގެ ނަލަން އިތުރުކޮށްދިން ސިފަތަކެވެ.

"މީހުން މަދު ރަށެއް، މާލޭގެ [ހަލަބޮލިކަމާ] ދުރުގައި އޮންނަ ރަށަކަށް ވުން، އަދި ތިމާވެއްޓަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށަކަށް ވުން، ފެހިފެހި ވެއްޓެއް އޮތް ރަށަކަށް ވުން، ފެހެންދޫގައި މި ހުރިހާ ކަމެއް ހަމަވޭ،" ފެހެންދޫގައި ގެސްޓްހައުސްއެއް ހިނގާތާ ދެ އަހަރު ވެފައިވާ، ޕޯޗުގަލަށް އުފަން އުމުރުން 32 އަހަރުގެ އަނާ ބުންޏެވެ.

ލިޔުންތެރިންގެ ފަތްފުއްތަކުގައި ދުނިޔެ މަތީގެ ސުވަރުގެ ގޮތަށް ރާއްޖެ ސިފަކުރިޔަސް، އޭނާއަށް އެ ހިތްގައިމުކަން އަދި އިހުސާސް ނުވަނީ، ގެސްޓު ހައުސްގެ ވިޔަފާރީގެ ތެރެއިން ކުރެވޭ ތަޖުރިބާގެ ސަބަބުންނެވެ.

"މާލެ ނޫނީ ހުޅުމާލޭން ބޭރުގައި ދިރިއުޅުމަކީ ބޮޑު ގޮންޖެހުމެއް، ވޭން ހުރި ކަމެއް، މި ގޮންޖެހުންތަކާ ހުރެ އަހަރެން ހިތާމަކޮށް ރޮވުނު ދުވަސްތަކެއް ވެސް ހިނގި،" މާލެ ސަރަހައްދަށް ހިދުމަތްތައް މަރުކަޒުކޮށްފައިވާ ސަގާފަތް، ބޭރުގެ މި އިންވެސްޓަރަށް ވެސް ތަޖުރިބާކުރަން ޖެހުނު ކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ.

މުދާ ގެނައުން؛ ބޮޑު ތަކުލީފެއް

އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ބުނީ ބޭނުުންވާ ސަޕްލައި ގެނައުމަށް ކޮންމެ މަހަކު ދެ ފަހަރަށް ނުވަތަ ތިން ފަހަރަށް ވެސް މާލެ ދާން ޖެހޭ ވާހަކަ އެވެ. މުދާ ގެނައުމުގައި މާލެ ސަރަހައްދަށް ބަރޯސާ ވާން ޖެހޭ އިރު، ފެހެންދުއަށް އަންނާނެ އުޅަނދެއް ހޯދުން ވެސް ވަނީ ތުރާ ހުރި ކަމަކަށެވެ.

މި ރަށާ ޖެހިގެން އޮތް ގޮއިދޫ އާއި ފުޅަދުއަކީ ލޯކަލް ޓޫރިޒަމް އޮތްް ދެ ރަށަކަށް ވިޔަސް އެއިން ރަށެއްގައި ގެސްޓުހައުސްްއަށް ބޭނުންވާނެ އެކި މުދާ ގެނައުމަށް ރަނގަޅު ފިހާރައެއް ނުހުރެ އެވެ. ވިޔަފާރިއަށް ބޭނުންވާ އެކި ސާމާނު ގަތުމަށް ދާން މަޖުބޫރު ކުރުވަނީ ވެސް މާލެއަށެވެ.

"މިރަށަށް މުދާ ގަނެގެން ގެނައުން ވެސް ދަތި. ކޮންމެ ހަފުތާއަކު މާލެއިން ފެހެންދުއަށް އަންނަ ދެ ބޯޓު އޮންނަ ނަމަވެސް ބައެއް ފަހަރު ދަތުރުތައް ލަސްވޭ. އެއްވެސް އިތުބާރެއް އޮންނަ ކަމެއް ނޫން އެއީ،" މާލެއިން މުދާ ގެނައުމަށް ދިމާވާ ގޮންޖެހުންތައް ކިޔައިދެމުން އާނާ ބުންޏެވެ.

ފެހެންދޫ: އާބާދީ މަދު ހިތްގައިމު ރަށެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގެސްޓުން ގެނައުން ރަނުގެ އަގުގައި

މާލެ ސަރަހައްދުން ގެސްޓް މީހާ ގެންނަން ޖެހޭ އަގާ ހުރެ ވެސް އެތައް އުނދަގުލެއް އެބަ ހުއްޓެވެ.

މި ރަށާ އެންމެ ކައިރީގައި އޮންނަ އެއާޕޯޓަކީ ބ. ދަރަވަންދޫ އެއާޕޯޓެވެ. ދަރަވަންދޫއަށް ފްލައިޓުގައި ދެވުނު ނަމަވެސް ފެހެންދޫއާ ހަމައަށް ވާސިލުވެވެނީ 30 ވަރަކަށް މިނެޓުގެ ކަނޑު ދަތުރަކަށް ފަހު އެވެ. ލޯންޗު ދަތުރެއް ނަމަ އެ ދަތުރުގެ އަގަކީ 3،000ރ. އެވެ.

ފެހެންދޫއިން މާލެއަށް އަދި މާލެއިން ފެހެންދޫއަށް ގަވައިދުން ކޮންމެ ދުވަހަކު ދަތުރުކުރާ ލޯންޗެއް އޮވެ އެވެ. ދިވެއްސެއް ނަމަ ބޮލަކަށް 650ރ. ނަގާއިރު، ބޭރު މީހުންގެ އަތުން ބޮލަކަށް ނަގަނީ 1،000ރ. އެވެ. ފްލައިޓުން ވެސް ބޭރު މީހަކު ގެންނަން ޖެހޭ އަގު ދިވެއްސަކު ދަތުރުކުރެވޭ އަގަށް ވުރެ ބޮޑެވެ.

"މިސާލަކަށް ހަތަރު ފަތުރުވެރިންގެ އާއިލާއަކުން ފެހެންދޫއަށް އަންނަ ނަމަ އެ މީހުންގެ ޖީބުން އެބަ ހަރަދުވޭ ހަމަ އެކަނި ދެކޮޅު ދަތުރަށް 500 އެތައް ޑޮލަރެއް، މި ރަށްރަށަށް އަންނަ ފަތުރުވެރިން ރިސޯޓުތަކުގެ ބަދަލުގައި މިތަންތަން ހިޔާރުކުރާ އެެއް ސަބަބަކީ އަގުހެޔޮވުން، ހަމައެކަނި ދަތުރަށް އެވަރު ހަރަދުކުރަން ޖެހުމަކީ އެމީހުުންގެ ވަަރަށް ބޮޑު ކަންބޮޑުުވުމެއް،" މިހާތަނަށް އެތައް ފަތުރުވެރިންްނެއް ލޯންޗުދަތުރުގެ ހަރަދުބޮޑުވާތީ ޝަކުވާކޮށްފައިވާކަމަަށް އާނާ ބުންޏެވެ.

މިހާރު ހަތަރު ގެސްޓު ހައުސް ހުރި މި ރަށަށް ކޮންމެ ދުވަހަކު މާލެއިން އަންނަ ލޯންޗު ދަތުރުު ފަށަނީ މެންދުރު އެކެއް ޖަހާއިރު އެވެ. މާލެއަށް ފުރަނީ ހެނދުނު ހަތެއް ޖަހާއިރު އެވެ. މިފަދަ ޝެޑިއުލެއް އޮތުމަކީ ވެސް އާނާއަށް ދަތިކަމެކެވެ.

"އަހަރުުމެންގެ ވަރަށް ގިނަ ފަތުރުވެރިން އަންނާނެ ވިޓްޒް އެއާއިން. އެ ފްލައިޓު އެއާޕޯޓަށް ލޭންޑު ކުރާނީ ކޮންމެ ރެއަކު 19:50 ގެ ފަހުުން. ދެން އެއިން އަންނަ ފަތުރުވެރިން ޖެހޭ މާލެއިން ނުވަތަ ހުޅުމާލެއިން ބޮޑު އަގުގައި ގެސްޓުހައުސްއެއް ނަގައިގެން އެއް ރޭ މަޑުކުރަން،" އާނާ ބުނި ގޮތުގައި މި މައްސަލައިގެ ސަބަބުުން ކޮންމެ މަހެއްގެ މައްޗަށް އެތައް ބުކިންތަކެއް ކެންސަލްވެ އެވެ.

ދިރުންތަކުން މުއްސަނދި ފެހެންދޫ ފަޅު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވެލާނާާ އެއާޕޯޓު ނޫން ގޮތެއް ނެތް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނުވަންނަ އަތޮޅެއް، ރަށެއް މަދުވާނެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް، ނޫނީ އެންމެ އުތުރަށް އަންނަ ގިނަ ފަތުރުވެރިންނަށް ވެސް މާލެ ނުގޮސް އެއްވެސް މަންޒިލަކަށް ދިއުމަކީ ނެތް ގޮތެކެވެ.

މާލޭން ލޯންޗެއްގައި ދަތުރުކޮށްގެން ދެ ގަޑިއިރެއްހާ ވަގުތަކުން ދެވޭ ފެހެންދުއަށް އިންވެސްޓްކޮށްފައިވާ އާނާ ވެސް ކުރަން ޖެހިފައިވާ ތަޖުރިބާއަކީ އެއީ އެވެ. އޭނާގެ ހިތްހަމަނުޖެހުމަކަށް ވެސް ވެފައި އޮތީ، ފަތުރުވެރިންގެ ޑިމާންޑް ބޮޑު ރާއްޖޭގައި އެންމެ ސަރަހައްދަކަށް އިންވެސްޓް ކުރެވުމެވެ.

"އަހަރެންނަށް މިހުރި ރަށްރަށުގެ ރީތިކަން ފެނޭ، ފެހެންދޫގައި ގެސްޓް ހައުސް ވިޔަފާރިއެއް ހިންގަން ފެނޭ. ނަމަވެސް މި ރަށްރަށުގައި އިންވެސްމަންޓް ފަހިކުރެވޭ ގޮތަށް ސަރުކާރުތަކުގެ ސިޔާސަތުތައް ނޯންނަނީ ކީއްވެބާއޭ ހިތަށް އަރާ،"

މާލެއަށް ހިދުމަތްތައް މަރުކަޒުކޮށްފައި ވާތީ، އެ ކަމުގެ ވޭން އަތޮޅުތެރޭގައި ހުރި ރީތިރީތި ރަށްރަށް ދެކިގެން އިންވެސްޓް ކޮށްފައި ތިބި ބޭރުގެ އިންވެސްޓަރުންނަށް ވެސް ވެފައި މި އޮތީ ގޮންޖެހުންމަކަށެވެ. މާލެއަށް ބަރޯސާވުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެކަނި އިންޓަނޭޝަނަލް ފްލައިޓްތައް އޮތުމުގެ ސިޔާސަތު އެ މީހުނަކަށް ވެސް ކަމަކު ނުދެ އެވެ.

އާނާއަށް ފެހިފެހި ފެހެންދޫ ކިތަންމެހާ ވެސް ހިތްގައިމެވެ. ނަމަވެސް، ގެސްޓު ހައުސް ހިންގުމުގައި އޭނާއަށް ކުރެވޭ ތަޖުރިބާގައި ފަހިކަމެއް ނެތެވެ. އާނާ ފާހަގަ މިކުރިން ދަތިކަމަކީ، ގޮންޖެހުންތަކަކީ ހަމައެކަނި ފެހެންދޫއާ ގުޅިފައިވާ ކަންކަމެއް ނޫނެވެ. ރާއްޖެ ގުދުރަތީ ގޮތުން ވަކިވަކި ޖަޒީރާތަކަކަށް އުފެދިފައި އޮތްއިރު، ގެސްޓު ހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ގިނަ ރަށްތަކަކަށް މި ތަޖުރިބާ އެކި ދަރަޖައަށް ކުރެވެ އެވެ.