Advertisement

ހަލައްކަ ޓޫރިސްޓުން ހަމަވިޔަސް، އަދި އޮތީ ބޮޑު މަސައްކަތެއް!

16 އޭޕްރީލް 2023 - 09:38 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓްގައި. ޓޫރިސްޓުން އަންނަ ރޭޓް ދަށެއް ނުވޭ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ހަލައްކަ ޓޫރިސްޓުން ހަމަވިޔަސް، އަދި އޮތީ ބޮޑު މަސައްކަތެއް!

16 އޭޕްރީލް 2023 - 09:38 0

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް އެކަނި ބަލައިލީމާ ފެންނަނީ އުފާވެރި މަންޒަރެކެވެ. މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 600،000 ފަހަނަ އަޅައި ގޮސްފައިވާ ތަނެވެ. އެކަމަކު އޭގެ ފުނަށް ފީނައިލުމުން ފެންނަނީ މިއަހަރަށް ކަނޑައެޅި އަމާޒު ކަމަށްވާ 1.8 މިލިޔަން ޓޫރިސްޓުން ހަމަކުރަން އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 592،605 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިހާރު ވެސް ދުވާލަކު ރާއްޖެއަށް އަންނަ ޓޫރިސްޓުން އަދަދު 5،000 އިން މަތީގައި ހުރުމުން، ޖެހިގެން އައި ބުރާސްފަތި ދުވަހު 600،000 ހަމަވާނެކަން އެނގެ އެވެ. އެކަމަކު ހަމަ އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ އޭޕްރިލް މަސް ދެބަޔަށް ދިޔަ އިރު އައި ޓޫރިސްޓުންގެ އަދަދާ ބަލާއިރު މިހާރު ކުރިއެރުން ހުރީ އެންމެ 10 ޕަސެންޓްގަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު "އަދަދު" އަށް ވިދާޅުވި ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަސް ރަނގަޅަށް ދިޔަ ނަމަވެސް، މިމަހުން ފެށިގެން ކުރިއަށް އޮތް ތިން މަހުން ބައި މިލިޔަން ޓޫރިސްޓުން ނުލިބިދާނެ އެވެ.

"އޭޕްރިލް، މެއި، ޖޫން ގައި ބައިމިލިޔަން [ޓޫރިސްޓުން] ނުލިބުމުގެ ފުރުސަތު އެބަ އޮތް. އެއީ މިމަހުގެ ވެސް ގްރޯތު މިދިޔަ އަހަރާ އަޅައި ބަލާފައި ހުންނާނީ މިހާރު ހަ ޕަސެންޓުގައި. އެއަށް ވުރެ ބޮޑަށް އިތުރުވާން ޖެހޭ،" މައުސޫމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެއިމަހާއި ޖޫންމަހު ޓޫރިސްޓުން އަންނަ އަދަދު އެހާ ރަނގަޅުވާނެކަމުގެ ހަބަރެއް ޓޫރިޒަމް އިންޑަސްޓްރީއަކުން އަދި ނުލިބެ އެވެ.

ވައިގެ ދަތުރުގެ އަގުބޮޑުވުމަކީ ގޮންޖެހުމެއް، ހަލުތައް އެބަ ހޯދޭ

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް ވައިގެ ދަތުރު ނުކުރެވުމާއި ދަތުރުގެ އަގުބޮޑުވުމެވެ. ކޮވިޑުގެ ކުރިން ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން ޓޫރިސްޓުން އައުމަށް ވެސް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ އެޔެވެ.

"ޗައިނާއިން އަޅުގަނޑުމެން ހީކުރި އަދަދު ނުލިބެނީ ހަމަ އެވަރަށް ފްލައިޓްތައް ނެތީމާ. އަންނަން ބޭނުންވާ މީހުންތައް އެބަތިބި. ފްލައިޓްތައް ހުރީ ވަރަށް އަގުބޮޑުކޮށް. ލާހިކު އަގަކަށް ފްލައިޓްތައް ތިރިވެފައި ފްލައިޓްގެ ފްކެއުއެންސީ އިތުރުވީމާ އެކަންތައް ރަނގަޅުވާނެ،" މައުސޫމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބެޑްކެޕޭސިޓީ މިހާރު ބޮޑުތަނުން އިތުރުވެފައި ވާތީ ރާއްޖޭގެ އިންޑަސްޓްރީއަށް ޖުމްލަކޮށް ހިންދެމިލެވޭނީ ޓޫރިސްޓުން އަންނަ ރޭޓް މިދިޔަ އަހަރަށް ވުރެެ 10 ޕަސެންޓް ކުރީގައި ހިފެހެއްޓިގެންނެވެ. އެކަމަށް ޓަކައި ރާއްޖެއަށް ކުރާ ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ގިނަކުރުމާ އެކު އެތެރޭގެ ދަތުރުފަތުރު ވެސް މިހާރަށް ވުރެ ފަސޭހަވާން ޖެހެ އެވެ.

"އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ އެތެރޭގެ ދަތުރުފަތުރަށް ފަހިވެގެން، އެއީ އާރުޓީއެލް ގުޅައިލެވިގެންނާއި އެތެރޭގެ އުދުހުންތަކަށް އިތުރު ފަހިކަމެއް އައިސްގެން، ދުރު ރަށްރަށަށް ފަސޭހައިން ޓޫރިސްޓުންނަށް ދެވޭގޮތް ވާން ފެށީމާ އަނެއްކާ ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކުރާ ވައިގެ ދަތުރުތައް އިތުރުކުރަން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށް، އުއްމީދީ ހަބަރުތަކެއް ލިބިފައިވާ ކަމަށެވެ. އެފަދަ އެއް ހަބަރަކީ މެލޭޝިއާގެ ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވާ ހަބަރެވެ.

އޮސްޓްރޭލިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ޖެޓްސްޓާ އިން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދޭތެރޭން ކޮރެއާ ޓޫރިޒަމް ވަފުދެއް މިކޮޅަށް ވަޑައިގެންފި. އެބޭފުޅުން ވެސް އަޅުގަނޑުމެންނަށް ހަބަރުކުރި ކޮރެއަން އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ކަންތައްތައް ރަނގަޅަށް ދާ ނަމަ އަހަރު ނުނިމެނީސް 1.8 މިލިޔަން ހަމަވާނެ

މިނިސްޓަރު ވިދާޅުވީ ބައިނަލް އަގުވާމީ ވައިގެ ދަތުރު އަގުބޮޑުވެފައިވާތީ ކުރިމަތިވެފައިވާ ދައްޗަށާއި ރާއްޖޭގެ އެތެރޭގެ ދަތުރުތައް އުނދަގޫކޮށް އޮތް އޮތުމަށް ހައްލެއް ލިބިއްޖެ ނަމަ މިއަހަރަށް ކަނޑައެޅި އަމާޒު އަހަރު ނިމުމުގެ ކުރިން ހާސިލުކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް މި ބަލަނީ އަހަރުގެ ޓާގެޓް ހާސިލުވިކަން ފާހަގަކޮށްލަން ލިބޭނޭ ދެތިން ހަފުތާއެއް އަތުގައި ބާއްވާފައި،" މައުސޫމު ވިދާޅުވި އެވެ.

އެއީ މި އޭޕްރިލް މަސް ނިމުމާ އެކު ޗައިނާ މީހުންގެ ޗުއްޓީއެއް ފެށޭތީ އެވެ. މައުސޫމު ވިދާޅުވި ގޮތުގައި އެއީ ޓޫރިސްޓުން އަންނަ އަދަދު އަނެއްކާ ވެސް އިތުރުވާނެ ދުވަސްވަރެކެވެ.