Advertisement

މޫނު ބުރުގާ މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން އެދުނު ވަގުތީ އަމުރު ނެރެނުދިން

17 އޭޕްރީލް 2023 - 20:20 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މޫނު ބުރުގާ މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން އެދުނު ވަގުތީ އަމުރު ނެރެނުދިން

17 އޭޕްރީލް 2023 - 20:20 3

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދާއިރު މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ހޫނުވެ، ކުދިންގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއެކު ނެރެދެން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ އިތުރުން ރާއްޖެ ބައިވެރިވެ، ބަލައިގެންފައިވާ މުއާހަދާތަކަށް ރިއާޔަތްކޮށް އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ އެޕްރީލް ދޭއްގަ އެވެ.

މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން މޫނު ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ހާޒިރު ނުވެވޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް ވެސް ސިވިލް ކޯޓުގައި އެދުނެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ އެނގެން އޮތް ކަންކަމަށް ބަލާއިރު ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެގޮތުން, ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެފަރާތުގެ ކުދިންނަކީ ކޮބައިކަމާއި, އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލު ކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ދައުވާ ފޯމު އަދި ވަގުތީ އަމުރަށް އެދޭ ފޯމުގައި ވެސް ހިމަނާފައި ނުވާކަން ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން, މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭކަން ސިވިލް ކޯޓުން ބަޔާންކޮށްފައިވެ އެވެ.

ވަގުތީ އަމުރަކަށް އެދިފައި ވަނީ ފޫނުބެއްދޭ ވަރުގެއް ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު, އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތުން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ނިންމެވުގައިވެ އެވެ.