Advertisement

އާބަންކޯއާ ގުޅިގެން ތޮއްޑޫވެސް ސްމާޓް ރަށަކަށް ހަދަނީ

5 އޭޕްރީލް 2023 - 17:09 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތޮއްޑޫ ކައުންސިލަރާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފޮޓޯއަކަށް ހުއްޓި ވަޑައިގެން -- ފޮޓޯ: އާބަންކޯ


އާބަންކޯއާ ގުޅިގެން ތޮއްޑޫވެސް ސްމާޓް ރަށަކަށް ހަދަނީ

5 އޭޕްރީލް 2023 - 17:09 0

އާބްނަކޯގެ އެހީތެރިކަމާ އެކު ތޮއްޑޫ ވެސް ސްމާޓު އައިލެންޑަކަށް ހެދުމުގެ އެއްބަސްވުމެއްގައި އެރަށު ކައުންސިލުން އާބަންކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމު ކުރާނެ އެވެ. އަދި، އެ ރަށުގެ ފެރީ ޓާމިނަލާއި ހާބަރު ސަރަހައްދާއި ކާގޯ ގުދަންތަކުގެ އިތުރުން އާންމުން ބޭނުން ކުރާ ބީޗުތަކާއި ފަތުރުވެރިންނަށް ހާއްސަ ބީޗުތައް ތަރައްގީ ކުރުމުގެ ކަންކަމުގައި އާބަންކޯއިން އެ ރަށު ކައުންސިލަށް ފަންނީ ލަފާ ވެސް އަރުވާނެ އެވެ.

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެެރިކަން ކުރަމުން އަންނަ އެއް ރަށެވެ. އެ ރަށް މަޝްހޫރުވެފައި އޮންނަނީ ވެސް ރޯދަމަހަށް ކަރާ ހައްދާ ރަށެއްގެ ގޮތުގަ އެވެ.

މީގެ ކުރިން "އަދަދު" ނޫހާ ވާހަކަދައްކަވަމުން ތޮއްޑޫ ކައުންސިލުގެ ރައީސް، ކަރަމް ވިދާޅުވީ ރަށުގައި އޯޕަން އެކްސެސް ނެޓުވޯކެއް އެޅިގެން ދިއުމަކީ ވަރަށް ގިނަގުނަ ފައިދާތަކެއް އެރަށު ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށެވެ.

އެގޮތުން، ދަނޑުހައްދާ ފަރާތްތަކަށް ގޭގޭގައި ތިބެގެން ވެސް ދަނޑުގެ ހާލަތު ވަގުތުން ވަގުތަށް ބަލައިލެވޭނެ ފަދަ އިންތިޒާމުތަކުން ފެށިގެން ގޮސް ރަށުގައި ތަފާތު އެކި ހިދުމަތައް ދިނުމަށް ބޭނުންވާ ފަރާތްތަކުން އިރުއިރުކޮޅުން ކޭބަލް ވަޅުލާން ކޮންނަން ނުޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި، ތޮއްޑޫއަކީ ފަތުރުވެރިކަން ވެސް ބާރު ދުވެލީގައި ކުރިއަރުވަމުން އަންނަ ރަށެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ދުރު ވިސްނުމަކާ އެކު ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

އޯޕަން އެކްސެސް ނެޓްވޯކެއް މިހާތަނަށް ހަމައެކަނި އަޅާފައި އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެއީ އެޗްޑީސީން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. ނަމަވެސް، ހަމައެކަނި ހުޅުމާލޭގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ އިތުރުން ރާއްޖޭގެ އެހެން ކަންކޮޅުގައި ވެސް ތަރައްގީގެ ތަފާތު އެކި މަސައްކަތްތައް ހިންގުމުގެ މަގުސަދުގައި އެ ކުންފުނީގެ ނަން ވަނީ މިދިޔަ އާދީއްތަ ދުވަހު އާބަންކޯ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ތޮއްޑޫ ކައުންސިލާ އެކު ވެވުނު އެއްބަސްވުމަކީ އާބަންކޯއަށް ރީބުރޭންޑު ކުރުމަށްފަހު އެ ކުންފުނިން ސޮއިކުރި އެފަދަ ފުރަތަމަ އެއްބަސްވުމެވެ.