9 އޭޕްރީލް 2023 - 16:08 0
ނިމާ ހަސަން
އައްޑޫ ސިޓީ؛ ހިމަބިހީގެ ކޭސްއާ ގުޅިގެން ކޮމިއުނިޓީ ސާވޭ ހަދައި، 19 މީހަކަށް ވެކްސިން ޖަހާފައިވޭ -- ފޮޓޯ: މިރާޝް/އަދަދުއ
9 އޭޕްރީލް 2023 - 16:08 0
އައްޑޫ ސިޓީން މިދިޔަ ހަފުތާގައި ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮމިއުނިޓީ ސާވޭއެއް ވެސް ކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ހިމަބިއްސަށް ޕޮޒިޓިވްވި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓުން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައި ކަމަށް ބުންޏެވެ.
ހިމަހިބީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ކޭސް ފެނުނު ސަރަހައްދުގައި ދިރިއުޅެ މީހުންގެ ކޮމިއުނިޓީ ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ސާވޭގައި 16 ގެއަކާއި ފިހާރައަކުން މައުލޫމާތު ސާފުކުރިއިރު، ޖުމްލަ 41 މީހުންގެ މައުލޫމާތު ހޯދުނު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެ ސާވޭއަށްފަހު 19 މީހަކަށް ވަނީ މީސްލްސް ވެކްސިން ޖަހާފަ އެވެ. އެ 19 މީހުންނަކީ ވެކްސިން ފުރިހަމަ ކުރި ކަމުގެ ރެކޯޑް ނެތް މީހުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ނުހިމެނޭކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ އެ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާނެ ކަމަށެވެ. އަދި އެއީ އެ އެޖްނސީގެ ސާވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަނަކުން ވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. އަދި ބައެއް މީހުންގެ ފަރާތުން ކެއްސުމާއި, އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިމަބިއްސަކީ ހަލުވި ކަމާއެކު ފެތުރޭ ބައްޔެއް ކަމަށްވާއިރު, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާތީ, ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެއީ ބަލީގެ އައުޓްބްރޭކެއް ކަމަށް ބަލަ އެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ. އެފަހުން 2020 ވަނަ އަހަރު ކުރީކޮޅު ވެސް ހިމަބިހީގެ އައުޓްބްރޭކެއް އައި ނަމަވެސް އެ އައުޓްބްރޭކް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
Comment