Advertisement

މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނުގެ ޝަރީއަތް ހުކުމާ ހަމަައަށް

17 އޭޕްރީލް 2023 - 11:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑރ. މުހައްމަދު މުއިއްޒު؛ މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާނުގެ ދައުވާގެ ޝަރީއަތް ހުކުމް ކުރުމާ ހަމައަށް ގޮސްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނުގެ ޝަރީއަތް ހުކުމާ ހަމަައަށް

17 އޭޕްރީލް 2023 - 11:32 0

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް ބޭރުގެ އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ މައްސަލައިގެ ހިމެނޭ ކޮންމެ ހަސްމަކު ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާނަކީ ޝަރީއަތް ހިނގައިދިޔަ ގޮތާ މެދު ދެކޭ ގޮތާއި، ހިނގި ކަންކަމާއި ފާހަގަ ކުރެވުނު ނުކުތާތައް ހުލާސާ ގޮތެއްގައި ކޮންމެ ހަސްމެއްގެ ފަރާތުން ހުށަހަޅައިދޭ ބަޔާނެކެވެ.

ޖިނާއީ އިޖުރާއަތު ރޭވިފައި އޮންނަ ގޮތުން، ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުލާސާ ބަޔާން އިއްވައި ނިމޭ ފަހުން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ސޮއްފަތު ހަބީބު ވިދާޅުވީ ރަސްމީ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ވަކި ތާރީހެއް ނުދެއްވަ އެވެ.

މައްސަލައިގެ ފަސްފަހަތް؛

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެ ސުވާލަށް އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.