19 އޭޕްރީލް 2023 - 14:37 0
މުހައްމަދު ނަސީމް
19 އޭޕްރީލް 2023 - 14:37 0
އާސަންދައިން އޭޕްރިލްމަހުގެ ފުރަތަމަ 15 ދުވަހު ކުރި ހަރަދަކީ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޫޒުފޯރުވަން ހަރަދުކުރި ފައިސާ ކަމަށް ސިފަކުރުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮޑު ޒުވާބެއް ހިނގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް އާސަންދައަށް މިއަހަރުގެ ކޮންމެ މަހަކު ވެސް 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބާ ދިމާކޮށް، އާސަންދައިން 170 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެ ވާހަކަ ފުރަަތަމަ ފެށްޓެވީ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން އެވެ.
"އަޅުގަނޑުމެންނަށް މިއަދު މި އެނގެނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އާ ދިމާކޮށް، އާދަޔާ ހިލާފަށް، ބޮޑުތަނުން، ގިނަ އަދަދެއްގެ ފައިސާ އާސަންދައަށް ހަރަދުކޮށްފައިވާ ކަން، 13 ދުވަހުގެ ތެރޭގައި 170 މިލިޔަން ރުފިޔާ. ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ހަރަދުކޮށްފައިވާ ކަމަށް އާސަންދަ ތެރެއިން،" އަލީ ހުސައިން ވިދާޅުވި އެވެ.
އެ ވާހަކައަށް ބާރު ދެއްވައި މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވެސް ވާހަކަ ދެއްކެވި އެވެ.
އެ މެމްބަރުންނަށް ރައްދު ދެއްވައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ބައި-އިލެކްޝަން ނިމުނުތާ އަދިވީ ތިން ދުވަސް ކަމަށާއި އެ ދުވަސްވަރު އާސަންދައަށް ކުރި ހަރަދުގެ ހިސާބުތައް އަދި ސާފުވެސް ނުވާނެ ކަމަށެވެ.
އެއާ އެކު އެކި މެމްބަރުން ޣަފޫރަށް ރައްދު ދެއްވައި ތަޅުމުގައި ޒުވާބެއް ހިނގި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓްތަކުގައިވާ ގޮތުން އާސަންދައަށް މިއަހަރަށް ކަނޑައެޅި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން 470 މިލިޔަން ރުފިޔާ، މިދިޔަ މާޗްމަސް ފެށުނު އިރު އޮތީ ހަރަދުވެފަ އެވެ.
މާޗްމަސް ނިމުނު އިރު އާސަންދައަށް ކުރި ހަރަދު 628 މިލިޔަން ރުފިޔާ އަށް އެރި އެވެ. އެއީ 158 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. އެހެން ނަަމަވެސް 30 މާޗުން ފެށިގެން 13 އޭޕްރިލް އާ ހަމައަށް އާސަންދައިގެ ހަރަދު 155 މިލިޔަން ރުފިޔާ އިން އިތުރުވި އެވެ. ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން އާސަންދައަށް މިއަހަރު ކުރި ހަރަދު 13 އޭޕްރިލްގައި ހުރީ 783 މިލިއަންގަ އެވެ.
އެހެން ނަމަވެސް ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އާސަންދައަށް ކުރި ހަރަދު ކުއްލިއަކަށް އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ފެބްރުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް އާސަންދައަށް ހަރަދުވީ ޖުމްލަ 68.5 މިލިޔަން ރުފިޔާ ކަމަށް ވިޔަސް، ފެބްރުއަރީ 23 އާ ހަމައަށް ދިޔަ އިރު އާސަންދައަށް ހަރަދުކުރި ޖުމްލަ އޮތީ 458.4 މިލިޔަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ 389 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
Comment