Advertisement

އީދު ހުތުބާގައި ފާހަގަކުރީ އެއްބައިވަންތަކަމާއި ވަތަނުގެ އަމާންކަމުގެ މުހިންމުކަން

21 އޭޕްރީލް 2023 - 08:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަލްމާން މިސްކިތުގައި މިއަދު އީދު ނަމާދު ކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އީދު ހުތުބާގައި ފާހަގަކުރީ އެއްބައިވަންތަކަމާއި ވަތަނުގެ އަމާންކަމުގެ މުހިންމުކަން

21 އޭޕްރީލް 2023 - 08:10 0

ވަތޮނުގެ އަމާންކަމުގެ ނިއުމަތަކީ ﷲ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާއި ގައުމު ތަރައްގީއަށް އެންމެ މުހިންމީ ވެސް އެއްބައިވަންތަކާއި އަމާންކަން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

"ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެންނެވެ. ގައުމުގެ ހުރިހާ ދަރިން މި އަމާންކަން ހިމާޔަތްކުރުމަށް ގަދައަޅައި މަސައްކަތް ކުރާންވާނެ އެވެ،" ހުތުބާގައި ގޮވާލި އެވެ.

ނަބިއްޔާ އިބްރާހިމްގެފާނުގެ ދުއާފުޅެއް ބަޔާންކޮށް ހުތުބާގައި ބުނެފައިވަނީ އެ ދުއާފުޅުގައި ކާބޯތަކެއްޗަށްވުރެ ރަށުގެ އަމާންކަމަށް އިސްކަން ދެއްވާފައިވާ ކަމަށެވެ. އޭގެ ސަބަބަކީ އަމާންކަމުގެ މުހިންމުކަން ކަމަށާއި އެ ނިއުމަތް ގެއްލިއްޖެނަމަ ކުރިމަތިލާންޖެހޭ ނުރައްކަލުގެ ބޮޑުކަން ކަމަށެވެ.

އީދު ނަމާދުގެ ޖަމާއަތުގެ ރަމްޒަކީ ވެސް އެއްބައިވަންތަކަމާއި، ކުޑަކުދީންނާއި ބޮޑެތި މީހުން، ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮތް ކުލުނާއި ލޯބި ކަމަށް ހުތުބާގައި ބުނެ އެވެ.

"މިއަދު ހުރިހާ ރުޅިވެރިކަމާއި ހަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާ ހިނގާށެވެ. ބައިބަނުވެ އެއްގަލަކަށް އަރަމާ ހިނގާށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ހައްގު އަދާކުރަމާ ހިނގާށެވެ. މައިންބަފައިންގެ ހައްގުތަކުން ފަށަމާ ހިނގާށެވެ،"

މައިބަފައިންގެ ހިތުގައި ނުޖައްސަން އަޒުމު ކަނޑައެޅުމަށް ގޮވާލައި ހުތުބާގައި ހަނދާންކޮށް ދިނީ ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންފައިންގެ ހައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށް ހުތުބާގައިވެ އެވެ.

"އަހަރެމެން މި ހިފި ރޯދަ ވަނީ އަހަރެމެންގެ ނަފުސުތަކުގައި އިސްލާމީ އުހުވަތްތެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ ރޫހު އުފައްދާފަ އެވެ. އެއީ މި އުއްމަތަށް އަހަރެމެން އެންމެން ނިސްބަތްވާ ކަމުގެ އިހުސާސެވެ،" ހުތުބާގައިވެ އެވެ.

މިފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ މުހިންމު އަނެއް ކަމަކީ އީދު ނަމާދުގެ ޖަމާއަތަށް އެންމެން ހާޒިރު ކުރުވީ އިސްލާމްދީން ކަމަށް ވުމާއި، ދީނާއި އަގީދާ އަށް ރައްކާތެރިވާންޖެހޭނެ ކަމެވެ.

"ގައުމުގެ އިސްލާމީ ޝަހުސިއްޔަތަކީ އިސްލާމްދީނާއި އެކުވެރިކަމާއި މިނިވަންކަމާއި އިސްތިގުލާލެވެ. ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކޮށް، ދެމެހެއްޓުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭނެ އެވެ." ހުތުބާގައިވެ އެވެ.

މި ލޮބުވެތި ވަތޮން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިއްޔަތާއި ތައުލީމު ފޯރުކޮށްދީގެން ކަމަށް ހުތުބާގައި ގޮވާލި އެވެ.