Advertisement

ގުރައިދޫ ބައި-އިލެކްޝަން: ރޯދަވިޔަސް ވޯޓުލާ ގަޑިއަށް ބަދަލެއް ނާންނާނެ

11 އޭޕްރީލް 2023 - 11:33 0

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ އިންތިހާބެއްގައި ވޯޓުލުން ކުރިއަށް ދަނީ؛ ރޯދަމަހަކަސް ގުރައިދޫ ބައި-އިލެކްޝަނުގައި ވޯޓުލާ ގަދިއަށް ބަދަލެއް ނާންނާނެ ކަމަށް އީސީން ބުނޭ -- ފޮޓޯ: އަދަދު


ގުރައިދޫ ބައި-އިލެކްޝަން: ރޯދަވިޔަސް ވޯޓުލާ ގަޑިއަށް ބަދަލެއް ނާންނާނެ

11 އޭޕްރީލް 2023 - 11:33 0

ރޯދަ މަހަށްވީ ނަމަވެސް ކ. ގުރައިދޫ ބައި-އިލެކްޝަނުގައި ވޯޓުލާ ގަޑިއަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "އަދަދު" އަށް މިއަދު ވިދާޅުވީ، ގުރައިދޫ ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ދާނީ އެހެން އިންތިހާބުތަކުގައި ވެސް ވޯޓުލާ ގަޑީގައި ކަމަށެވެ. އެގޮތުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، މި އިންތިހާބުގައި ވޯޓުލާން ހަމަޖެހިފައިވާ ގަޑި އިތުރު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި، ވޯޓުލުމުގެ ފުރުސަތު ލިބޭނީ ހަވީރު 4:00 އާ ހަމައަށް ކިއުއަށް އަރާ މީހުންނަށް ކަމަށެވެ.

"ވޯޓުލުން ނިމެނީ ހަވީރު 5:30 ނުވަތަ 5:45 ހާއިރަށް ކަމަށްވާނަމަ ރޯދަ ވީއްލަން ފުރުސަތު ދޭނެ. ނަމަވެސް 4:30 ހާއިރަށް ނިންމާލެވިއްޖެއްޔާ ބައި ގަޑިއިރަށްފަހު 5:00 ގައި ވޯޓު ގުނަން ފަށާނެ،" ފުއާދު ވިދާޅުވި އެވެ.

ގުރައިދޫ ބައި-އިލެކްޝަނުގައި ބަހައްޓަން ހަމަޖެހިފައި ވަނީ ޖުމްލަ ހަ ފޮއްޓެވެ. އެއީ ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި އެއް ފޮށީގެ އިތުރުން މާލެ އިއްޒުއްދީން ސްކޫލުގައި އެއް ފޮއްޓެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 3،423 މީހުންނަށެވެ. އެހެންކަމުން، މި އިންތިހާބުގައި ކޮންމެ ފޮއްޓަކަށް ވޯޓުލާނީ އެވްރެޖްކޮށް 570 މީހުންނެވެ.

މިފަހަރުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އާއި އެމްއެންޕީން ވާދަ ކުރެ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ބޭސްކުރައްވަމުން ގެންދަވަނިކޮށެވެ.