11 އޭޕްރީލް 2023 - 12:31 0
މުހައްމަދު އުޝާމް
11 އޭޕްރީލް 2023 - 12:31 0
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ބާއްވައިދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދު ކުރެއްވި ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ހުށަހެޅި ނުކުތާތަކަކަށް ތާއީދުކޮށްފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އަލީ އަމްޖަދުގެ ނަން އޮތަސް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އޭނާގެ ނަން އޮތީ ޖުމްހޫރީ ޕާޓީގައި ކަމާއި، އޭނާ އެމްޑީޕީން ވަކިކުރީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކަމަށް ބުނާ ބުނުމަކީ އިދާރީ އޮޅުމެއް ކަން ވެސް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތަކީ އެމްޑީޕީގެ މައްޗަށް އެ ދައުވާ ކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިދޭ މީހެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ. ދެން އެ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.
ރައީސް ސޯލިހަށް ތާއީދުކުރައްވަން ނަޝީދު އަދި ނުނިންމަވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފައްދައި، އެ ގޮފިތަކަށް 50،000 މީހުން ވެއްދުމަށެވެ. އަދި ތާއީދުކުރާނެ ކެންޑިޑޭޓެއް ފަހުން ކަނޑައެޅޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކުރިއަށް، އެ ޕާޓީގެ އަމިއްލަ ދަފުތަރުގައި ނަން އޮތް ނަމަވެސް އީސީގެ ދަފްތަރުގައި ނަން ނެތް މީހުން ޕާޓީގެ ދަފްތަރުން ވެސް އުނިކުރި އެވެ. ގާތްގަނޑަކަށް 39،000 މީހުން ދަފްތަރުން އުނިކުރިއިރު، އަލުން ޕާޓީއަށް ވަންނަން ބޭނުންވާ މީހުނަށް ތިން މަހުގެ ފުރުސަތެއް ވެސް ދިނެވެ.
އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދޭން ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާ އެކުގަ އެވެ. ޖޭޕީއާއެކު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ.
2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.
Comment