Advertisement

ވިޔަރެއާލުން ރެއާލް ބަލިކޮށްފި، ބާސެލޯނާ އަށް ބޮޑު ފުރުސަތެއް

9 އޭޕްރީލް 2023 - 06:12 0

ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރެއާލްގެ ވިނީޝިއުސް: އޭނާ އަށް މި މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވޭ.


ވިޔަރެއާލުން ރެއާލް ބަލިކޮށްފި، ބާސެލޯނާ އަށް ބޮޑު ފުރުސަތެއް

9 އޭޕްރީލް 2023 - 06:12 0

މެޑްރިޑް (އޭޕްރީލް 9) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލުން 3-2 އިން ރެއާލް މެޑްރިޑް ބަލިކުރުމާ އެކު، ލީގުގެ ރޭހުގައި ބޮޑު ލީޑެއް ނަގަން ބާސެލޯނާ އަށް ފުރުސަތު ފަހިވެއްޖެ އެވެ.

ބާސެލޯނާ މި ވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެހެން ނަަމަވެސް ހޯމަ ދުވަހު ޖިރޯނާ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ އެއް ވަނައިގައި 15 ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

ލީގު ތާވަލަށް ބަލާއިރު، ބާސެލޯނާ އަށް 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 28 މެޗުން ލިބިފައި އޮތީ 59 ޕޮއިންޓެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ވިޔަރެއާލްގެ ޑިފެންޑަރު ޕައު ޓޮރޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ރެއާލްގެ މާކޯ އަސެންސިއޯ ނެގި ހުރަހެއް ގޯލު ރޮނގުމަތިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޓޮރޭޒް ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

އޭގެ ދެ މިނިޓް ފަހުން، ރެއާލަށް ލީޑުފުޅާކޮށްދޭން ރޮޑްރީގޯ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ވިޔަރެއާލް ކީޕަރު، ޕެޕޭ ރެއިނާ މަތަކުރި އެވެ.

ވިޔަރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 39 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް، ސެމިއުލް ޗުކުވޭޒީ ޖެހި ގޯލުންނެވެ. ރެއާލްގެ އޭރިއާތެރެއިން ނަޗޯ ފެނާންޑޭޒް ކައިރިން ނައްޓާފައި ޗުކުވޭޒީ ޖެހި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރެއާލަށް އަލުން ލީޑުނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ވިޔަރެއާލްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ވިނީޝިއުސް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. ރެއާލަށް ދެ ގޯލުގެ ލީޑެއް ނަގަން، އެ ޓީމުގެ ކެޕްޓަން، ކަރީމް ބެންޒެމާ ދިން ބޯޅަ އަކުން ވިނީޝިއުސް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވެސް ވިނީޝިއުސް އަށް ގޯލު ނުޖެހުނެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ވިޔަރެއާލުން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ރެއާލް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ވިޔަރެއާލްގެ ހޯސޭ ލުއިޒް މޮރާލޭސް އެވެ. މި ގޯލު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް އޮފްސައިޑް ނޫން ކަން ކަށަވަރުކޮށްފަ އެވެ.

ވިޔަރެއާލުން މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި، މޮޅުވި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޗުކުވޭޒީ އެވެ. އެ ބޯޅަ ކަނަށް އަމާޒުވީ ރެއާލް ކީޕަރު ތިބޯ ކޯޓުއާ އަތް ކައިރިން ގޮހެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗަކުން މޮޅުވާން 100 ޕަސެންޓް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މި މެޗުން އެ ވަރަށް މަސައްކަތް ކުރީ ވިޔަރެއާލް ކަމަށްވާތީ އެ ޓީމަށް މި މޮޅު ހައްގު ކަމަށެވެ.