Advertisement

މައްސަލަ ބަލަމުންދަނިކޮށް ރަމީޒު ޕީޕީއެމްއިން ވަކިވެވަޑައިގެންފި

19 އޭޕްރީލް 2023 - 06:04 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ސިޓީ ކައުންސިލްގެ މެމްބަރު އަދި ޕީޕީއެމްގެ ސެނެޓުގެ މެމްބަރު އާދަމް ރަމީޒު. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


މައްސަލަ ބަލަމުންދަނިކޮށް ރަމީޒު ޕީޕީއެމްއިން ވަކިވެވަޑައިގެންފި

19 އޭޕްރީލް 2023 - 06:04 0

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޕާޓީން ވަކިވެވަޑައިގަތުމަށް އެދި ރަމީޒު ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ކަށަވަރުކޮށްދެއްވި އެވެ.

ރަމީޒުގެ ސިޓީ


"މިވަގުތު ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތުމުގެ ސަބަބުން ޕާޓީން ކެނޑުމަށް އަޅުގަނޑު ނިންމާފައިވާތީ ތިޔަ ޕާޓީގެ ދަފުތަރުން އަޅުގަނޑުގެ ނަން ވަކިކޮށް ދެއްވުން އެދެމެވެ،" ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނަށް އެޑްރެސްކޮށް ރޭ (އޭޕްރީލް 18، 2023) ފޮނުއްވި ސިޓީގައި ރަމީޒު ވިދާޅުވެފައިވެ އެވެ.

ރަމީޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހެޅީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ބޭނުންފުޅު ވެގެންކަން "އަދަދު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

އެކަމަކު ރަމީޒުގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މައްސަލައެއް ކަމެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ނަމަވެސް މައްސަލަ ބަލަން ފެށީ ޕީޕީއެމްގެ ޓިކެޓުގައި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ގޮތެއް ނުފެނިއްޖެ ނަމަ، ޕާޓީގެ ޓިކެޓު ހޯއްދެވުމަށް މުއިއްޒު މަސައްކަތް ކުރައްވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. މުއިއްޒުއާ އެންމެ އަރިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ރަމީޒެވެ.

ސިޓީ ކައުންސިލްގެ ގަސް ވިއްކާ ފިހާރަ ހުޅުވި ރޭ، މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒު (ވ) އަދި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޮމިޓީއަށް އިއްޔެ ރަމީޒު ހާޒިރުކޮށް ބަޔާން ނެގި އެވެ.

އެ މައްސަލައިގައި ރަމީޒާ ދެކޮޅަށް ހެކިބަސް ދެއްވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުމާލޭ ދާއިރާގެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ކަމަށް އަޑުފެތުރުނެވެ.

ނަމަވެސް އެކަން ޕާޓީން ދޮގުކުރެ އެވެ. ޝިޔާމް އާއި ޝުޖާއު ސުލޫކީ ކޮމިޓީއަށް ހާޒިރު ނުކުރާކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

ރަމީޒު ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ އެމްއެންޑީއެފްގަ އެވެ. ގާތްގަނޑަކަށް 20 އަހަރު ފަހުން އެމްއެންޑީއެފުން ވަކިވެވަޑައިގެންނެވިއިރު، އޭނާ އުޅުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، މިހާރު ޖަލުގައި އޮންނެވި ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އުއްމީދުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަން އެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ. އޭގެ ތެރޭގައި މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރަމީޒު ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބެ އެވެ.