Advertisement

ނެޓްފްލިކްސްގެ ބިރުވެރި ފިލްމެއްގައި އަފާޒިލްގެ އާޓް މޮޑެލްތައް

14 އޭޕްރީލް 2023 - 14:49 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ނެޓްފްލިކްސް ފިލްމު ސާކަލް ލައިން؛ މި ފިލްމުގެ ގްރެފިކްސްއާއި ޑިޒައިން އާޓްގެ ބައެއް މަސައްކަތްތައް ކޮށްފައިވަނީ ދިވެހި އާޓިސްޓު އަފާޒީލް - ފޮޓޯ: ނެޓްފްލިކްސް


ނެޓްފްލިކްސްގެ ބިރުވެރި ފިލްމެއްގައި އަފާޒިލްގެ އާޓް މޮޑެލްތައް

14 އޭޕްރީލް 2023 - 14:49 0

ފިލްމަކީ މެލޭޝިއާގެ ފިލްމެކެވެ. ފިލްމު ދޫކޮށްލާފައިވަނީ މުޅި ދުނިޔޭގައި ވެސް ފިލްމު ސްޓްރީމު ކުރުމުގައި މިހާރު އެންމެ މަގުބޫލު ޕްލެޓްފޯމްގަ އެވެ. ނެޓްފްލިކްސްގަ އެވެ.

އޮމެންސް ސްޓޫޑިއޯ އިން 2018 ވަނަ އަހަރު ތައްޔާރުކުރަން ފަށާފައި، މި އަހަރު ނެޓްފްލިކްސްގައި ރިލީޒްކޮށްފައިވާ ބިރުވެރި އަދި ސައިންސް ފިކްޝަން ފިލްމުގެ ޝަހުސިއްޔަތުތައް ފަރުމާކޮށްފައިވަނީ ދިވެއްސެކެވެ. ދިވެހި އާޓިސްޓް އަހުމަދު އަފާޒިލް އެވެ. އޭނާއަކީ ފިލްމުގެ ލީޑިން މޮޑެލް އާޓިސްޓެވެ.

"މޮޑެލިން، ޓެކްސްޗަރިން، މައިގަނޑު ދިރޭ ތަކެތީގެ ސިފަ، އޭގެ ހެޗިންސް ޑިވެލޮޕްކުރުން، ލީޑް މޮޑެލާގެ ހައިސިއްޔަތުން، ސީޖީ ސުޕަވައިޒަރާ ގުޅިގެން، މި މަޝްރޫއުގެ މޮޑެލިން ޕައިޕްލައިން ގާއިމުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑު ކުރިން," ފިލްމު އުފެއްދުމުގައި އާފާޒީލްގެ ދައުރު ކިޔައިދިނެވެ.


އަފާޒިލް ބުނި ގޮތުގައި ފެންވަރު ރަނގަޅު މަސައްކަތްތައް ވަގުތުން ނިންމުމަށް މޮޑެލަރުންގެ ޓީމެއް އިސްކޮށް، ޝޯގެ ސުޕަވައިޒަރާއި ޕްރޮޑިއުސަރާ އެކު މަސައްކަތްތައް ކަނޑައެޅުމާ ބެހޭ ގޮތުން ގަވާއިދުން މުއާމަލާތް ކުރި އެވެ.

ސަޅި ތަޖުރިބާއާއެކު އަމާޒު އިތުރަށް ކުރިއެރުންތަކަށް

މިއީ އަފާޒިލްގެ މިފަދަ ފުރަތަމަ ތަޖުރިބާ އެވެ. ވީއެފްއެސް ފީޗާ ފިލްމެއް ތައްޔާރުކުރުމުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ރެފަރެންސް މެޓީރިއަލާއި، ކޮންސެޕްޓް އާޓުގެ މައްޗަށް ބިނާކޮށް ސައްހަ ޑިޖިޓަލް އެސެޓްތަކެއް އަފާޒިލް އުފެއްދި އެވެ.

"ފިލްމެއް އުފެއްދުމުގެ ފަންނީ ކަންކަން ދަސްކުރަން ވެސް މި ފުރުސަތުގެ ސަބަބުން ލިބުނު، އަހަރެންގެ ބެކްގްރައުންޑް އޮތީ ތްރީޑީ ކެރެކްޓާ މޮޑެލިންގައި [އެކަނި]، މި ފިލްމަށް ޕްރޮޑަކްޝަންގެ އެކި ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު،" އަފާޒީލް ބުންޏެވެ.

މި ލިބުނު ތަޖުރިބާއާއެކު، ކުރިއަށް އޮތް ތަނުގައި ވެސް އެ ފެންވަރުގެ އުފެއްދުންތައް ގެނައުމުގައި މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.


"ފްރޮމް ސޮފްޓްވެއާ އިން އުފެއްދި ގޭމެއްގައި މަސައްކަތް ކުރަން ބޭނުންވޭ، ބްލަމްހައުސް ނުވަތަ އޭ24 ފަދަ ސްޓޫޑިއޯތަކުން ބިރުވެރި ފިލްމެއް އުފެއްދުމުގައި ބައިވެރިވުމުގެ ވިސްނުމެއް ވެސް އެބަ އޮތް، އުންމީދުކުރަން މި ލަނޑުދަނޑިތައް ހަގީގަތަކަށް ވެގެންދާނެ ކަމަށް"

އަފާޒިލް ނިންމާލުމުން ބުނީ އިންސްޓަގްރާމް ފޮލޮވަރުންނަށް، ބުނެލަން ބޭނުންވަނީ ބިރުވެރި ހިޔާލީ ޝަހުސިއްޔަތުތަކުގެ އާޓު އަދިވެސް މުސްތަގުބަލުގައި ގިނައިން ފެނިގެންދާނެ ކަމަަށެވެ.