Advertisement

ނަޝީދަށް ދައުލަތުން ކުރާ ހަރަދުގެ ވާހަކައާ އެކު މެމްބަރު ހުސައިނަށް ބޮޑު ތުހުމަތެއް!

19 އޭޕްރީލް 2023 - 12:22 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: މަޖިލިސް


ނަޝީދަށް ދައުލަތުން ކުރާ ހަރަދުގެ ވާހަކައާ އެކު މެމްބަރު ހުސައިނަށް ބޮޑު ތުހުމަތެއް!

19 އޭޕްރީލް 2023 - 12:22 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ހަރަދުގެ ވާހަކަ، އެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދައްކަވަން ފެށްޓެވުމުން، ނަޝީދުގެ އަރިސްބޭފުުޅުން އޭނާއަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރީ ރިސޯޓްތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ. އެހެން ނަމަވެސް އެ މައުލޫއު ގެންގޮސް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމާ ގުޅުވައިލައްވައި އޭނާ ދައްކަވަން ފެށްޓެވީ ދައުލަތުން ނަޝީދަށް ކުރާ ހަރަދުގެ ވާހަކަ އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާ [ގެ މަގުން] ދިވެހި ދައުލަތުން ވަކި ބޭފުޅަކަށް ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ މިއީ ހިތާމަހުރިކަމެއް. މިއީ އަޅުގަނޑުމެންނަށް އޮބި އޮންނަވަރު ކަމަކަށް ނުވާނެ" ހުސައިން ވިދާޅުވި އެވެ.

އޭނާ އެމޭރުމުން ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމާ އެކު ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ފުރަތަމަ ރައްދު ދެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަަޝީދު (ބޮންޑޭ) އެވެ.

"ދިވެހިރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި ބޭފުޅަކު މަރައިލަން ބޮމެއް ގޮއްވާލީމާ، ސެކިއުރިޓީ ދިނީމާ އެ ސެކިއުރިޓީއާ ދެކޮޅަށް، އެ ހަރަދު ކުޑަކުރާށޭ ބުނާނީ އަނެއްކާ ވެސް މަރައިލަން ހެން އަޅުގަނޑަށް ހީވަނީ. ފުރުސަތު ހޯދަން، ތަކުރާރުކޮށް އެބަ ވާހަކަދައްކާ އެ އިއްޒަތްތެރި މެމްބަރު، މިހާރު ތަހުގީގުކުރާ ހިސާބަށް ގޮސްފި،" ބޮންޑޭ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އޭނާ ދައްކަވަނީ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީއަށް ހިނގާ ހަރަދުގެ ވާހަކަ ނޫންކަމަށާއި އެމަނިކުފާނަށް ދައުލަތުން ކުރާ ޖުމްލަ ހަރަދުގެ ވާހަކަ ކަމަށެވެ. އެއާ އެކު އޭނާ ދެން ފާޑުވިދާޅުވީ ބޮމުގެ ހަމަލާއަށް ފަހު ނަޝީދުގެ ބޭސްފަރުވާގެ އިންތިޒާމު ދައުލަތުން ހަމަޖެއްސި ގޮތަށެވެ.

"ޖަރުމަނަށް ވަޑައިގަތީމާ ޖަރުމަނުގައި ގަނޑުވަރުކޮޅެއް. އަދި އެ ގަނޑުވަރުކޮޅު ވެސް ކުއްޔަށް ހިފާފައި ބަހައްޓަވާފައި އަނެއްކާ ލަންޑަނަށް ވަޑައިގަތީމާ އަނެއްކާ އެއަށް ވެސް، ދެވަނަ ގަނޑުވަރުކޮޅަކަށް ވެސް ސަރުކާރުން ފައިސާ ހަރަދުކުރީ،" ހުސައިން ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ، އޭނާއަށް ރައްދު ދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މެމްބަރު ހުސައިން ވަކާލާތުކުރައްވަމުން ގެންދަވަނީ ނަޝީދަށް ރައްކާތެރިކަން ނުދިނުމަށް ކަމަށެވެ. އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ އަވަހާރަކޮށްލުމަށް ހިތްވަރު އެ ދެއްވަނީ، މިތަނުގައި އެ ވާހަކައެއް ނުދެއްކެވޭނެ. މައުޟޫއަކަށް ވެސް ނޫން އެ ވާހަކަދައްކަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ހިތްވަރު ލިބޭ ގޮތަށް ވަރަށް ގިނަ މެމްބަރުން މިހާރު ވާހަކަދައްކަވާ ކަމަށާއި އެއީ ތަހުގީގުކުރަން ޖެހޭ ކަމެއް ކަމަށެވެ.