Advertisement

ސްކޭޓަށް އޮތް އާދަޔާ ހިލާފު ލޯބީގައި ދޫކޮށްލި ރަމްޒު

22 އޭޕްރީލް 2023 - 10:41 0

ބ. ގޮއިދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހަސަން މާހިރު (ހަންޓެ) "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސްކޭޓަށް އޮތް އާދަޔާ ހިލާފު ލޯބީގައި ދޫކޮށްލި ރަމްޒު

22 އޭޕްރީލް 2023 - 10:41 0

ބ. ގޮއިދޫ

އަސުރަށް ފަހު، އިރު މެދުން ތިރި ވެއްޖެ އެވެ. ހަވީރު ފިނީގެ ތާޒާކަމުގެ ބޭނުން ހިފަން ރަށުގެ ގިނަ ޒުވާނުންނާއި ކުޑަކުދިން ގޮސް ތިބީ މި ފަހުން އެޅި ސްކޭޓް ޕާކުގަ އެވެ. ކައިރީގައި އޮތް ފުޓުބޯޅަ ދަނޑަށް ވުރެ މި ތަނުގައި ކުދިން ގިނަ އެވެ. ހުރިހާ އުމުރުފުރާއަކާއި، ދެ ޖިންސު ވެސް ހަމަ އެވެ.

އެކަމަކު މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާއިރު، ހާލަތު އޮތީ މިހެނެއް ނޫނެވެ. ބ. އަތޮޅު ގޮއިދޫގައި ތިބި ސްކޭޓް ކުރާ ހިތްވާ ކުދިން ތިބީ ފާޑެއްގެ ފޫއްސެއްގަ އެވެ. ސްކޭޓް ޕާކެއް ނެތެވެ. އަބަދުވެސް އިވެނީ "މިއީ ޕާކު އެޅޭނެ އަހަރޭ، މި އަޅަނީއޭ، މި ފެށެނީއޭ" މި އަޑުތަކެވެ.

"އެންމެ ކުޑައިރުއްސުރެން ވެސް ކިޔަމުން އައި ކަމެއް، ހަމަ އެބަ އަޅަޔޭ، އަޅަޔޭ، އިވިއިވި، އެންމެން ދެން ވައިވާ ގޮތް ވެއްޖެ، ފްލެޓް ގްރައުންޑެއްގަ އަޅައަޅާ، ޕާކް ލިބުނީއެއް ނޫން، ވަކި ހިސާބަކުން ހަމަ މުޅީން ހުއްޓުމަކަށް އައި،" މިހާރު އުމުރުން 20 އަހަރުގެ ހަސަން މާހިރު (ހަންޓެ) ކިޔައިދިނެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ޒުވާން ހުނަރުވެރި އެއް ކައިޓް ސާފަރު ބުނެދިން ގޮތުގައި ކައިޓް ސާފް ކުރުމާއި ސްކޭޓް ކުރުމުގެ ފަރިތަކުރުން ވެސް އެ ރަށުގައި އެންމެ ފުރަތަމަ ގެންދިޔައީ ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި މަސް ކަނޑަން ކޮންޓްރީޓުން އަޅާފައި ހުރި ތަނެއްގަ އެވެ.

"ފްލައިވުޑް ލަކުޑިން ކުޑަ ރޭމްޕްތަކެއް ހެދީ، ޕާކުގަ ކޮންކްރީޓުން ހަދައިފަ އެ ހުންނަ ރޭމްޕްތަކުގެ ޝޭޕަށް ހަމަ، އެ ލަކުޑި ރޭމްޕްތައް މައްޗަށް އަރައިގެން ދެން ސްކޭޓް ކުރަމުން އައީ، ފްލެޓް ގްރައުންޑެއްގަ ހަމަ ސްކޭޓް ކުރަން ފޫހިވާނެތާ،" ޕާކު އެޅުމުގެ ކުރިއަށް، ސްކޭޓަށް ފަރިތަކުރާ ބުރަ ހާލަތު ސިފަކޮށްދިނެވެ.

ގޮއިދޫ ސްކޭޓް ޕާކްގައި ހަންޓެގެ ހުނަރު ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރަށުގައި އޮތް "ސްކޭޓް ކޮމިއުނިޓީ" މަރުވެދާ ތަން ބަލާން ހަންޓެއަކަށް ނުހުރެވުނެވެ. ޔޫތު މިނިސްޓްރީން، އެ ރަށުގައި ސްކޭޓް ޕާކެއް އަޅާ ގޮތަށް ހަމަޖެހިއްޖެ އެވެ. ހަންޓެގެ ވަގުތުތައް ވެސް ހުސްކޮށްލީ އެ ކަމަށެވެ. ނުކުމެ ގޮސް އުޅުނީ، އަމަލީ ގޮތުން ސީދާ ޕާކް އެޅުމުގެ މަސައްކަތުގައި ބައިވެރިވެގެނެވެ.

"އަހަރެން ޖޮބަކަށް ނުދަން، އެކި ބްރޭންޑްތަކުން ލިބޭ ސްޕޮންޝާ، މަންތްލީ ސެލެރީ، ޓްރެވެލިން ބަޖެޓުން އަހަރެންނަށް އުޅެވޭ، އެހެންވެ ރަށުގެ ކޮންމެ ކޮމިއުނިޓީ ވާކެއްގަ، ހާއްސަކޮށް އެކްސްޓްރީމް ސްޕޯޓަށް ކުރާ ކަންކަމުގައި ބައިވެރިވަން، ވަރަށް ގިނަ ކަންކަން ވެސް ދަސްވާ ކަމެއް،" ހަންޓޭ ބުންޏެވެ.

ބުރަ ކަމެއް، އެކަމު އަދި އޮތީ ކުރިއަށް

ސްކޭޓް ޕާކް އެޅުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ކޮންމެ ދުވަހަކު ވެސް ހަންޓޭ އެ ތަނަށް ދިޔަ އެވެ. ހަންޓޭއާ ވާހަކަ ދައްކައިލުމުން، އޭނާ ހަމަ ގޮސް މަސައްކަތެއްގައި އުޅުނީ ނޫން ކަން ވެސް އެނގެ އެވެ. އަމަލީ ގޮތުން ކުރި މަސައްކަތް ދަސްކޮށް، އޭގެ ތަޖުރިބާ ވަރަށް ތަފްސީލްކޮށް ހަނދާނުގައި އެބަ ހުއްޓެވެ.

"ފުރަތަމަ ބޭރު އިންފާރު ރޭނީ، ކޮންކްރީޓް ވެސް މި އަޅަނީ ވަކި ޕީސްތަކަކަށް، ގާތްގަނޑަކަށް 10-15 ފީޓުގެ ޕީސް، އެއްކޮށް އަޅަން ވެސް އުނދަގޫވާނެތާ، މި ކޮޅުގައި ރެޑީ މިކްސްއެއް ވެސް ނެތް، މެޝިނުގައި މި ޖެހެނީ ކޮންމެ ފަހަރަކާ އެއް ކޮތަޅު ގެށެން ވެސް،" މަސައްކަތް ފެށި ގޮތް ކިޔައިދިނެވެ.

ގޮއިދޫ ސްކޭޓް ޕާކަށް ރަށު ކުޑަކުދިން ފަރިތަކުރަން އުޅުމުގައި - ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


މީގެ އެންމެ ބުރަ މަސައްކަތަށް އޮންނަނީ ރޭމްޕްތައް ތައްޔާރު ކުރުމެވެ. ސްކޭޓް ކުރާ ކޮންކްރީޓް އުސް ޖާގަތައް ހެދުމަށް، އޭގެ އެތެރެއަށް ފުރަތަމަ ގައި އެޅުމަށް ވެލި އަޅާ ފުރަ އެވެ. އޭތީގެ އަސްލު ބައްޓަން ގެންނަނީ ވެލިންނެވެ. އެ ފަހުން ހަތަރު އިންޗީގެ ކޮންކްރީޓް ސްކޭލެއް އަޅަ އެވެ.

"ވަރަށް މަސައްކަތް އެއީ، އެ ބައްޓަމަށް ކޮންކްރީޓް ބަހައްޓަން އެތެރެއަށް ގަލާއި ވެލި ފިލްކުރުން، މީހުންނަށް ފެންނާނީ ސްކޭޓް ޕާކުގެ ބޭރު އޮމާންކޮށްލައިފަ އޮންނަ ބައި،" މަސައްކަތް ނިންމަން އަމަލީ ގޮތުން އުޅެވުމުން ހަންޓޭ ހުރީ ހިތްހަމަޖެހިލައިގެނެވެ.

ގޮއިދޫ ސްކޭޓް ޕާކް ސަރަހައްދު މަތިން ނަގާފައި - ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު


ގޮއިދޫ ސްކޭޓް ޕާކް ވުޖޫދަށް އައި ފަހުން، ކައިޓް ސާފް ކުރަން ނުދާ ކޮންމެ ދުވަހަކު ސްކޭޓް ކުރާ ކުދިން ތަމްރީން ކޮށްދޭން ހަންޓޭ ގޮސް ހުރެ އެވެ. ގޮއިދޫގެ ސްކޭޓް ޕާކް ހާއްސަވާ އެއް ސަބަބަކީ ހަންޓޭ އެވެ. ސްކޭޓަށް އޭނަ އޮތް ހާއްސަ ލޯބީގެ ރަމްޒެއް ގޮތުގައި އެ ސްކޭޓް ޕާކް ފެންނާން ހުންނާނެ އެވެ.

މި ވަރުން ވެސް ހަންޓޭގެ ހިތް ނުފުރެ އެވެ. ސްކޭޓް ޕާކް އަޅަން ސަރުކާރުން ނިންމާފައި ހުރި ބައެއް ރަށްރަށަށް ދަތުރުކުރަން ހަންޓޭ ގަސްތު ކުރެ އެވެ. އެ ރަށްރަށަށް ގޮސް، އަނެއްކާ ވެސް އަމަލީ ގޮތުން އޭގައި ބައިވެރިވެ އޭނާގެ ދައުރު އަދާކުރަން ހުރީ ތައްޔާރަށެވެ.

"އަހަރެން ދާނަން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހަނިމާދޫއަށް، ހަނިމާދޫގައި ވެސް ސްކޭޓް ޕާކެއް އަޅަން ފައްޓާފައި މިހާރު އޮތީ، މާފުށީގަ ވެސް އެބަ އަޅާ، އަހަރެން ވެސް އުޅޭނަން، މި ކަންކަމުގަ ވެސް ހަމަ،" ހަންޓޭ ބުންޏެވެ.