ޕެންޑާ "އަދަދު" އަށް އިންޓަވިއު ދެނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޏ. ފުވައްމުލަކަކީ މިހާރު ރާއްޖޭގައި ފީނުމުގެ ދާއިރާއިން ގިނަ ވަޒީފާތަކެއް އޮތް، ގިނަ ފަތުރުވެރިން ހަމައެކަނި ފީނުމަށް އެ ރަށަކަށް ދަތުރުކުރާ އެއް ރަށެވެ. ގުދުރަތީގޮތުން އުފެދިފައިވާ އެއް ރަށެއްގެ ގޮތުގައި އޮތް އެ އަތޮޅުގެ ފަރުގެ ހިތްގައިމުކަމާއި އެ ފަރުތަކުގާ އުޅޭ ދިރުންތަކުގެ ތަފާތުކަމުގެ ވާހަކަ އަޑުނާހާ ދިވެއްސަކު މަދުވާނެ އެވެ.
ޑައިވިންގެ ދާއިރާގައި އޭނާ މަސައްކަތް ފެށި ދުވަސްވަރާއި ކެރިއަރުގެ ފުރަތަމަ ކޮޅު ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން އޭނާގެ މި ދަތުރާމެދު ވަރަށް ޝައުގުވެރިވި އެވެ. އޭގެ އިތުރަށް، ރާއްޖޭގެ އުތުރުގެ އަތޮޅެއްގައި އުޅެ ބޮޑުވި މީހަކު ރާއްޖޭގެ އެންމެ ދެކުނު ބިތުގައި ފީނަން އުޅޭތީ ސުވާލުތަކެއް ވެސް އުފެދުނެވެ.
މިއީ ނ. ވެލިދޫ، މާދުނި، އިބްރާހިމް ޒިޔާދު ނުވަތަ މަޝްހޫރު ނަމުން ނަމަ ޕެންޑާ، ފީނުމުގެ ތެރެއަށް ވަދެ، އަމިއްލަ ރަށުން ފެށި ދަތުރުގައި މިހާރު ފުވައްމުލަކުގެ ފަރާއި އެ ފަރުތަކުގެ މަޝްހޫރު މިޔަރުތަކާ ހަމައަށް ދިޔަ ގޮތެވެ. އާއިލީ ކުލުނެއް ޖެހިފައިވާ މި ދާއިރާގާ ޕެންޑާ ފައިތިލަ ހަމަކުރި ކުރުމާއި އެ ހިސާބަށް ދިޔުމަށް ވީ ގުރުބާނީތަކާއި ކުރި ބުރަ މަސައްކަތުގެ ވާހަކަ އެވެ.
ޕެންޑާ ބުނި ގޮތުގައި އޭނާ މި މަސައްކަތް ފެށި ފަހުން މިހާރު 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އުމުރުން 16 އަހަރުގައި މި ދާއިރާގެ ތެރެއަށް ނުވަތަ ފީނުމުގެ ތެރެއަށް އޭނާ އެހާ ފަސޭހައިން ވަދެވުނީ އޭނޭގަ ބައްޕަގެ ސަބަބުންނެވެ.
"ބައްޕަ އަކީ ވަރަށް ކުރިށްސުރެ ރާއްޖޭގަ ޑައިވް ކުރަމުން އައި މީހެއް، ދެން އެ މަންޒަރު [ބައްޕަގެ ޑައިވިން މަސައްކަތް] ފެނިގެން، ކޮންމެވެސް ވަރަކަށް އިންޓްރެސްޓުވެސް ހުރި، ދެން އެއް ދުވަހު ހަމަ އަލަށް ޑައިވަކަށް ފުންމާލީ،" އޭނާ ކިޔައިދިނެވެ.
ޕެންޑާ ބުނި ގޮތުގައި އެ ދުވަހުން ފެށިގެން ޑައިވް އިންސްޓްރަކްޓަރެއްގެ މަގާމާ ހިސާބަށް އާދެވިފައިވާއިރު އޭނާ މި ދާއިރާގާ މަޑުކުރަން ނިންމީ ބައްޕަ ފެށި މަސައްކަތް ނުވަތަ ބައްޕަގެ 'ލެގަސީ' އާއިލާގެ ތެރޭގައި ދެމެހެއްޓުމަށެވެ.
"އެންމެ ފުރަތަމަ ފީނަން ފެށީ ފަން އަށް، ދެން އޭރު އަޅުގަނޑުގެ އިންސްޓަރަކްޓަރަކަށް ހުރީ ފައްޔާޒު ކިޔާ ބޭފުޅެއް، ފައްޔާޒު ބުނީ މި ކަމަކީ ކެރިއާއެއް ގޮތުގައި، އާމްދަނީ ހޯދުމަށްވެސް ކުރަން ވަރަށް ރަނގަޅު ކަމެކޭ،" ޕެންޑާ ބުންޏެވެ.
ފީނުމުގެ ތެރެއަށް ވަނުމަށްޓަކާ ޕެންޑާ ފުރަތަމަ ޑައިވިން ކޯހެއް ހެދީ އުފަން ރަށް ވެލިދޫގަ އެވެ. ކުރިން ބުނި ޑައިވް އިންސްޓްރަކްޓަރު ފައްޔާޒު އަދި ޕެންޑާގެ ބައްޕަ ވެލިދޫގެ އާންމުންނަށް ހުޅުވާލި ފުރުސަތެއްގައި ބައިވެރިވެގެންނެވެ. ރަށުގައި ހުރެ އޯޕަން ވޯޓާ ކޯސް ނިންމުމަށްފަހު އޭނާ ވަނީ އެޑްވާންސް ވެސް ފުރިހަމަ ކޮށްފަ އެވެ.
ކަންދިމާކުރި ގޮތުން، ޕެންޑާގެ އިންސްޓަރަކްޓަރުގެ މި ނަސޭހަތް ލިބުނީ އޭނާގެ ބައްޕަ ފީނުން ހުއްޓާލާ އަމިއްލަ ރަށުގައި ކުޑަ ޑައިވް ސެންޓަރެއް ހުޅުވި ދުވަސްވަރާ އެވެ. ޕެންޑާ ދެން ބޭނުންވީ އެތަން ކޮޅަށް ޖަހައި ހިންގާށެވެ. އަމިއްލަ ރަށުގައި ހުރެގެން މި މަސައްކަތް ކުރާށެވެ. ނަމަވެސް އޭރު ފަތުރުވެރިކަން ހުރި ގޮތުންނާއި ލިބުނު ތަރުހީބު އެންމެ އެކަށޭނަ ނުވުމުން އެ ސެންޓަރު މާ ގިނަ ދުވަހު ހިންގޭ ގޮތެއްނުވި އެވެ.
ރަށުގައި އިތުރަށް ނުހުރެ ޕެންޑާ މާލެ އައެވެ. އަދި، ފައްޔާޒު މާލޭގައި ހިންގާ ޑައިވް ސެންޓަރުން ރެސްކިއު ކޯހާ ހަމައަށް ހެދުމަށްފަހު ތަޖުރިބާ ހޯދައި ދާއިރާގެ ތެރެއަށް އިތުރަށް ފީނައިގަތުމަށް ސަފާރީތަކުގައި މަސައްކަތް ކުރަންފެށި އެވެ.
"ސަފާރީތަކުގަ ގާތްގަނޑަކަށް އެއް އަހަރު އުޅުނިން، އުޅެފަ އަނެއްކާ މާލެ އައިސް ޑައިވް ކްލަބް މޯލްޑިވްސް އާ އެކީގެ ޑައިވް މާސްޓާސް ހެދީ،" އޭނާ ބުންޏެވެ.
މާސްޓާސް ހެދުމަށްފަހު އެއް އަހަރު ތެރޭ ޕެންޑާ ހުރީ ރާއްޖެ ދޫކޮށް ގޮސް ތައިލެންޑުގަ އެވެ. އަމިއްލަ އޯޕަން ވޯޓާ ހަދައިގެން ފެށި މި ދަތުރުގައި އޭނާ ޑައިވް އިންސްޓްރަކްޓަރުގެ ކޯސް ހެދީ ތައިލެންޑުންނެވެ.
މިހާރު ޑައިވް މާސްޓަރެއްގެ ގޮތުގައި ހުރި ނަމަވެސް، އެ ކެރިއަރު ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރާ ވެސް ޕެންޑާ ވަނީ ކުރިމަތިލާފަ އެވެ.
އަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ފީނުމާ ދުރުގައި އަހަރެއްހާ ދުވަސް ހޭދަކުރަންޖެހުނެވެ. ޕެންޑާ ބުނި ގޮތުގައި މިއީ އޭނާ ފީނަން ފެށިފަހުން ދިމާވި އެންމެ ހިތްދަތިވި ހާދިސާ އެވެ. އެ ހާދިސާ ހިނގީ އޭނާ ފީނަން ފެއްޓިތާ މާގިނަ ދުވަސްތަކެއް ވެސް ނުވަނީހެވެ.
"އަޅުގަނޑަށް ދިމާވި ކުޑަ އެކްސިޑެންޓެއްގައި ވާތު އަތް އޮޕަރޭޝަން ކުރަން ޖެހުނީ، ގާތްގަނޑަކަށް އަހަރެއް ދެ އަހަރެއް ހުރީ ފީނަން ނުގޮސް، އޭރު ހިތަށް އެރި ދެން ކެރިއާ މި ނިމުނީއޭ،" އޭނާ ބުންޏެވެ.
އޭނާގެ އަތުގެ ދެ އިނގިލި ދޭތެރެއަށް ބިއްލޫރި ގަނޑެއް ހެރި ހިނގި އެ އެކްސިޑެންޓުގައި ޕެންޑާގެ އަތުގެ ކުދި ނާރުތައް ބުރިވެ، އޭނާ ބުނި ގޮތުން ވަރަށް ވޭނުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. އެންމެ ލޯބިވި ފީނުން ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވި އެވެ.
"އޭރު ވަރަށް ބޮޑަށް އަމިއްލަ މީހާއަށް އޮތް އިތުބާރުވެސް ގެއްލުނު، ދެން އިންޑިއާއަށް ގޮސް އިތުރު އޮޕަރޭޝަނެއް ކޮށްގެން ޑޮކްޓަރު ކައިރި ޑައިވް ކުރެވޭނެހޭ އެހީމަ ބުނީ ޑައިވް ކުރެވޭނެއޭ، އެކަމުވެސް ޖޮބެއް ގޮތުގަ ވާނެ ކަމާމެދު އަމިއްލައަށް ޝައްކު ކުރިން،" އޭނާ ބުންޏެވެ.
ޕެންޑާ ފާހަގަކުރި ގޮތުގައި އެ ވަޒީފާގާ އުފުލަންޖެހޭ އެއްޗެހި އުފުލުމާ އެހެން ކަންކަން ނުވާނެ ކަމަށް އޭރު ހީކުރެވުނު ނަމަވެސް، މަޑުމަޑުން ކަމުގެ ތެރެއަށް އަނެއްކާ ވަދެވުނީ އާއިލާގެ ވެސް ވަރަށް ގިނަ އެހީއާއެކު އެވެ. ހާއްސަކޮށް ބައްޕަގެ އެހީ އާއި ހިއްސާކުރި ތަޖުރިބާތައް އޭނާ ފާހަގަކުރި އެވެ.
'ފުވައްމުލަކަށް އަންނަން ނިންމި އެއް ސަބަބަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް 'ވޯކް އެންވާރަމެންޓަކީ'، މި ތަނަކީ ވަރަށް ފަސޭހަ ވަރަށް އެންޖޯއި ކުރެވޭ ލައިފްސްޓައިލެއް އިންނަ ތަނެއް،" ޕެންޑާ ބުނި ގޮތުން ރިސޯޓުތަކާއި ސަފާރީތަކުން ލިބުނު ތަޖުރިބާއަށް ބަލާނަމަ މިހާރު އޭނާ ހުރީ އެންމެ ހިތްހަމަ ޖެހޭ މާހައުލުގަ އެވެ.
ޕެންޑާ ފުވައްމުލަކުގައި ހުންނަ 'ޕެލާޖިކް ޑައިވާޒް' އާ ގުޅުނު އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ އެ ޑައިވް ސެންޓަރުގެ ވެރިޔާ އަހުމަދު އިނާހު އަކީ އޭނާ މި ދާއިރާގައި އެންމެ ބަލާ އެކަކަށް ވުމެވެ. އޭނާގެ 'މެންޓާ' އަށް ވުމެވެ. އެނާ ބުނި ގޮތުގައި މި ދާއިރާގައި އެންމެ އުފާވީވެސް މި ވަޒީފާ ލިބުނުކަން ޔަގީންވި ދުވަހު އެވެ.
މަސައްކަތުގެ މާހައުލާއި އިނާހުގެ އިތުރުން ޕެންޑާ ބުނާގޮތުން ނަމަ ފުވައްމުލަކުގައި ފީނުމަކީ ރާއްޖޭގައި ފީނާ މީހަކަށް ކުރެވޭނެ އެންމެ ތަފާތު ތަޖުރިބާ އެވެ. ގުދުރަތީގޮތުން އެއް ރަށެއްގެ ގޮތުގައި އޮންނަ މި އަތޮޅަކީ ވަރަށްވެސް ހާއްސަ ފަރެއް ލިބިފައި އޮތް ރަށެއްކަން އޭނާވެސް ފާހަގަކުރި އެވެ.
ޓައިގާ ޝަކުތަކާއެކު ޕެންޑާ ފީނަނީ: އޭނާ ބުނި ގޮތުގައި ފުވައްމުލަކަކީ ރާއްޖޭގައި ފީނަން އޮތް އެންމެ ތަފާތު އެއް ރަށް -
"ރާއްޖޭގެ އެހެން ތަންތަނުގައި ހުންނާނެ ކަންނޭގެ ތިލަތަކާއި ފަރުތަކާއި، އައުޓްރީފް އަދި ޗެނަލްތައްވެސް، އެކަމަކު މި ރަށަކީ ހަމައެކަނި އެއް ރަށް، ޑައިވް މި ކުރަނީ މުޅި ރަށް ވަށައިގެން އަނެއްހެން ބުނާ ނަމަ،" ޕެންޑާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފީނުމާއި ފުވައްމުލަށް ވަށައިގެން ފީނުން ވަރަށްވެސް ތަފާތެވެ. އެގޮތުން އެ ރަށުގައި ފީނާއިރު އަބަދުވެސް ވަރަށް ބަލަންޖެހޭ ކަމަށާއި އެންމެ ތަފާތީ ފުވައްމުލަކުގެ ވަށައިގެން އުފެދޭ ތަފާތު އޮޔެ ގަނޑުތައް ކަމަށް ޕެންޑާ ބުންޏެވެ.
"އަޑީގަ އޮންނަ އިރުވެސް އެބަ ވިސްނަންޖެހޭ އަޅުގަނޑާ އެއްކޮށް ޑައިވްގަ މި ތިބީ ކިތައް މީހުންކަން، މީގެ އެއްވެސް މީހަކަށް އަޅުގަނޑާ އެއްވަރަށް ނުޖެހި އޮއެވަރަށް ކަހާލައިގެން ގޮސްފިއްޔާ ދެން އެ މީހަކު ހޯދަން ވަރަށް އުނދަގޫވާނެ ކަން ވިސްނަންޖެހޭ."
ނަމަވެސް، މި ހުރިހާ ކަމަކާއެކުވެސް ފުވައްމުލަކުގެ ވަށައިގެން ފީނުމަކީ އެންމެ ކުރާހިތުން ކުރާ މަސައްކަތް ކަމަށާއި، މިއީ 'ވޯތު' މަސައްކަތެއްކަން އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގަ ފުވައްމުލަކަކީ ފަރު ވަރަށް ރީތި ރަށެއް، ރަށް ވަށައިގެން ތަފާތު މަންޒަރުތައް ފެންނާނެ، މި ރަށުގެ ހުޅަނގު ފަރާތަކީ އަޅުގަނޑު މިހާތަނަށް ދެކުނު އެންމެ ރީތި ހާޑް ކޮރަލް ރީފް،" ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރާއްޖެއިން ބޭރުގައިވެސް ފީނާފައިވާ ޕެންޑާ ބުންޏެވެ.
ފުވައްމުލަކޭ ބުނުމުން މިހާރުގެ ގިނަ ޒުވާނުންނަށް، ހާއްސަކޮށް މޫދަށް ލޯބިކުރާ ފަރާތްތަކަށް އެ ރަށުގެ މަޝްހޫރު ޓައިގާ ޝާކް ޑައިވް ސިފަވާނެ އެވެ. ނަމަވެސް އެ ބިޔަ ބޮޑެތި މިޔަރުތަކާއެކު ފީނާއިރު ކަންކުރާ ގޮތާއި ޑައިވް ސެންޓަރުތަކުން އަމަލުކުރާގޮތް ގިނަ ބަޔަކަށް އެނގިފައި ނޯވެދާނެ އެވެ.
މި އިންޓަވިއުގައި ޕެންޑާ ވަނީ ކޮންމެ ދުވަހަކުހެން އޭނާ، ފަތުރުވެރިންނާއި ދިވެހިން ހިމެނޭހެން ގިނަ ބަޔަކު ގޮވައިގެން ކުރާ އެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
ޓައިގާ ޑައިވްއަކަށް ގޮސް އުޅޭ ދޯންޏެއް ފުވައްމުލަކު ފަރު ބޭރުގައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެގޮތުން ޕެންޑާ ބުނި ގޮތުގައި ޓައިގާ ޝާކާއެކު ފީނާ ނަމަ މަދުވެގެން ތިން ގައިޑުން ދިޔުން އެއީ 'ޕެލާޖިކް ޑައިވާސް' އިން ގެންގުޅޭ އުސޫލެކެވެ. ގައިޑުންގެ ގޮތުގައި ތިބޭނީ ތިން ޑައިވް މާސްޓަރުންނެވެ.
"މިޔަރުގެ ބިހޭވިޔާ ދަސްކޮށްގެން އެޔާއެކީ އުޅެންޖެހޭނީ، އަނެއްހެން ބުނާކަމުގައި ވާނަމަ 'ކޯ އެގްޒިސްޓު' ވާން ޖެހޭނީ، އެންމެ މުހިންމު ކަމަކީ އެއީ."
ޕެންޑާ ބުނި ގޮތުގައި ފުވައްމުލަކުގައި ޓައިގާ އާއެކު ފީނާ ފީނުމާމެދު ގިނަ ބަޔަކު ކުށްހީއެއް ކުރެ އެވެ. އެއީ މިޔަރުތަކާއެކު ފީނަނީ އަތުން ކާންދީގެން، ނުވަތަ ފީޑްކޮށްގެން ކަމަށް ދެކޭ ދެކުމެވެ. ހަގީގަތަކީ އެ މިޔަރުތަކަށް ކާނާ އަޅަނީ ރައްކާތެރި ދުރުމިނެއްގައި ގަލުން ހަދާ ވަޅުތަކަކަށް ކަމެވެ.
"ޑައިވްއަށް ގޮސް ފުރަތަމަ ފުންމާލާނީ ގައިޑެއް، ދެން ގެސްޓުންނާއެކު އިތުރު ގައިޑެއް، ފަހަތުން އަދި އެއް ގައިޑެއް ތިބެގެން ޓައިގާ ޕޮއިންޓަށް ދާނީ، ދެން އެހިސާބުން ދެ ގައިޑުން ގޮސް މިޔަރު އުޅޭ ވަރު ބަލާފަ ކާއެއްޗެހި ރެޑީ ކުރަން އުޅޭނީ، އެތާ އަޑީގަ ހުންނާނެ ވަރަށް ބޮޑެތި ގާތައް، އެ އެއްޗެހިން ވަޅެއް ހަދާފަ، އާންމުކޮށް ކާން މި ދޭ ކަންނެލި ބޯ ދޯނިން ވައްޓާލީމަ ވަޅަށް ލާފަ އޭގެ މަތި ޖަހަނީ، ދެން މިޔަރުތައް އަރަން ފަށާނެ،" މިޔަރަށް 'ފީޑް' ކުރާގޮތް ޕެންޑާގެ ތަޖުރިބާއިން އެންމެ ކުރުކޮށް ކިޔައިދިނެވެ.
ފުވައްމުލަކުގައި މިހާރު ހަތް ވަރަކަށް ޑައިވް ސެންޓަރު ހުރެ އެވެ. ޓައިގާއާއެކު ފީނުމަށް ކޮންމެ ސެންޓަރަކަށްވެސް ހެނދުނު 30 މިނެޓު އަދި މެންދުރުފަހު 30 މިނެޓުގެ ވަގުތެއް، އެ ސެންޓަރުތަކުގެ މަޝްވަރާގެ މަތިން އޮންނަނީ ހަމަޖައްސާފަ އެވެ.
ޕެންޑާ ބުނީ މިހާރު މަސައްކަތުގެ މާހައުލާއި ވަޒީފާއަދާކުރާ ލޮކޭޝަނަށް ބަލާނަމަ އޭނާއަށް އެ ހުރެވުނީ 'ޑްރީމް ޖޮބް' ގައި ކަމަށެވެ. ނަމަވެސް މިއީ އޭނާ ދެކޭ ގޮތުގައި އޭނާއަށް މި ދާއިރާއިން ދެވޭ އެންމެ އުހެއް ނޭނެވެ. އަދިވެސް ޕެންޑާގެ ވިސްނުން ހުރީ ފީނުމުގައި ކުރިއަށްދާށެވެ.
"ދެން އެންމެ ބޭނުންވަނީ މި ނޫން ލޮކޭޝަންއެއްގައި ޑައިވް ސެންޓަރެއް ހުޅުވުން، ސެންޓަރެއް އޯން ކުރުން އެންމެ ބޮޑު ޓާގެޓަކީ."
އެ ހުވަފެން އޮތް ނަމަވެސް، މިހާރު ޕެންޑާގެ ވިސްނުން ހުރީ ފުވައްމުލަކުގެ މިޔަރުތަކާއެކު އަދިވެސް ގިނަ ތަޖުރިބާތަކެއް ކުރުމަށެވެ. އެ ތަފާތު މާހައުލުގައި، ޑްރީމް ޖޮބުގައި، ޕެންޑާގެ ބަހުންނަމަ އެންމެ ރަނގަޅު ޓީމާއެކު މަސައްކަތް ކުރުމަށެވެ.
Comment