19 އޭޕްރީލް 2023 - 13:56 0
މުހައްމަދު ވިޝާމް
19 އޭޕްރީލް 2023 - 13:56 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއީދުކޮށްގެން ތިއްބެވި މަޖިލީހުގެ ހަތަރު މެމްބަރަކު ތަމްސީލު ކުރާ ކޮމިޓީތަކުން އެހެން ކޮމިޓީތަކަށް ބަދަލުކޮށް، އެ މެމްބަރުންނާމެދު ފިޔަވަޅުއަޅައި ދިނުމަށް ޕާޓީގެ ސެކްރެޓޭރިއަޓުގައި އެދެން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، ނަޝީދު ވަނީ ޕާޓީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިފަ އެވެ. އެ ފެކްޝަނުގައި ތިއްބެވި މަޖިލީހުގެ މެމްބަރުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ކޮންމެ ޖަލްސާއަކަށްހެން ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކަމާގުޅިގެން ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން ގެންދަނީ އެކަން ހުއްޓުވައި، ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ފެކްޝަނުގައި ހިމެނޭ ހަތަރު މެމްބަރަކު ތިބި ކޮމިޓީތަކުން އެހެން ކޮމިޓީތަކަށް ބަދަލުކުރަން ނިންމާފައިވާކަން އެ ގުރޫޕުގެ މެމްބަރަކު "އަދަދު"އަށް ވިދާޅުވި އެވެ.
މީގެ ތެރެއިން އިމްތިޔާޒް ފަހުމީ އަކީ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރެވެ. އަދި އިލްޔާސް ލަބީބް އަކީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ މުގައްރިރެވެ. އަދި, ޔާސިރުއަކީ ސުލޫކީ ކޮމިޓީގެ މުގައްރިރެވެ. އޭގެ އިތުރުން, ހަސަން ލަތީފަކީ އާންމު ކޮމިޓީގެ މުގައްރިރެވެ.
އަދި ޕީޖީ ގުރޫޕުގެ ގަވައިދާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެ މެމްބަރުންނާމެދު ފިޔަވަޅު އަޅަން ޕާޓީގައި އެދުމަށް ފާސްކޮށްފައިވާ ކަމަށް ނަން ނުޖަހަން އެދި އެ މެމްބަރު ވިދާޅުވި އެވެ.
ނަމަވެސް، އެ މެމްބަރުން ބަދަލުކުރާ ކޮމިޓީތަކާއި އަޅާނެ ފިޔަވަޅެއް އެ ގުރޫޕުން އަދި ނިންމާފައެއް ނުވެ އެވެ.
ނަޝީދު ފެކްޝަނުގައި ގާތްގަނޑަކަށް 11 މެމްބަރުން ތިއްބެވިއިރު، އެ މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް ސަރުކާރުގެ ވިޕްލައިންތަކާ ހިލާފަށް ވޯޓު ވެސް ދެއްވަމުންނެވެ. އެއާއެކު ވިޕާ ހިލާފުވެގެން އޭގެ ތެރެއިން ބައެއް މެމްބަރުންނަށް މީގެ ކުރިން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވުމުން ތިން ފިޔަވަޅެއް އެޅުމަށް ފަހު ބައެއް މެންބަރުންނަށް ވަނީ އަންގައިފަ އެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.
އެހެން ނަމަވެސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ.
ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންނަށް ތިން ސިޓީއެއް ޕާލިމެންޓްރީ ގްރޫޕުން ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ.
މިގޮތުން، ފުރަތަމަ ސިޓީގައި ނަސޭހަތް ދީފައިވާއިރު ދެވަނަ ސިޓީގައި އަންގާފައިވަނީ މައާފަށް އެދި ލިޔުމުން ޕީޖީ ގްރޫޕްގެ ލީޑާޝިޕަށް ފޮނުވުމަށެވެ. ތިންވަނަ ސިޓީގައި އޮންނަނީ ޕާޓީން އިނާޔަތެއް ދޭނަމަ އެ އިނާޔަތެއް ކަނޑައިލުމަށެވެ.
Comment