10 އޭޕްރީލް 2023 - 18:11 0
އަހުމަދު އާއިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް - ފޮޓޯ: އެމްޑީޕީ
10 އޭޕްރީލް 2023 - 18:11 0
ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ.
މޫސަ އެމްޑީޕީއާ ގުޅުނުކަން އެ ޕާޓީއިން އިއުލާންކޮށްފައިވާއިރު، އޭނާ ވަނީ ގުޅި ހިމެނޭ ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ބައްދަލުކުރައްވައިފަ އެވެ.
އަދި މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ސަރުކާރުން ގުޅީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި މިހާރަށްވުރެ އިތުރަށް ކައުންސިލުން އެއްބާރުލުންދޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ކަމަށް ރައީސް ވަނީ އެރަށުގައި ހުންނަވައި ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދެކެނީ ގުޅީގެ ރައްޔިތުން އެ ބޭނުންވާ ތަރައްގީ ގެނައުމުގައި މޫސަ އަޅުގަނޑުމެންނަށް އެކު އިސްދައުރެއް އަދާކުރައްވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ވެސް ވަނީ އެމްޑީޕީއާ އަލަށް ގުޅުނު ގުޅީ ކައުންސިލްގެ ރައީސަށް މަރުހަބާ ދަންނަވާފަ އެވެ.
މޫސަ މީގެ ގުޅީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ބައި އިލެކްޝަންގެ ކެމްޕޭނުގައި ރައީސް ސޯލިހު ގުޅިވަޑައިންނަވާފައިވާއިރު، އެމަނިކުފާނާއެކު އެމްޑީޕީގެ ގިނަ އިސް ބޭފުޅުންވެސް މިއަދު ދަނީ އެ ދާއިރާގައި ހިމެނޭ ތިން ރަށަށް ދަތުކުރައްވަމުންނެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އިބްރާހިމް ސާޒެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ބޭސްކުރައްވަމުން ގެންދަވަނިކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment