Advertisement

ގޮއިދޫ އަތޮޅު ފަރު ހިމާޔަތް ކުރަން 16 ޖަމިއްޔާއަކުން ގޮވާލައިފި

11 ސެޕްޓެންބަރު 2025 - 21:06 0

ގޮއިދޫ ފަޅު: އެތައް ސަތޭކަ އަހަރެއްވީ ގަދީމީ މުރަކަ އެ ފަޅުގައި އެބަހުރި -- ފޮޓޯ: އާޔާ ނަސީމް


ގޮއިދޫ އަތޮޅު ފަރު ހިމާޔަތް ކުރަން 16 ޖަމިއްޔާއަކުން ގޮވާލައިފި

11 ސެޕްޓެންބަރު 2025 - 21:06 0

ބ. ގޮައިދޫ ފަޅުގައި ރިސޯޓެއް އެޅުމުގެ ބަދަލުގައި ގޮއިދޫ އަތޮޅު ފަރު ހިމާޔަތް ކުރަން ތިމާވެށި ރައްކާތެރި ކުރަން މަސައްކަތް ކުރާ 16 ޖަމިއްޔާއަކުން މިއަދު ގޮވާލައިފި އެވެ.

ގޮއިދޫ ފަޅުގައި ރިސޯޓެއް އެޅުމުގެ މަސައްކަތް ފެށީ މެއި، 2025، ގަ އެވެ. ގޮއިދޫ ފަޅުގެ 14 ހެކްޓަރު ހިއްކައިގެން ރިސޯޓެއް އަޅާނެ ކަމަށް އިއުލާނު ކުރި ނަމަވެސް އެ ސަރަހައްދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި މިއަދު ފާހަގަކޮށްފައި ވަނީ ބްރޯޑާ ގޮއިދޫ ފަޅުގެ ހަތަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ތަންތަަން ކަމަށެވެ. ނަމަވެސް ރިސޯޓު އަޅަން ނިންމި ތަން އިއުލާނު ކޮށްފައި ނުވާތީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ސީދާ އަންދާޒާ ކުރަން ނޭނގޭ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

"ފަޅު ކޮނުމާއި ބިން ހިއްކުމުން ކިސަޑު ފެތުރި ކިލަނބުވުމުން މުރަކައިގެ ފަރުތަކާއި ކަނޑުގެ އެހެނިހެން ދިރުންތަކަށް އަސަރު ކުރާނެ. އޭގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ދިރުންތައް އެތަނުން ފެއްސި، ސަރަހައްދުގެ އޮއި ދަތުރު ކުރާ ގޮތް ބަދަލުވާނެ އަދި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ގިނަ ފަހަރު ކުރިމަތިވާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ވިސްނުން އެއް ފަރާތްކޮށް، ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ބަޔަސްފެއާ ރިޒާވުތަކާ އެކި ސަރުކާރުތަކުން ބެހެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން، 2023 ވަނަ އަހަރު ކ. ހުރާ ހިއްކުމުން އެ އަތޮޅުގައި އޮތް އެންމެ ފަހު ކުޅިއަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކޮށްފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.

ޖަމިއްޔާތަކުން ގޮވާލާފައި ވަނީ:

  • މިނިވަން އެސެސްމެންޓުތައް ހެދުމުގެ ކުރިން ގޮއިދޫ ފަޅު ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރުން
  • ގޮއިދޫ ފަޅުގައި ރިސޯޓު ހަދަން ރާވާފައިވާ ގޮތް ހާމަ ކުރުން
  • ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފައި މެނުވީ ގޮއިދޫ ފަޅުގައި އެއްވެސް މަސައްކަތެއް ނުކުރުން އަދި އާންމުންގެ ރުހުން ނެތި އެއްވެސް ކަމެއް ނުކުރުން
  • ރިސޯޓު ޑިވެލޮޕްމަންޓުގެ ބަދަލުގައި މުޖްތަމައުގެ ލާބައަށްޓަކައި ހިންގޭ އިކޯ ޓުއަރިޒަމަށް އިސްކަން ދިނުން
  • އިކޯސިސްޓަމް، އިގްތިސާދަށް ވެސް މުހިންމުކަން ގަބޫލުކޮށް މުޖްތަމައުގެ ބައިވެރިވުމާއެކު ވެށި ހިމާޔަތް ކުރެވޭނެ ގޮތްތަކެއް ހޯދުން

އެ ބަޔާން ނެރުނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް، މޯލްޑިވްސް ރެޒިލިއެންޓް ރީފް، ޓްރާންސްޕޭރަންސީ މޯލްޑިވްސް، މިޔަރު ޕްރޮގްރާމް، މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް، ބީލީފް، އަލޯހާ އުފާ، ދާވާ އިހުރު، މެޕް ދަ ޖަޔަންޓްސް، މެރިން ލެބް މޯލްޑިވްސް، ސޭވް ދަ ބީޗް، މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް، ބަންޔަން ޓްރީ ވައްބިންފަރު، އަންގްސާބާ ވެލަވަރު، އެކޯކެއާ މޯލްޑިވްސް އަދި ސޮނޭވާ ފައުންޑޭޝަން އެވެ.

ބ. ގޮއިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އެ ފަރުގައި ހުރި ބައެއް މުރަކަތަކަކީ މާސިންގާ މުރަކަތަކެކެވެ. ބައެއް މުރަކައިގެ ބޮޑުމިނުގައި 15 އާއި 37 މީޓަރު އެބަ ހުއްޓެވެ. މި މުރަކަތަކުގެ އެންމެ އާދަޔާ ހިލާފު އެއް ސިފައަކީ ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލްކަން ލިބިފައިވުމެވެ. މުރަކަ ހުދުވުން ފަދަ، މުރަކައަށް އާންމުކޮށް ދިމާވާ އެއްވެސް ކަމެއް މި މުރަކަތަކަކަށް ދިމައެއް ނުވެ.

ގޮއިދޫ ފަރުގައި މި ހުރި އާދަޔާ ހިލާފު މުރަކަތަކުން ފަރުގެ މުޅި ހިސާބަށް ބިސް ދޫކުރެ އެވެ. އަދި އެ ބިހުން އުފެދޭ އެހެން މުރަކަތަކުގައި ވެސް ހާއްސަ ވިލުންވެރި ސިފަތައް އެކުލެވެ އެވެ.

ގޮއިދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށު ފަޅުގައި ރިސޯޓެއް ހަދަން ނިންމީ އެއީ އެމަނިކުފާނުގެ ވައުދެއް ކަަމަށްވާތީ ކަމަށެވެ.

"އާދެ، ދެން އަޅުގަނޑު ވައުދުވެފައި އޮންނާނެ، ރަށު ތެރެއިން، ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުމަށް. އެކަން އަޅުގަނޑުމެން އިއުލާނުކޮށް، ބަޔަކު ހޯދައި، މިހާރު ބިޑް އެވޯޑް ކޮށްފައި ވާނީ. ދެން، މި މަސް ނިމުމުގެ ކުރީގައި، އެ ރިޒޯޓު ތަރައްގީ ކުރުމަށް ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައި. އެވާހަކަ ވެސް ދަންނަވާލަން،" މުއިއްޒު ވިދާޅުވި އެވެ.