14 އޭޕްރީލް 2023 - 19:12 2
މުހައްމަދު އުޝާމް
ްއެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް؛ އެމްޑީޕީގެ އެތެރެއިން ބަޔަކު އެމްޑީޕީގެ ގުރައިދޫ ދާއިރާގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފި - ފޮޓޯ: އަދަދު ފައިލް
14 އޭޕްރީލް 2023 - 19:12 2
މާދަމާ އޮންނަ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ވޯޓު ނުދިނުމަށް އެދި ޕާޓީގެ މެންބަރުންނަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބޭފުޅުން ގުޅުއްވަމުން ގެންދަވާ ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފި އެވެ.
އަހަރުގެ ކުރީކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީން ނާކާމިޔާބުވި ފަހުން މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި، ޕާޓީގެ އެތެރޭގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ.
ބައި އިލެކްޝަނަށް ކުޑަތަންވެފައި ވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒު ފޮނުވި މެސެޖެއްގައި ވަނީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ކުރިއަށް އޮތް މި އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް މަސައްކަތް ކުރައްވާ ކަމަށް ލިޔުއްވައިފަ އެވެ.
"ޕާޓީގެ އިސް ސަފުގައި ތިބި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން،" ފައްޔާޒު ފޮނުވި މެސެޖެއްގައިވެ އެވެ.
ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ހުންނެވި އަދި މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރެއްގެ ގޮތުގައި ހުންނެވި ފައްޔާޒު ވިދާޅުވީ، ޕާޓީ ފުނފުނޑުކޮށްލަން ނަޝީދު ފެކްޝަނުން ކުރާ މަސައްކަތް މިހާރު އޮތީ "އެހެން ހިސާބެއްގައި" ކަމަށެވެ.
"އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އެ ބަޔަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަން ފާހަގަ ކުރައްވައި ފައްޔާޒު ފޮނުވި މެސެޖުގައިވެ އެވެ.
މީގެ ކުރިން ރައީސް ނަޝީދާ މެދު، ރައީސް ސޯލިހުގެ ފެކްޝަންގެ އިސް ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް އޮވެގެން މަޖިލީހުގެ ރައީސްގެ މަގާމުން ވެސް ވަކިކުރަން މަސައްކަތް ކޮށްފައިވެ އެވެ.
އެ ކަމަށް ބޭނުންވާ ވަރަށް، މަޖިލީހުގެ މެންބަރުންގެ ސޮއި ހަމަވެފައިވީ ނަމަވެސް އެ ކަން ނުކޮށް މަޑުޖައްސާފައި ވަނީ ނަޝީދަށް އިހުތިރާމު ކުރަން ބޭނުންވާތީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.
2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބުތަކުން ވެސް ކުރިހޯދީ ރައީސްގެ ބޭފުޅުންނެވެ.
ނަޝީދު މިހާރު ޕާޓީގެ އެތެރެއިން ވަކި ހަރަކާތެއް ފައްޓަވާފައިވާއިރު، ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި އެ ހަރަކާތުގެ ތާއީދު ދިނުމަށް ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށެވެ.
ޖޭޕީއާއެކު އެ ބޭފުޅުން ގެންދަވަނީ ކޯލިޝަންގެ މަޝްވަރާތައް ވެސް ކުރައްވަމުންނެވެ. އަދި، ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާއިރު، ރިޔާސީ އާ ދައުރުގެ ކުރިއަށް ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ވެސް ނަޝީދު އެދިވަޑައިގަންނަވަ އެވެ.
Comment