އުމުރުން 70 އަހަރުގެ އަބްދުﷲ އޭނާ ދިރިއުޅޭ މައިންބަފައިންގެ ގޭގެ އަށިމަތީގައި އިށީނދެލައިގެން. އެގޭގައި މިޒަމާނުގެ އެއްވެސް ކުލައެއް ނެތް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބޯތިރިކޮށްލައިގެން އޮޅިގަނޑު ގިރާކޮށްލުމުން ފެނުނު މަންޒަރުން އަންތަރީސްވި އެވެ. ތެޅިގަލާއި އުވައިން ރާނާފައިވާ އެ ގޭގެ ފާރުތަކުގައި ރެނދުތަކެވެ. ފުރާޅުގައި ޖަހާފައި ހުރި ޓިނު ދަބަރަށްވެފަ އެވެެ. ފަންކޮޅެއް ޖަހާފައި ހުއްޓަސް ގޭގެ ކުކުޅުވަހީގައި ބޮޑެތި ބާގަނޑުތަކެވެ. އެ ބާގަނޑުތަކުން ވަންނަ އިރުގެ އައްޔާއި ފުރާޅުގައި ހުރި ލޯވަޅުތަކުން ވަދެފައިވާ ކޮކާ އަވި ފިޔަވައި އިތުރު އައްޔެއް ނެތެވެ. މިއީ ގަރުނެއް ވެފައިވާ މިރަށު ޒުއްރިޔާނުގެ އެވެ.
މިގޭގައި ދިރިއުޅެނީ އުމުރުން 70 އަހަރުގެ އަބްދުﷲ އިބްރާހިމް އެކަންޏެވެ. އޭނާގެ ހަޔާތުގެ ވާހަކަ ފެށެނީ މައިންބަފައިން ދޫކުރި މުސްކުޅި މި ގެއާ ހިސާބުންނެވެ. އޭނާ އާއި އެއްބަނޑު އެއްބަފާ ހަ ބެއިން އުޅެ ބޮޑުވީ މި ގޭގަ އެވެ. ތިން ބެއިން ދުނިޔޭގައި އެބަ ތިއްބެވެ. ނަމަވެސް އުޅެ ބޮޑުވި ގެއަށް ޖެހުނު ހިތް ދޫކޮށްނުލެވުނީ އަބްދުﷲ އަށެވެ.
މެދުގޭ ތެރެއަށް ވަދެގެން ދިޔައިރު އެކި އަރިމަތިތަކުގައި ހުރީ އަށި ޖަހައިފަ އެވެ. ބޮޑު އައްޓާއި އިރުމަތީ އެނދެވެ. ދިމާ އެނދާއި ގުޑާ އައްޓާއި ވިހާ އެނދާއި ދޮރޮށު އެނދެވެ.
"ހަމަ ބައްޕަގެ ދަރީން ނިދާފައި ހުރި ތަންތަން މިއީ،" ވަށައިގެން ހުރި އަށިތައް ދައްކަމުން އޭނާ ކިޔައިދިނެވެ.
އަބްދޯ ދިރިއުޅޭ ގޭގައި؛ އެ ގެއަށް ގަރުނެއް ވެދާނެ ކަމަށް ބެލެވޭ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބައެއް އަށިތަކުގައި ހުރީ ތުނި ގޮދަޑި އަޅައިފަ އެވެ. އަނެއް އަށިތަކުގައި ތަރުފާލެވެ. ދެ އައްޓެއްގެ ބޯލާކޮޅުގައި ލަކުޑި ފޮއްޓެއް ބަހައްޓާފައިވެ އެވެ. ލާން ގެންގުޅޭ އަންނައުނު ހުރީ ޕްލާސްޓު ކޮތަޅަށް އަޅައި، ކޭލި ޖަހާފައި ފައިދޮށުގައި އެލުވައިފަ އެވެ. ވޮށް ދިއްލުމަށް ގޭގެ ދެ ބިތުގައި ފުޅި ބައްތި އެލުވާފައި ހުއްޓެވެ. ގެންގުޅޭ ސާމާނު ވެސް އެހެންނެވެ. އެކި ބިތުގައި ޖަހާފައިވާ މޮހޮރުތަކުގައި އެލުވައިފަ އެވެ.
އަބުދޯ ދިރިއުޅޭ ގޭގެ ތެރެ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"އަހަރެން ހަނދާން ހުންނަން ފެށީއްސުރެއް ހުންނަނީ މިހެން އަހަރެން މަންމައާއި ބައްޕަ އާއި މީހަކާ އިނދެގެން މި ތަނަށް އައިސް އެޅި ގެ މިއީ، ބައްޕަ ބުނީ މިތާނގައި އިހުގައި ހުންނާނީ ފަންގެއެކޭ، އެ ގޭގައި އުޅެމުން ފުއްޓަރުގައި އުވަ ދަވައިގެން ރޭނި ގެއެެއް މި ގެއަކީ، އަހަރެން ނުވެސް ހައްދަވާނެ އޭރު،" ދިމާ އެނދުގައި އިށީނދެ ހަމަޖެހިލާފައި އަބްދުﷲ ކިޔައިދިނެވެ.
ހިސާބުކިތާބު ޖަހާލުމުން މި ގެއަށް ގަރުނެއްހާ ދުވަސް ވެދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ވާރެ އާއި އަވިން ރައްކާތެރިވާން ކޮށްފައިވާ ކުދިކުދި ކަންކަން ފިޔަވައި މާ ބޮޑު ބަދަލެއް ގެއަށް ނުގެނެ އެވެ.
މެދުގޭ ތެރެއިން ލާފައި ގޮސް ވަންނަ ބަދިގެ ބައެވެ. އޭގެ ބޭރަށް ގިފިއްޔެވެ. އިހުގައި ބޭނުން ކުރި ގިފިލި ހުރީ އަދިވެސް އެގޮތުގަ އެވެ. ފާހަނާ ކުރަނީ ގިފިލީގައި ވަޅު ޖަހައިގެންނެވެ.
އަބްދޯ ދިރިއުޅޭ ގޭގައި؛ އެ ގެއަށް ގަރުނެއް ވެދާނެ ކަމަށް ބެލެވޭ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މުޅިގެ ބަލައި ނިމުނުއިރު ޒަމާނީ އެއްވެސް ކުލައެއް ނެތެވެ. ހޮޅިބުރިއެއް ނެތެވެ. ފަންކާއެއް ނެތެވެ. ސީލިންގެއް ނެތެވެ. ޒަމާނީ ފަރުނީޗަރެއް ނެތެވެ. ނަމަވެސް މުޅި ގޭތެރެއިން ތަރުތީބުކަން ފެނެ އެވެ.
"އެންމެ އިހުގެ ހުރި ގޮތަށް އަދިވެސް އެހެރީ، މާ ބޮޑު ބަދަލެއް ނުހުންނާނެ، ވާރޭ ދެން ވެހޭތީ ޓިނު ބަދަލު ކުރަން ވެފައި އެހެރީ، އޭރު އޮންނާނެއޭ މި ފުރާޅުގަ ފަން ގެއެއް، ސީދާ ބިއް ފަންގެއެއް،" އަބްދުﷲ ކިޔައިދިނެވެ.
އެއްބަނޑު މީހުން ގޯތީގެ އެހެން ހިސާބުތަކުގައި ގެ އަޅައިގެން ބަދަލުވި ނަމަވެސް އޭނާ އުޅެން ބޭނުންވީ އުޅެ ބޮޑުވި މުސްކުޅި ގޭގަ އެވެ. މި ތަނުގަ އެވެ. މައިންބަފައިންގެ ހަނދާންތަކާއެކުގަ އެވެ. އެ ހުރި މުސްކުޅިކަމަށް ބަދަލެއް ނުގެނެހެވެ.
ރަށު ރައްޔިތުންގެ އިންޖީނުގެ އަޅާފައި މި ގެއަށް ވެސް ކަރަންޓު ލާން އަ އެވެ. އެކަމަކު އެއް ގޯތީގައި ދެ ގެ ހުރުމުން އެ މީހުން އެދުނީ ގޭގެ ދެކުނު ބައިން ނަރެއް ގުޅުމަށެވެ. އެގޮތެއް އަބްދުﷲ އަށް ކަމަކުނުދިޔަ އެވެ.
"ކަރަންޓު ލައި ނުދިނީމާ އެކަމާ ނޫޅުނީ، ބަލަ މީހަކު ގެއަކުން ނަރު މަށަށް ގެނެވޭނެތަ، އެއްތަންވެފަ ހުރި ދެ ގެ މިއީ، މި ގެއިން މަ ކަރަންޓު ގެންނާށެ، އެހެން މަށެއް ނުގެންނާނަމެއްނު،" މީގެ އެތައް އަހަރެއް ކުރީގެ ހަނދާނެއް އާ ކުރަމުން އޭނާ ކިޔައިދިނެވެ.
އަބްދޯ ދިރިއުޅޭ ގޭގައި؛ އެ ގޭގައި ކަރަންޓެއް ނުހުރޭ، ދިއްލަނީ ފުޅިބައްތި--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އާބާދީގައި ދެހާހެއްހާ މީހުން ދިރިއުޅޭ މި ރަށުގައި ވެސް މި ނޫނީ ކަރަންޓު ނެތް ގެއެއް ނެތެވެ. އަދި އެހެން ރަށެއްގައި ވެސް ކަރަންޓު ނެތި ދިރިއުޅޭ ގެއެއް ހުރިކަން އެނގިފައެއް ނެތެވެ.
އިރުއޮއްސުމުން މި ގޭގައި ދިއްލަނީ ކަރާސީނު އަޅައި، ފީތާ ލާފައިވާ ފުޅި ބައްތި އެވެ. ފިނިކުރަން ވިހުރުވުމަށް ގެންގުޅެނީ އެންމެ އިހުގައި ހަދާފައިވާ ފަނުން ވިޔެފައިވާ އަތު ފަންކަ އެކެވެ.
"ދުވާލު އެއްކޮށް ނިއްވާފައި ބަހައްޓަނީ، އިރުއޮއްސުނީމާ ދިއްލަނީ، ތެޔޮ އިރާދަކުރެއްވިއްޔާ ހަމަކުން މަހަކަށް ވޭ. މިވަރުގެ ހަމަކުން ވެޔޭ، މުޅި މަހަށް،" އަތުގައި އޮތް ދެ ލީޓަރުގެ ކުކިން އޮއިލް ސައިޒުގެ ފުޅި ދައްކާލަމުން އޭނާ ބުންޏެވެ.
ފުޅި ބައްތިއަށް އަބްދުالله ތެޔޮ އަޅަނީ. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އާދަވެފައިވާ މި ދިރިއުޅުން އަބްދުﷲ އަށް އުނދަގުލެއް ނޫނެވެ. ކުޑައިރުއްސުރެ ދިއްލި ފުޅިބައްތީގެ އައްޔަށް ހުރީ ހޭނިފަ އެވެ. އެ އަލިކަން އޭނާއަށް މާ ކަމުދެ އެވެ. އެހެން މީހުންނާ ހިލާފަށް ކަރަންޓަކީ އޭނާއަށް އަސާސީ އެއްޗެއް ނޫނެވެ.
"ބޭނުން ކަމެއް ނޫން [އެއީ ކަރަންޓު ލާން]، އާން މަށަކަށް އުނދަގުލެއް ނޫން މިހެން އުޅޭކަށް، މި ހުރިހާ ދުވަހު ވެސް މި އުޅުނީ، މިހާރުއޭ މިއުޅެނީ ފާޑަކަށް، އެއިރު ވެސް މި އަލީގައި ބޮޑެތިވި މީހުންނަށް ހަނދާނެއް ނުވެއޭ [މި ކަމެއް]،" އޭނާ ބުންޏެވެ.
އަބްދޯ ދިރިއުޅޭ ގޭގައި؛ އެ ގެއަށް ގަރުނެއް ވެދާނެ ކަމަށް ބެލެވޭ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކަރަންޓުގެ ހިދުމަތާއެކު މީހުން ދިރިއުޅުމަށް އައި ބަދަލުގެ ވާހަކައަށް އިޝާރާތްކޮށް އަބްދުﷲ ބުނީ، "ދިއްލާ ބައްތިތަކާ އެއްޗެހި ގޮނޑުދޮށަށް އުކާލާފައި، އިހުގަ ހުރި ގޮތްގަނޑު މުޅީން ކަނޑުވާލައިފި" ކަމަށެވެ.
އަބްދުﷲގެ އާދަކާދަތައް ވަރަށް ތަފާތެވެ. މޯބައިލް ފޯނެއް ނުގެންގުޅެ އެވެ. ޓީވީއެއް ނުބަލަ އެވެ. ރޭޑިއޯއެއް އަޑެއް ނާހަ އެވެ. މިސްކިތުގައި ހޭދަ ކުރާ ވަގުތު ވިޔަވައި ދެން ވަގުތު ހޭދަކުރަނީ ރަށުގެ ހޮޅުއަށިތަކުގަ އެވެ.
"[އެކަނި މިހެން އުޅެން] ފޫހިވީމަ ކީއްކުރާނީ މަންމައާއި ބައްޕައާ ވަކިވެ ދިޔައީ، އެއް ބަނޑު މީހުންނާ ކުދިން ވަކިން ގެއަޅައިގެން އެ ތިބީ، އެ މީހުން ގެއަށް ކާން ލައިދޭނެ، މިހެން އެކަނި އުޅެލަނީ،" އަބްދުﷲގެ އެކަނިވެރި ހަޔާތުގެ ހިތްދަތި ފޮޅުވަތެއް ހިއްސާކޮށްލި އެވެ.
އެންމެ ކުޑައިރުއްސުރެ އޭނާގެ މައިންބަފައިން ދަސްކޮށްދިން އަމަލުތައް އޭނާ އަންނަނީ ދަމަހައްޓަމުންނެވެ. އެކަަމަކު އަދުގެ ޖީލު އޮތް ހިސާބާމެދު އަބްދުﷲގެ ކަންބޮޑުވުން އެބައޮތެވެ. އެއް ކަމަކީ ދިވެހި ސަގާފަތާއި ރީތި އާދަކާދަތައް މުޅިން އުވިގެން ދިއުމެވެ. މިހާރު އުޅޭ ކުދިންނަށް ހިޔަރަކާތް ވިލޭރޭ- ހިޔަރަކަތް ވިލޭރެއަކީ ޝައުބާން މަސް ދެ ބައިވާ ރޭ- ފަދަ ރޭރެއެއް ނޭނގެ އެވެ. މައިންބަފައިންނަށް ފާތިހާ ކިޔާ މީހުން ނޫޅުމެވެ.
އަބްދޯ ދިރިއުޅޭ ގޭގައި؛ އެ ގެއަށް ގަރުނެއް ވެދާނެ ކަމަށް ބެލެވޭ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
"ހުރިހާ އާދައެއް ހިނގައްޖޭ މުޅިން މިހާރު. ވިސްނާލާ، ޔާސީން ކިޔަވާ މީހުންނާއި މައިންބަފައިންނަށް ފާތިހާ ކިޔަވާލަން ވެސް މީހަކު ނުވޭ، ހިޔަރަކާތް ވިލޭރެ އާއި ހައްޖު ވިލޭރޭ ވަތްކެއް ނުވޭ. އެހެންޏާ ހިޔަރަކާތް ވިލޭރޭ އަސުރު ނަމާދުކޮށްގެން އައިސްފައި މީހުން ގޭގެއިން ޒިކުރު ކިޔަވަން ފަށާނެ، ފަތިސް ނަމާދަށް ވެސް، މިހާރު ނެތް އެކަން ކުރާ މީހެއް،" ނިތުގައި އަތް އަޅާލަމުން އަބްދުﷲ ބުނެލި އެވެ.
އެކަމަކު މިއަދު ވެސް ޒުއްރިޔާނުގޭގެ ހަތަރު ފާރު ތެރޭގައި މި ހުރިހާ ކަމެއް ހިނގަ އެވެ.
"އަހަރެން މައިންބަފައިން ކުރި ކަންތައް އަހަރެން މި ގޭގައި ކުރަން، ހިޔަރަކަތް ވިލޭރެއާއި ރަޖަބު މަހުގެ 27 ވިލޭރޭއާއި ހައްޖު ވިލޭރޭއާއި މި ރޭރޭ އަހަރެން ކިޔަވަން، ޒިކުރުފުޅު ކިޔަން، ޒިކުރު ފޮތް ވެސް އަންނާނެ،" ފަހުރުވެރިވެލާއި އޭނާ ބުންޏެވެ.
ކުލަނުވި، އެކަނިވެރި އެ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރި ނަމަވެސް އަބްދުﷲ ދައްކަން ބޭނުން ނުވި ވާހަކައެއް އެބަ އޮތެވެ. އާއިލާގެ ވާހަކަ އެވެ. މާކުރިން ކުރި ކައިވެންޏަކަށް ދަރިޔަކު ލިބިފައިވެ އެވެ. ނަމަވެސް އެ ހަނދާންތަކަށް ދާން އޭނާ ބޭނުމެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment