12 އޭޕްރީލް 2023 - 05:01 29
އަބްދުﷲ ޝަހީދު
-- އާޓްވޯކް: މުހައްމަދު ރައްޔާނު (ރައިޑޭ) / އަދަދު
12 އޭޕްރީލް 2023 - 05:01 29
ރާއްޖޭގެ ވަރަށް ގިނަ ރިޒޯޓްތަކުގެ ގަޑިއާއި ވެރިރަށް މާލޭގެ ގަޑިއާ ދެމެދު އެއް ގަޑިއިރުގެ ތަފާތެއް ހުރެއެވެ. އަދި ބައެއް ފަހަރަށް ތިރީސް މިނެޓުގެ ތަފާތެއްވެސް ހުރެއެވެ. މިދެންނެވި ރިޒޯޓްތަކަށް އިރުއޮއްސެނީ ގާތްގަނޑަކަށް ރޭގަނޑު 7.15 ގައެވެ. އަދި އިރުއަރަނީ ހެނދުނު ގާތްގަނޑަކަށް ހަތެއްގައެވެ. އެކަމަކު ޖެހިގެން އޮންނަ ގެސްޓްހައުސް ހިންގާ ރަށުގައި އަދި ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް އިރުއޮއްސެނީ 6.15 ގައެވެ. އަދި އިރު އަރަނީ ހެނދުނު ގާތްގަނޑަކަށް ހައެއްޖަހާއިރެވެ. މިދެންނެވި ރިޒޯޓުތަކުގައި ތިބޭ ފަތުރުވެރިން ހެލިފެލިވެ އުޅުމަށް ކޮންމެ ދުވަހަކު އިތުރު އެއްގަޑިއިރުގެ އަލިކަން ލިބޭ ކަމަށް އިހުސާސްކުރެވޭނެއެވެ.
މުޅި ރާއްޖޭގެ ޓައިމް ޒޯން ރިޒޯޓްތަކާއި އެއްހަމައަކަށް، އެއްގަޑިއިރު ފަހަތަށް (ފޯވާޑް) ޖައްސައިފިއްޔާ ވާނީ އަންނާނީ ކޮން ބަދަލެއްތޯއެވެ؟ މި ދަންނަވަނީ ޖީއެމްޓީ 5+ އިން ޖީއެމްޓީ 6+ އަށް ދާއިމީކޮށް ބަދަލުކުރާ ވާހަކައެވެ. ދުވާލު ބުރަ މަސައްކަތްކޮށް އޮފީސް ލަހުން ނިމޭ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް މީގެން ރަނގަޅު އަސަރެއް ކޮށްފާނެތޯއެވެ؟ ލޯކަލް ޓޫރިޒަމަށް ހެޔޮގޮތެއް ވެދާނެތޯއެވެ؟ ސަރުކާރުގެ އާމްދަނީ އިތުރުވެދާނެތޯއެވެ؟ ކަރަންޓާއި ހަކަތައަށް ކުރާ ހޭދަ މަދުވެދާނެތޯއެވެ؟
ފެށުމުގެ ކުރިން މިކަމުގެ ސަބަބުން އަޅުގަނޑުގެ ނަޒަރުގައި އަންނާނެ ބަދަލުތައް ތިރީގައި ހިމަނާލާނަމެވެ. މި ލަފާކުރާ ބަދަލުތަކުގެ ކުޑަބޮޑުމިން ވަޒަންކުރެވޭނީ ދިރާސާކޮށްގެން، ނޫނީ އަޖުމަ ބެލުމުގެ ގޮތުން އަހަރަކަށް ނަމަވެސް މިކަން ފަށާފައި، އަންނަ އަސްލު ނަތީޖާ އަށް ބަލައިގެންނެވެ. ބަދަލު ގެންނާނީ ޓައިމް ޒޯނަށް އެކަންޏެވެ. އޮފީސް ހުޅުވާ/ލައްޕާ ގަޑިތަކަށް ނޫނެވެ. އެހެން އެއްވެސް ކަމަކަށްވެސް ބަދަލެއް ނުގެންނަމެވެ.
ދެން އަޅުގަނޑު މިލިޔުމުން ބިނާކުރާނީ މި ކަންކަމަށެވެ. އަދި، މިއާއި މެދު ވިސްނަވާ، މިކަމަށް ބަހުސްކުރުމަށް ކިޔުންތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށްވެސް ދައުވަތު އަރުވަމެވެ.
މިއަދު އަޅުގަނޑުމެން މި ބޭނުންކުރާ 'ޓައިމް ޒޯން' ތަކަކީ އިންސާނީ އުފެއްދުމެކެވެ. ދުނިޔޭގައި 'ޓައިމް ޒޯން' ތައް ކަނޑައެޅުމުގެ ކުރިން، ދުވާލުގެ ގަޑިތަކާއި ވަގުތު ބަލަމުން އައީ އިރަށް، އަދި އިރު ދަތުރުކުރާ ގޮތަށް ބަލައިގެންނެވެ. ދުވާލުގެ ވަގުތުތައް އޭރު ހުންނަނީ އެކި ދަންދަމަށް، އެކި ބައިބަޔަށް ބަހާފައެވެ. ދިވެހީން ވަގުތު ބަލާ ފުޅިއަށް ދަންފުޅިއޭ ކިޔަނީވެސް މިހެންވެއެވެ. ކުރީގައި ހުރިހާ ކަމެއް ކުރަމުން ދިޔައީ 'ލޯކަލް' ކޮށެވެ. ދުނިޔެ އެހާބޮޑަށް ގުޅިލާމެހިފައެއް ނެތެވެ.
އެކަމަކު ނަވާރަވަނަ ގަރުނުގެތެރޭގައި ރޭލުގެ ހިދުމަތާއި 'މޯސް ކޯޑު' ފަދަ އަވަސް މުއާސަލާތީ ވަސީލަތްތައް މުޅި ދުނިޔެއަށް ތައާރަފުވުމާއެކު، މިގޮތަށް ވަގުތު ގުނުން ބޮޑު ގޮންޖެހުމަކަށް ވެގެންދިޔައެވެ. ސަބަބަކީ އެކި އަވަށްތަކާއި ސިޓީތަކާއި ގައުމުތަކުގެ ގަޑިތަކުގައި ބޮޑު ތަފާތެއް އުޅޭތީއެވެ. ރޭލު ދަތުރު ކުރާއިރު ގަޑި އޮޅުންބޮޅުންވެ، ރޭލު މިސްވެ، އެކްސިޑެންޓްތައް އާންމުވާން ވެސް ފެށިއެވެ. ކުރީގައި އެއްތަނުން އަނެއްތަނަށް ފޮނުވާ މެސެޖް ލިބެން ދުވަސްތަކެއް ނެގިއަސް މިހާރު މިދެންނެވި 'މޯސް ކޯޑު' ގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް މެސެޖު ފޮނުވެން ފެށުމުން، ވަގުތުގެ ބޮޑު އޮޅުންބޮޅުމެއް މުއާސަލާތުކުރުމުގައިވެސް އުފަންވިއެވެ. ކުރުކޮށް ދަންނަވާނަމަ، އިންސާނުން 'ލޯކަލް' ކޮށް ކުރަމުން އައި ވަރަށް ގިނަ ކަންކަން ވަރަށް ބޮޑަށް ދުނިއެއަށް ފެތުރިގެން ދިޔައެވެ.
މިހެން ވުމުން ރޭލު ދަތުރުކުރުމުގަޔާއި، މުއާސަލާތު ކުރުމުގައާއި އަދި ހުރިހާކަމެއްގައިވެސް އެންމެނަށް އެއްބަސްވެވޭ 'ކޯޑިނޭޓެޑް ޓައިމް ސިސްޓަމް' އެއް އުފައްދަން މަޖުބޫރުވިއެވެ. 1884 އެމެރިކާގެ ވޮޝިންޓަންގައި އިންޓަނޭޝަނަލް މެރީޑިއަން ކޮންފަރެންސެއް ބޭއްވިއެވެ. އަދި ސްކޮޓިޝް ކެނޭޑިއަން އިންޖިނިއަރެއް ކަމަށްވާ ސްޓޭންފޯޑް ފްލެމިން ހުށަހަޅުއްވާފައިވާ ގޮތަށް، ވަށްކޮށް 360 ޑިގްރީއަށް އޮންނަ މިދުނިޔެ، 15 ޑިގްރީގެ މަގުން އިރުމައްޗާއި ހުޅަނގަށް ބަހާލިއެވެ. ބަހާލީ އުތުރުން ދެކުނަށް (މަތިން ތިރިއަށް) އެކުލެވިގެންވާ 24 ޒޯނެކެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަންގެ ގްރީންވިޗް އަވަށަކީ ޒީރޯ ޑިގްރީ ކަމަށް ކަނޑައެޅިއެވެ. ޒީރޯ ޑިގްރީއިން 15 ޑިގްރީގެ (ކޮންމެ 15 ޑިގްރީއަކީ އެއްގަޑިއިރު) މަގުން އިރުމައްޗަށާއި (ޕްލަސް) ހުޅަނގަށް (މައިނަސް) ގުނަން ފެށިއެވެ. އިރުމައްޗަށް ގުނުމުން ދިވެހިރާއްޖެ އޮތް ހިސާބުގެ ގޮތުން ރާއްޖެ ވެއްޓެނީ 75 ވަނަ ޑިގްރީއަށެވެ. ނޫނީ 5+ ވަނަ ޒޯނަށެވެ. ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު 5 ގަޑިއިރުގެ ތަފާތެއް އޮންނަކަމަށް ރަސްމީކޮށް ގުނަނީ މިހެންވެއެވެ. މިގަޑިއަށް ގްރީންވިޗް މީން ޓައިމް (ޖީއެމްޓީ)ގެ ނަން ދެވުނެވެ. މި ވިސްނުމުން، މި ހިސާބު ޖެހުމުން އެހެން މީހެއްގެ އެހީއެއް ނެތި، ރާއްޖޭގެ ޓައިމް ޒޯނަކީ ޖީއެމްޓީ +5 ކަމަށް މިއޮތީ ކަނޑައެޅިފައެވެ.
އެކަމަކު މިއީ ގައުމުތަކަށް އެގައުމުތަކުގެ އިގްތިސާދީ، ސިޔާސީ، އާދަކާދައާއި މިފަދަ ވަރަށް ގިނަ ކަންކަމަށް ބަލާފައި ބަދަލުގެންނަ އެއްޗެކެވެ. ގޮތް ނިންމަނީ އެގައުމަކުންނެވެ. ރާއްޖޭގެ ސަރުކާރުން ވަނީ މެއި 16، 1959 ވަނަ ދުވަހު ޖީއެމްޓީ 5+ އަށް އުނި އިތުރެއް ނުގެނެސް، އެއީ ރާއްޖޭގެ ސްޓޭންޑަޑް ޓައިމްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި، އެއަށް އަމަލުކުރަން ފެށީ ޖެނުއަރީ 1، 1960 އިން ފެށިގެންނެވެ. މިއަދާ ހަމައަށް ވެސް މި ގަޑިއަކަށް އުނިއިތުރެއް ގެނެސްފައެއް ނުވެ އެވެ. އެހެން ކަމުން، ކޮންމެ ދުވަހެއްގެ އިރު އަރަމުންދަނީ އާންމުކޮށް ހެނދުނު ހައެއް ޖަހާއިރު، އަދި އިރު އޮއްސެމުންދަނީ އާންމުކޮށް ރޭގަނޑު ހައެއް ޖަހާހަކަށްހާއިރު އެވެ. ކުޑަކޮށް ބަދަލުއަޔަސް، މާބޮޑު ބަދަލެއް ނާދެ އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރިޒޯޓްތަކުން ވަކި ގަޑިއެއް ގެންގުޅެނީ އޭގައި ފައިދާތަކެއް ހުރުމުންނެވެ. މި މިސާލު ހިޔާލަށް ގެންނަވާށެވެ. ދެ ރިޒޯޓެކެވެ. ދެ ރިޒޯޓުގައި އުޅޭ ފަތުރުވެރިންވެސް ނިދަންދަނީ ރޭގަނޑު 11 ޖަހާއިރު އެވެ. އަދި، ހޭލަނީ އަށް ގަޑިއިރު ހަމަކޮށްފައި ހެނދުނު ހަތެއް ޖަހާއިރެވެ. ފުރަތަމަ ރިޒޯޓުގައި ހިނގަނީ ހަމަ ވެރިރަށް މާލޭގެ ގަޑިއެވެ. އެއީ ޖީއެމްޓީ 5+ އެވެ. ދެވަނަ ރިޒޯޓުގައި ގެންގުޅެނީ އެމީހުންގެ އަމިއްލަ އިން-ހައުސް ގަޑިއެކެވެ. އެއީ ޖީއެމްޓީ 6+ އެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދެވަނަ ރިޒޯޓުން ވަނީ އެމީހުންގެ ގަޑި ދާއިމީކޮށް އެއްގަޑިއިރު ފަހަތަށް (ފޯވާޑް) ޖައްސާފައެވެ. މިހެން ހެދުމުން އަންނަ ނަތީޖާއަކީ މިއެވެ.
ދެ ރިޒޯޓުގައި ތިބޭ ފަތުރުވެރިންވެސް ހޭލަނީ ހެނދުނު 7 ގައިކަމުން، ފުރަތަމަ ރިޒޯޓުގެ ފަތުރުވެރިޔާ ހޭލާއިރު އޮންނަނީ އޭގެ އެއްގަޑިއިރު ކުރިން، އޭނަ ނިދާފައިއޮތްވާ، އިރު އަރާފައެވެ. ރޭގަނޑު 7.12 ގައި އިރުއޮއްސޭނެއެވެ. ވީމާ އޭނައަށް ދުވާލުގެ އަލިކަމުގެ ގޮތުގައި މި ލިބެނީ 11 ގަޑިއިރާއި 12 މިނެޓެވެ. އެކަމަކު ދެވަނަ ރިޒޯޓުގައި އުޅޭ ފަތުރުވެރިޔާއަށް ހޭލެވެނީ އިރުއަރާ ވަގުތަށެވެ. ހެނދުނުގެ ނާސްތާއަށް ދާއިރު ރީތިކޮށް އިރުއަރައިގެން މިއޮތް ދަނީއެވެ. އަދި، އިރު އޮއްސެނީ ރޭގަނޑު 7.12 ގައެވެ. އެހެން ކަމުން މިފަތުރުވެރިޔާއަށް ދުވާލުގެ އަލިކަމުގެ ގޮތުގައި މިލިބެނީ 12 ގަޑިއިރާއި 12 މިނެޓެވެ. 'ސަނީ ސައިޑް' ގެ ގޮތުގައި މަޝްހޫރު ރާއްޖޭގައި އިތުރަށް ލިބޭ ދުވާލުގެ އެންމެ އެއްގަޑިއިރަކީ ވެސް ފަތުރުވެރިޔާއަށް ރާއްޖޭގެ ރީތިކަން ބަލާލަން ލިބޭ އިތުރު ފުރުސަތެކެވެ. އަދި، އެމީހުން ކުރާ ހޭދަވެސް، ނޭނގި އިތުރުކުރުވާނޭ ކަމެކެވެ.
ހަމަ މި އުސޫލު މި ދެ ރިޒޯޓުގައި މަސައްކަތް ކުރާ ގިނަ މަސައްކަތްތެރިންނަށް ވެސް ހިނގައެވެ. މިސާލަކަށް، މިދެ ރިޒޯޓުގައިވެސް އެޑްމިން/ފައިނޭންސް ހުޅުވަނީ ހެނދުނު ނުވައެއް ގައި، އަދި ލައްޕަނީ ހަވީރު ފަހެއް ގައި ކަމަށް ބަލަމާށެވެ. އެކަމަކު އިރުއޮއްސޭ ގަޑި ތަފާތެވެ. ދެވަނަ ރިޒޯޓުގެ މުވައްޒަފަށް އިތުރު އެއްގަޑިއިރު ލިބޭނެއެވެ. މިގޮތަށް ގަޑިބަދަލުކޮށްފައި އޮންނަ އޮތުމަށް ކިޔަނީ 'ޑޭލައިޓް ސޭވިންސްގް' އެވެ. މިއީ ހަތަރު މޫސުން ބައްދަލު ކުރާ ގައުމުތަކުގައި އަހަރަކު ދެ ފަހަރު ކުރާ ކަމެކެވެ. އެކަމަކު އެގައުމުތަކުގައި އަހަރަކު ދެފަހަރު ގަޑި ބަދަލު ކުރަނީ ފިނި މޫސުމުގައި އިންތިހާއަށް ދުވަސް ކުރުވާތީ، ހޫނުމޫސުމުގައި އެބައި ފޫބައްދަން، ދުވާލުގެ އަލިކަން އިތުރަށް ދިނުމުގެ ބޭނުމުގައެވެ.
މިސާލަކަށް އިނގިރޭސިވިލާތަށް ބަލާއިރު ފިނި މޫސުމުގައި ދުވާލުގެ ވަގުތުގެ ދިގުމިނަކީ އެވްރެޖްކޮށް ހަތް ގަޑިއިރެވެ. ހޫނު މޫސުމުގައި 'ޑޭލައިޓް ސޭވިންގްސް' ގެ އިތުރު އެއް ގަޑިއިރާއި އެކީ ޖުމްލަ ގާތްގަނޑަކަށް 17 ގަޑިއިރު ލިބެއެވެ. ރާއްޖޭގެ ރިޒޯޓުތަކުން 'ޑޭލައިޓް ސޭވިންސްގް' ޕްރެކްޓިސް ކުރާ ސަބަބާއި މި ގައުމުތަކުގައި 'ޑޭލައިޓް ސޭވިންސްގް' ޕްރެކްޓިސް ކުރާ ސަބަބު މިގޮތަށް ބަލާއިރު ތަފާތެވެ. ސަބަބަކީ ރާއްޖޭގައި ދުވާލުގެ ދިގުމިން އޮންނަނީ މުޅި އަހަރު ތެރޭގައިވެސް ޖުމްލަކޮށް އެއްވަރަކަށެވެ. މި ގައުމުތަކުގައި ކޮންމެ މަހަކުވެސް ބޮޑު ބަދަލެއް އާދެއެވެ. މިގައުމުތަކުގައިވެސް އަހަރަކު ދެ ފަހަރު ގަޑި ބަދަލުކުރުމުން އޭގެ ނޭދެވޭ އަސަރު ސިއްހަތަށް ކުރާތީ، އެކަން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން އެމެރިކާއިން ދާއިމީ 'ޑޭލައިޓް ސޭވިންސްގް' އަކަށް ދިޔުމާއި އީޔޫގައިވެސް އަހަރަކު ދެފަހަރު ގަޑި ބަދަލުވާވުން ނިމުމަކަށް ގެނައުމަށް ވަނީ ޕާލިމެންޓުން ފާސްކޮށްފައެވެ.
ރާއްޖޭގެ މަސައްކަތުގެ ގަޑިތަކަށް ބަލާއިރު، ސަރުކާރުގެ ގިނަ އޮފީސްތައް ހުޅުވެނީ ހެނދުނު 8 ޖަހާއިރެވެ. ޕްރައިވެޓް ގިނަ ތަންތަން 9 ޖަހާއިރެވެ. އޮފީސްތައް ނިމެނީ ހަވީރު ހަތަރަކާއި ފަހަކާ ދޭތެރޭގަ އެވެ. ގިނަ މީހުންނަށް ގެއަށް ދެވޭއިރު ހުންނަނީ ގިނަފަހަރަށް އިރުއޮއްސި ހައެއް ޖަހާ ބޮޑުވެފައެވެ. އާއިލާއާއި އެކީ، ނުވަތަ ދަރިފުޅާއިއެކީ އޮފީސް ނިންމާފައި ދުވާލުގެ އަލިކަން އެއްކޮށް ނުކެނޑެނީސް ބޭރުތެރޭގައި އުޅެލަން ފުރުސަތެއް ނުލިބެއެވެ. ދުވާލުގެ އަލިކަން މަދުން ލިބުމަކީ ޑިޕްރެޝަނާއި އާންމު ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރުވާކަމެއްކަން ދިރާސާތަކުން ދައްކައެވެ. ވަކީން ހާއްސަކޮށް ބިޒީކޮށް އޮފީހުގައި އުޅެފައި ދެން އެ އަންނަ ވަގުތުތަކުގައި އެލިބޭ ދުވާލުގެ އަލިކަމަކީ މީހާ ސްޓްރެސް ލެވެލް ދަށްކުރުމާއި، މޫޑު ރަނގަޅުކޮށްލުމަށް އެހީވެދޭނޭ ކަންކަމެވެ. ޖުމްލަ ނަތީޖާއަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފެއްދުންތެރިކަން ވެސް އިތުރުވުމެވެ. މި އާޓިކަލް ކިޔުއްވާ ގިނަ ބޭފުޅުންވެސް މިކަން ތަޖުރިބާ ކޮށްފައިހުރުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ ޓައިމް ޒޯން، އެއްގަޑިއިރު ފަހަތަށް (ފޯވާޑް) ޖައްސައިފިއްޔާ، އޮފީސް ފަހެއް ޖަހާއިރު ނިމުނަސް، އިރު އޮއްސުމުގެ ކުރިން ދެގަޑިއިރު ބޭރުތެރޭގައި އުޅެލަން ފުރުސަތު ލިބޭނެއެވެ. ދިވެހީން އާންމުކޮށްދާ މެލޭޝިޔާއާއި ސިންގަޕޫރުގައިވެސް އިރު އަރަނީ ހެނދުނު ހަތެއް ޖަހާކަށްހާއިރު، އަދި އިރު އޮއްސެނީ ރޭގަނޑު 7.20 ޖާހާކަށްހާ އިރެވެ.
ރާއްޖޭގެ ނަމާދުގެ ގަޑިތަކަށް ބަލާއިރު، ފަތިސް ނަމާދާއި އޮފީހަށް ދާދިޔުމާއި ދެމެދު މިހާރު އޮންނަ ތިން ގަޑިއިރު ދެ ގަޑިއިރަށް ކުރުކޮށްދޭނެއެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި ނަމާދުކޮށް ނިންމާފައި ކަސްރަތުކޮށް، ހެނދުނުގެ ނާސްތާ ނަގާ ގަޑިއަށް އޮފީހަށް ދާން ވަރަށް އެކަށީގެންވާ މިންވަރެކެވެ. އެކަމަކު ބަދަލު ރަނގަޅަށް އަންނާނީ، މިހާރު އޮފީސް ހުޅުވާ/ލައްޕާ ގަޑިތަކަށް ބަދަލު ނުގެނެސްއެވެ.
ދެން އޮތީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ރާއްޖޭގެ ސްކޫލްތައް ފެށޭ މަސް، ޖެނުވަރީ އިން އޯގަސްޓަށް ސަރުކާރުން ބަދަލުކުރި އެންމެ މައިގަނޑު އެއް ސަބަބަކީ ސްކޫލް ބަންދާއި ޓޫރިޒަމްގެ ޕީކާއި ދިމާވާތީ، ފަތުރުވެރިކަމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އާއިލާއާއި އެކު ސްކޫލް ބަންދުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ޑިސެންބަރުގައި އާއިލާތަކަށް ނުލިބޭތީއެވެ. މިއީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހަގީގަތަށް ބިނާކޮށް، އެއަށް ރިއާޔަތްކޮށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. މިހާރު މީހުން ދިރިއުޅޭ ރަށްރަށް ހިމެނޭގޮތަށް، މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރިފައިވާއިރު، އިރުއޮއްސޭ ގަޑި ހަތަކަށް ބަދަލުވެއްޖެއްޔާ ގެސްޓްހައުސްތަކާއި، ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް، މިސާލަކަށް އެކްސްކާޝަން/ވޯޓާ ސްޕޯޓްސް، ރިޒޯޓްތަކެކޭ އެއްގޮތަށް ފަތުރުވެރިންނަށް ރާއްޖެ އިތުރަށް ތަޖުރިބާކޮށްލުމަށް ފުރުސަތު ދެވޭނެއެވެ. ދުވާލުގެ އަލިކަން އިތުރު އެއްގަޑިއިރަށް ލިބުމަކީ ފަތުރުވެރިންނަށްވެސް ބޮޑު އެއްޗެކެވެ. ކުރާ ހޭދަވެސް އިތުރުވާނޭ ކަމެކެވެ.
ކަރަންޓާއި ހަކަތައަށް ކުރާ ހޭދައަށްވެސް މީގެ ސަބަބުން ހެޔޮ އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އިގްތިސާދީ ހަރަކާތްތަކާއި މީހުންގެ ހެލިފެލިވެއުޅުން އެންމެ ހެނދުނުގެ ވަގުތުތަކަށްވުރެ ގިނަކަމަށް ރާއްޖޭގައި ފެންނަނީ އޮފީސްތައް ނިމިގެން ދެން އެއަންނަ ވަގުތުކޮޅުތަކުގައެވެ. އެންމެ ހެނދުނުގެ އަލިކަމުން އެއްގަޑިއިރު، ދުވާލުގެ އަލިކަން ނިމޭގަޑިއަށް ބަދަލުކުރެވިއްޖެއްޔާ އިމާރާތްތަކާއި ވިޔަފާރިތަކުގައި އަލިކަން އުފެއްދުމަށް ކުރާ ހޭދަ ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ފުރަތަމަ ބޮޑު ހަނގުރާމަތެރޭގައި ޖަރުމަނުން ވެސް 'ޑޭލައިޓް ސޭވިންގްސް' ޕްރެކްޓިސް ކުރަންފެށީ ބޭނުންކުރެވޭ ދުވާލުގެ އަލިކަން އެންމެ ހެޔޮގޮތުންގައި ހޭދަކުރުމާއެކު، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ މިސާލަކަށް ބަލަމާ ހިނގާށެވެ.
ފަތިސް ނަމާދުކޮށްފައި، އޮށޯންނަ މީހާ: މިހާރު ނަމަ، އެފަދަ މީހަކު ފަތިހު ފަހެއް ޖަހާއިރު ފަތިސް ނަމާދުކޮށްގެން، އަނބުރާ އެނދަށް އަރާނެއެވެ. ދެން ތެދުވާނީ ހެނދުނު އޮފީހަށްދާން އަށެއް ޖަހަން ކައިރިވީމައެވެ. މާނައަކީ، ފަތިސް ނަމާދާއި، އޭނާ އޮފީހަށް ދިޔުމާއި އެދޭތެރޭގައި އޭނާ އުޅޭ ގޭގެ ގިނަ ބޮކިތަކާއި ލައިޓުތައް ހުންނާނީ ނިއްވާލާފައެވެ. އޭނާ ހުރިހާ އެއްޗެއް ދެން ޖައްސާނީ ރޭގަނޑު ހައެއްގައި އިރުއޮއްސުމުންނެވެ. ގަޑި ބަދަލުކޮށްފިއްޔާ، އޭނާ ފަތިހު ހައެއް ޖަހާކަށްހާއިރު ނަމާދު ކޮށްގެން، އަށެއް ޖަހަންދެން ހަމަ އޮންނާނީ ހަމަ ނިދާފަ އެވެ. ފަތިސް ނަމާދާއި، އޭނާ އޮފީހަށް ދިޔުމާއި އެދޭތެރޭގައި އޭނާ އުޅޭ ގޭގެ ގިނަ ބޮކިތަކާއި ލައިޓުތައް ހުންނާނީ ނިއްވާލާފައެވެ. އޭނާ ހުރިހާ އެއްޗެއް ދެން ޖައްސާނީ ރޭގަނޑު ހަތެއްގައި އިރުއޮއްސުމުންނެވެ. މިތަނުން، ހަރަދު ކުޑަވާނީ ފަހުގޮތެވެ.
ފަތިސް ނަމާދުކޮށްފައި، ބޭރަށް ކަސްރަތުކުރަން ނިކުންނަ މީހާ: މިމީހާއާއި މަތީގައިވާ މީހާގެ ހެނދުނުގެ އާދަކާދަ ތަފާތުވިއަސް، ބޮކި ލައިޓު ބޭނުންކުރާ މިންވަރު ހެނދުނުގަޑީގައި ދާދި އެއްގޮތެވެ. އަދި، ރޭގަނޑުވުމުން ބޮކި ލައިޓު ބޭނުންކުރާ މިންވަރުވެސް ހަމަ އެއްގޮތްވާނެއެވެ.
އަޅުގަނޑު މި ދެ މިސާލު ނެގީ، ވިސްނައިގަތުމަށް ފަސޭހައަކަށެވެ. އެއްގޮތަކަށްވެސް ހެނދުނު އޭނާ އެއްގޮތަކަށްވެސް ބޮކި ލައިޓު ނުދިއްލާނެކަމަށް ބަލައިގެނެއް ނޫނެވެ. މައިގަނޑު ނުކުތާއަކީ، ޖުމްލަ އާބާދީގެ ބޮޑުބައެއް މިގޮތަށް ހެނދުނުގަޑީގެ އާދަކާދައާއި ވައްޓަފާޅި ގެންގުޅޭނަމަ، ގަޑިއަށް އަންނަ ބަދަލަކުން ކަރަންޓުގެ ހަރަދަށް މުޅިގައުމުގައި އޮންނަ ޑިމާންޑަށް ބަދަލު އަންނާނެއެވެ.
ފަހުކަމަކަށް މެލޭޝިޔާ، ސިންގަޕޫރު، ބެންކޮކް، ޗައިނާ، މިފަދަ ދިވެހިން އާންމުކޮށްދާ، އަދި ވިޔަފާރިކުރާ ގައުމުތަކާއި އެއް ގަޑިއިރު ކައިރިވާނެއެވެ. މިކަމުގެ ފަސޭހަ، ދިރިއުޅުމަށާއި، ވިޔަފާރިވެރިންނަށް ކުރުން އެކަށީގެންވެއެވެ. އިންޑިޔާ/ލަންކާއާއި ދެމެދު އަދިވެސް އޮންނާނީ ބައިގަޑިއިރުގެ ތަފާތެކެވެ. އެކަމަކު މިފަހަރު ރާއްޖެ އޮންނާނީ އިންޑިޔާ/ލަންކާ އަށްވުރެ ބައިގަޑިއިރު ކުރީގައެވެ.
ދުނިޔޭގައި ގަޑި ބަދަލުކުރާ ގައުމުތަކުގައި އެކަން ކުރަނީ މީހުން ނިދާފައި ތިބޭ ވަގުތުތަކުގައެވެ. މިސާލަކަށް، އިނގިރޭސިވިލާތުގައި ކޮންމެ އޮކްޓޯބަރު މަހެއްގެ ފަހު އާދީއްތަ ދުވަސް ފެށުމުން، ދަންވަރު ދޭކުން ތިނަކަށް ގަޑީގެ ކަށި ގެންދިޔުމުގެ ބަދަލުގައި ގަޑީގެ ކަށި އަނބުރާ ދޭކަށް ގެންދެއެވެ. އޭރުން އެއްގަޑިއިރު ކުރިއަށް (ބެކްވާޑް) ޖެއްސެއެވެ. އަދި، ކޮންމެ މާރޗް މަހެއްގެ ފަހު އާދީއްތަ ފެށުމުން، ދަންވަރު އެކަކުން ދޭކަށް ގަޑީގެ ކަށި ބަދަލުކުރުމުގެ ބަދަލުގައި، ގަޑީގެ ކަށި އެކަކުން ތިނަކަށް ގެންދެއެވެ. އޭރުން އެއްގަޑިއިރު ފަހަތަށް (ފޯވާޑް) ޖެއްސެއެވެ. އަޅުގަނޑު މި ލިޔުމުގައި މި ދަންނަވަމުން އައީ މި ފަހު ގޮތް، މާނައަކީ ދާއިމީކޮށް ރާއްޖޭގައި ގަޑި ފަހަތަށް (ފޯވާޑް) ޖައްސައިފިއްޔާ އޭގެން ނެރެވޭނެ ނަތީޖާގެ ވާހަކައެވެ. ރައްޔިތުންނާއި މަޝްވަރާކޮށްފައި، ސަރުކާރުން މިކަން ނިންމީމައި، މިއީ އިތުރު ހަރަދަކާއި ނުލާ ކުރެވޭ ކަމެކެވެ. މިއީ ވަރަށް ގިނަ ގައުމުތަކުގައި ދާއިމީކޮށް މިކަން ކުރަން ނިންމާފައި، އަދި ފަހުން ބަދަލުކޮށްފައި ވެސް ހުރި ކަމެކެވެ. މިގޮތުން އާޖެންޓީނާއާއި ރަޝިޔާއާއި ސަމޯއާވެސް ހިމެނެއެވެ.
ރާއްޖޭގެ ގަޑި ބަދަލުކުރާނަމަ، އެއް އަހަރުގެ ޓްރައިލްއަކުން ފެށިދާނެއެވެ. އަދި، މިއީ ރަނގަޅު ބަދަލެއްކަމަށް ގިނަ ރައްޔިތުންނަށް ފެނިއްޖެއްޔާ މިކަން އެއްކޮށް ދާއިމީ ކުރެވިދާނެއެވެ. ގަޑިއަކީ، ކޮންމެ ގައުމަކަށްވެސް، އެގައުމަކާއި އެންމެ ގުޅޭ، އެގައުމެއްގެ ސަގާފަތާއި، އާދަކާދައާއި، ވިޔަފާރިއާއި، އިގްތިސާދާއި، ދޭދޭގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާއި މިފަދަ ކަންކަމަށް ބަލާފައި އެގައުމަކަށް އެންމެ އެކަށޭނެގޮތަކަށް ބަދަލު ގެނެވިދާނެ އެއްޗެކެވެ. އެކަމަކު އެއީ ވިސްނުންތެރިކަމާއެކު، ރަނގަޅަށް މަޝްވަރާކޮށްފައި ކުރަންޖެހޭ ބާވަތުގެ ކަމެއްވެސް މެއެވެ. ފެށުނީއްސުރެ އެއްގޮތަކަށް ކަމެއް ކުރެވިފައި އޮތުމަކީ، އެކަން އެއީ އެންމެ މޮޅުގޮތްކަމަށް ވުމެއްވެސް ނޫނެވެ. އަދި، ފައިދާ ހުރިކަމެއް ކަމަށް ގިނަ މީހުންނަށް ފެންނަ ހިނދުވެސް، މާކުރީގައި މާބޮޑު ވިސްނުމެއްނެތި، މާބޮޑު މަޝްވަރާ ކުރުމެއްނެތި ކަނޑައެޅިފައި އޮތް ކަމެއް ބަދަލުނުކުރަން އުޅުމަކީވެސް ދެކޮޅު ޖެހޭކަމެއް ނޫނެވެ. އެހެން ކަމުން މިއީ އަޅުގަނޑު މީގައި މެރިޓް ހުރިކަމަށް ދެކޭތީ، ދޫކޮށްލާ ހިޔާލެކެވެ.
ވަރަށް ގިނަ މީހުން އަހާފާނެ ސުވާލަކީ، ރާއްޖޭގައި އެއްގަޑިއިރު ފޯވާޑް ނުކޮށް، އަމިއްލަ މީހާ އެއްގަޑި އިރުކުރިން އަވަހަށް ހޭލާ، އޮފީސްތަކާއި ތަންތަން އެއްގަޑިއިރު އަވަހަށް ހުޅުވައިފިއްޔާ ވާނީ ހަމަ އެކައްޗެއްނޫންތޯއެވެ؟ ހަމަ އޮފީސް ނިންމާފައި އެ ދުވާލުގެ އަލިކަން އޮންނާނެނޫންތޯއެވެ؟ މީގެ ޖަވާބަކީ، އާދެއެވެ. ވާނީ އެކައްޗެކެވެ. އެކަމަކު، އެކަން އެގޮތަށް ވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ސަބަބަކީ ގައުމުގައި ހުރި ހުރިހާ ވިޔަފާރިތަކާއި، ގައުމުގައި އުޅޭ ހުރިހާ ރައްޔިތުންނެއް އެއްގަޑިއިރު ކުރިން ހޭލާ، އެއްގަޑިއިރު ކުރިން ހުރިހާކަމެއް ކުރަން އެއްބަހެއް ނުވާނެއެވެ. އެއްބަޔަކު އެކަން އެގޮތަށް ކުރިއަސް، އަނެއް ބަޔަކު އެކަން އެގޮތަށް ނުކުރުމުގެ ސަބަބުން ކޯޑިނޭޝަންގެ މައްސަލަ ވަރަށް ބޮޑަށް އަންނާނެއެވެ. މުޅި ގައުމު އެއްކޮށް، އެއްގަޑިއިރު ކުރިން ހޭލާ މަސައްކަތަށް ނުކުމެ، އުޅެފިއްޔާ މި ދަންނަވާ ބަދަލު ގެނެވިދާނެއެވެ. އެކަމަކު، އެއީ އެންމެން އެއްބަސްވާނެ ކަމެއް ނޫނެވެ. ދުނިޔޭގައި 'ޑޭލައިޓް ސޭވިންގްސް' ޕްރެކްޓިސް ކުރާ ގައުމުތަކުގައިވެސް ގަޑި ބަދަލު ކުރަނީ މިހެންވެގެންނެވެ. ގަޑި ބަދަލުކޮށްފިއްޔާ، ނޭނގުމެއްގެތެރެއިން މީހުން އެ ފޮލޯ ކުރާތީއެވެ. އާހިރު ނަތީޖާއަކީ އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އިތުރު ދުވާލުގެ އަލިކަން ލިބޭކަމަށް ހުރިހާ މީހުންނަށް އިހުސާސްކުރެވުމެވެ. ރާއްޖޭގައި ނަމަ އޭރުން އިރު އޮއްސޭނީ ރޭގަނޑު 7 ގެ ފަހުންނެވެ.
78.67%
1.33%
9.33%
10.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޏަން
almost 2 years ago
ކޮބާ މި އާޓިކަލް ގެ ޕާޓް 2 އެއް ނެރެންވީނު. ޢަދި މިކަހަލަ ލިޔުމެއް ބޭނުން. ޜަނގަޅު ކަމަކަށް ވާނެ.
ޑެވެލޮޕަރ
almost 2 years ago
ސޮފްޓްވެއަރ ޑެވެލޮޕަރ އެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ގަޑިއަށް ބަދަލުގެނައުމަކީ ސިސްޓަމް ފަރުމާ ކުރުމުށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް. ދުނިޔޭގެ ގިނަ "ޑޭ ލައިޓް ސޭވިންގް ޓައިމް" ބޭނުން ކުރި އެތައް ޤައުމަކުން އެ އުސޫލު އުވާލަމުން އަންނަ ދުވަސްކޮޅެއްގައި ދިޔަފަދަ ވާހަކަ ދެއްކުމަކީ ތިޔަ ފަރާތުގެ ނާތަހުޒީބުކަން ދައްކައިދޭ ކަމެއް ކަމުގައި ދެކެން.
އެނޮން
almost 2 years ago
ކީއްވާނީ ހުރިހާ އޮފިސް ތަކެއް އެއް ގަޑިއަކަށް ހަދަން؟ ބައެއް ޕްރައިވެޓް ތަންތަން 5-9، 6-9، 10-6 ކިހާ ދެރަ! ހަމަ ސަރުކާރު އޮފިސް ތަކުގެ މީހުން ކަހަލަ އިންސާނުން ޕްރައިވަޓް އޮފީސްތަކުގަ ވެސް އުޅެނީ. އެންމެންގެ ވެސް ހައްގެއް އެއީ ދުވާލުގެ އަލިކަން، ހަވީރުގެ އަލިކަން. ):
ރުޝްދީ
almost 2 years ago
ރާއްޖޭ ގެންގޮސް އެފްރިކާގެ އައްސޭރީގައި ބޭއްވުމުގެ ވިސްނުން ކިހިނެއް ބާ؟ މުޅި ގައުމު އެއްކޮށް ސޮހޮލު ކޮސް ކުރިބާ؟
އެމްވީ
almost 2 years ago
ވަރަށް ރަނގަޅު ލިޔުމެއް. މުހިންމު ބަދަލަކަށް ވެދާނެހެން ހީވޭ
ވާނުވާ ލިޔާމީހާ
almost 2 years ago
ކަލޭގެ އަމިއްލަ ގަޑި ޗޭންޖު ކުރޭ! އހްރެމެން ދޫކޮށްލާ! ތިބުނާ ގަޑި ބަދަލު ކުރިޔަސް އިރު އޮށްސޭނީ ހަމަ އެއްގަޑި އެއްގަ!
ޓައިމް ޒޯން
almost 2 years ago
ރޭގަނޑު ލަސް ނުކޮށް ނިދަން އާދަކޮށް ފަތިހު ހޭލަން އާދަކުރީމަ ޓައިމް ޒޯން ބަދަލުވާކަށް ނުޖެހޭނެ. ދަންވީވީ ހެން ދާ ކޮފީތަކުގެ ހަރަދުވެސް ކެނޑުނީ. ޑޭލައިޓް ވެސް ސޭވް ވީ. ރޭގަނޑަށް މަގުމަތީ އުޅޭ މީހުންގެ އަދަދު ވެސް މަދުވީ. ރޭގަނޑު ކްރައިމް ވެސް މަދުވީ. މިގޮތަށް ވަރަށް ގިނަ ކަންކަން ހުންނާނެ. ޓައިމް ޒޯން ބަދަލު ނުކޮށް ވިސްނުން ބަދަލު ވީމަ ވާނީ.
ޢަލީބެ
almost 2 years ago
ކުރީ ސަރުކާރުގައި މިކަމަށް ފިޔަވަޅެއް އެޅި، ފަހުން މުދާ އުފުލާ ގަޑި އަށް ގެނާ ބަދަލެއް ނޫން. 24 ގަޑި އިރު ހޮޓާތަކާއި ފިހާރަތައް ހުޅުވާފަ ބެހެއްޓުން އޭރު ނިމުމަކަށް ގެނައީ މި ބަދަލު ދިރިއުޅުމަށް ގެނައުމަށް މަޖުބޫރު ކުރުވުމަށް، އެކަމަކު ބަޔަކަށް އެކަން ވެސް ހަޖަމެއް ނުވި.
ފާތުން
almost 2 years ago
ތީ އަސްލު އެންމެ ރަގަޅު ޖޮތް. އޮފީސްތަކާ ސްކޫލިތަށް އަވަހަށް ފަށާފަ ރޭގަޑު އަވަހަށް ވިޔަފާރި ބަންދުކޮށް ރޭގަޑަށް ރަސްމިއްޔާތު ތަކާ ޕާޓީތައް ނުބޭއްވުން. އެކަމު މިހެން ހަދަން އަނގަ ހުޅުވާލާ ވެރިޔެއް ރައްޔިތުން ވެގެން ނޮޅާލާނެ. ދެން އޮތް ގޮތަކީ ޓައިމް ޒޯން ބަދަލުކޮށް އަހަރުމެން އަމިއްލަ ނަފްސަށް އޮޅުވާލުން. މިކަން މިހެން ކޮށްފަ އެބަހުރި މެލޭޝިޔާ ފަދަ ގައުމުތަކުގަވެސް.
ސްމޭޝް -ފުވައްމުލައް
almost 2 years ago
ލިޔުމުގެ މަފުޙޫމު ރަނގަޅު! ވިސްނާލަން ޖެހޭ ކަންކަން އިތުރަށް އެބަހުރި ކަމަށް ދެކެނެ. ރާއްޖޭގައި މަސައްކަތަގެ ވަގުތު 8-5 އަށް އޮތަސް އިޖުތިމާއީ ވަގުތު ވަރަށް ދިގު، ރޭގަނދު 11، 12 ޖަހަންދެން އޮވޭ! ވިޔަފާރި ކުރުމާއި ކޮފީތަކުގައި މީހުން އަބްދުވެސް އުޅޭ! ވީމާ އެއީ އިޖުތިމާއީ ވަގުތު ކުރުވުމެއް ކަމުގައި ނުދެކެން. ލިޔުންތެރިޔާ އެވަގުތު ތަކަށްވާ ގޮތަށްވެސް އަލިއަޅުވާލިނަމަ....
ހީވާގޮތް
almost 2 years ago
ގަޑި ކަށި ބަދަލު ކުރާހާ ގޮތަކަަށް އިރުގެ ހިނގުން ބަދަލުޗޭތޯ؟؟ ރޯދަމަހު ހާރުކެއުން އަދި ރޯދަވީއްލުން އޮންނާމީ އިރަށް ބިނާވެފަ.. ގަޑީގެ ކަށި ކުުރިޔަށް ޖެއްސިޔަކަސް މިކަންކަމަށް ބަދަލެއް ނުގެނެވޭމެ.. އޮޅުވާލުމެއްގެ ތެރެއިން ގަޑި އަވަސްކުރެވިދާނެ.. އިސްލާމީ މުޖުތަމަޢުއަކަށް އެކަށޭނަ ކަމެއް ނޫން..
އޯއެމްޖީ
almost 2 years ago
މިއީ ތާކުން ތާކު ނުޖެހޭ ލިޔުމެއް. ބަލަ ނަމާދު ގަޑި ސެޓް ކުރަނީ އިރަށް ބަލައިގެންނޭ. ދެން ގަޑި ބަދަލު ނުކުރިޔަކަސް ސަރުކާރުން ޤާނޫނެއްގައި ލިޔަންވީ އޮފިސްތައް ހުޅުވަންޖެހޭނީ 7 ޖަހާއިރު އޭ. އޭރަށް އެކަން އެ ނިމުނީ. ކުރިން އޮފިސް ހުޅުވި 7.30 ގަ. ފަހުން 8 ށް ބަދަލު ކުރީ
ެއކޖަދޖހަ
almost 2 years ago
ނިކަން ރަނގަޅަށް ކިޔާފަ ލިޔެފަވާ ކޮމެންޓެއް ހީވޭ. ބޯ ހަލާކުވެދާނެ މީހަކު.
އަހުމަރު
almost 2 years ago
ތިހެން ތިކަން ނުކުރެވޭސަބަބުވެސް އެއްމެ ފަހުފެރެގުރާފުގާ އެބައޮތް
އަހްމަދު
almost 2 years ago
މި ލިޔުންތިރިޔާގެ ކޮންމެ މަޒުމޫނެއްހެން އެބަ ކިޔަން. ކޮންމެ މަޒުމޫނަކުންވެސް އައު މައުލޫމާތު ލިބި ލޯ ހުޅުުވުވިގެންދޭ. ޝުކުރިއްޔާ ޢަބަދުﷲ ޝަހީދު
މުހައްމަދު
almost 2 years ago
ޝައުގުވެރި ލިޔުމެއް
މަތީން
almost 2 years ago
މުހިއްމު ބަދަލަކަށްވާނެ. ކިޔަވާކުދިންނަށް ވެސް
އައްޑޫ ކަލޯ
almost 2 years ago
ވަރަށް ފުރިހަމަ ލިޔުމެއް. ހަގީގަތުގައި ވެސް ވިސްނާލަން ޖެހޭ ކަމެއް. ޕޮލިސީ މޭކާރސް އާއި ހަމައަށް ފޯރާނެކަމަައް އުންމީދު ކުރަން
ޝިޔާމު
almost 2 years ago
ޥަރަށްވެސް ރަނގަޅު ހިޔާލެއް. ޥަރަށް ތާއީދު މިކަމަށް!
ޒުހުރީ
almost 2 years ago
ޖީއެމްޓީ + 6، ނޫނީ 1 ގަޑި އިރަށް އަވަސްކޮށްގެން އޮޕަރޭޓްކުރާ ރިސޯޓް ތަކުގެ ތަޖްރިބާ ވެސް ރަނގަޅު ކަމަށް އެ ރިސޯޓް ތަކުގެ މެނޭޖްމެންޓުން ބުނަނީ. އެހެން އޮޕަރޭޓްކުރާ ގިނަ ރިސޯޓް ތަކުގެ ތަޖްރިބާގެ މައްޗަށް ސާވޭކޮށްލަން ރަނގަޅު. މުއައްޒަފުންގެ އިހްސާސްތަކާއި ޝުއޫރު ތައް ވެސް ހުރި ގޮތް ބަލައި ދިރާސާކޮށްލަން ރަނގަޅު.
ޒުހުރީ
almost 2 years ago
ވަރަށް މޮޅު ލިޔުމެއް. ސްކޫލް ޗުއްޓީ އެއްކޮށް ޑިސެމްބަރ މަހަށް އޮތް އޮތުން ވެސް ބަދަލުކޮށްލީމާ ހީވެސް ނުވޭ ކަމެއްވީ ހެން ވެސް. އެކަމަކު އެއިން ވެސް ގިނަ ބަޔަކަށް ވީ ފަސޭހަ. ޓައިމް ޒޯން ބަދަލުކުރިޔަސް ހީވެސް ނުވާނެ ކަމެއް ވީހެން ވެސް. އެކަމަކު ލިޔުމުގައި ފާހަގަކޮށްފައިވާ ފަދައިން ވާނެ ފައިދާ އާއި ފަސޭހަ ތައް ހުންންނާނެ.
މަ
almost 2 years ago
ސްކޫލް ބަންދަށް ގެނައި ބަދަލު ކަމުނުދާ މީހުން ރާއްޖޭގަ ގިނައީ، ކޮސްނުގޮވާ
ޗަކް ނޯރިސް
almost 2 years ago
އަހުރެމެން މުސްލިމުން ހޭލަނީ ފަތިސް ނަމާދަށް، ނޫނީ އިރުގެ ހިނގުމާ އެއްގޮތަށް، ގަޑިއަށް ބަލާފައެއްނޫން. އެހެންވީމާ ފަތިން ނަމާދަށް ތެދުވަންޏާ ތިޔަ ބުނާ މައްސަލަ އަސްލު ޖެހިގެން ނުވާނޭކަމަށް ފެންނަނީ. ދެން އިރު އެރީމާ، ގަޑިއެއް ހާއިރު، ކަސްރަތުކޮށްލާފައި މި އަންނަނީ ނާސްތާ ނަގައިގެން އޮފީހަށް. ގަޑީގެ އެލާމު ބަދަލުކުރަން ފަތިސް ނަމާދު ވަގުތާ އެއްގޮތަށް، ދެވޭނޭހާ ވަގުތު ލައިގެން.
ކޯޓް
almost 2 years ago
ސަބަބުވެރި ވިސްނުމަކުން ވިސްނާލާއިރު ރަގަޅުކަމެއް!
ވޯލް
almost 2 years ago
މިވަރުގެ މޮޅު ލިޔުމެއް މިފަހުން އެއްވެސް ނޫހަކުން ނުދެކެން. މިއީ ވަރަށް މައުލޫމާތު މުއްދަންދި ލިޔުމެއް ކަމުގއި ދެކެން.
މީމަ
almost 2 years ago
ހަދާ އެއްޗެއް ގަޑިއަށް ހަދާ. އެކަމު ނަމާދު ވަގުތުވާނީ އިރަށް އަންނަ ބަދަލަށް ބަލައިގެން، އެ އޮންނާނެ ސުންނަތުން ފެންނަން،
ކޮމޮލިމާ
almost 2 years ago
ތިބޭފުޅާ އަދި ދެތިން ފަހަރު މިލިޔުން ކިޔާލަން ފެނޭ. އޭރުން ފަހަރެއްގަ ތިބުނާ ކަމެއްގެ ޖަވާބު ފަހުމު ވެދާނެހެން ހީވަނީ.
އަހުމަރު
almost 2 years ago
ނަމާދު ވަގުތު އޭރުންވެސް އެކަނޑައެޅެނީ އިރަށް އަންނަ ބަދަލަށް ބަލައިގެން. އިރު އޮއްސުނީމައި މަގުރިބު ނަމާދު. ތަފާތަކީ، އަތުގަ އަޅާފައި އޮންނަ ގަޑީގައި ހުންނަ ހިސާބު ނަންބަރެއް ބަދަލުވުން. ކުރީގައި 6 ޖަހާއިރު ކުރާ މަގުރިބު ނަމާދު ދެން 7 ޖަހާއިރު ކުރާނީ. އެކަމަކު ކުރީގައިވެސް އަދި މިހާރުވެސް މަގުރިބު ނަމާދަށް އެދެވެނީ ހަމަ އިރުއޮއްސުނީމައި.
މޮނަލިކާ
almost 2 years ago
ކާކުތަ ނަމާދު ގަޑި ބަދަލުކުރަން އުޅެނީ
Comment