Advertisement

ތިލަފުށިން ކުއްޔަށް ދޫކޮށްފައި ހުރި ބޮޑެތި ބިންތައް ގަންނަން ފުރުސަތު ދެނީ

ތިލަފުށީގެ މަގެއް: މި ރަށުގައި މިހާރު ވެސް ސިނާއީ ގިނަ މަސައްކަތްތަކެއް ކުރޭ -- ފޮޓޯ: އެޗްޑީސީ


ތިލަފުށިން ކުއްޔަށް ދޫކޮށްފައި ހުރި ބޮޑެތި ބިންތައް ގަންނަން ފުރުސަތު ދެނީ

މާލެ ސަރަހައްދުގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް ހަބު، ތިލަފުށިން ކުއްޔަށް ދޫކޮށްފައި ހުރި ބޮޑެތި ބިންތައް ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ބިން ގަތުމުގެ ފުރުސަތު ދޭނީ ތިލަފުށި ފޭސް 1 އިން 5،000 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ.

ކުއްޔަށް ނަގާފައި ހުރި ބިންތައް މިލްކުކުރަން ޝައުގުވެރިކަން ހުރި ނަމަ އެ ކޯޕަރޭޝަނުން އެދެނީ ބިން ގަންނަން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، [email protected] އަށް އީމެއިލް ކުރުމަށެވެ.

އެޗްޑީސީއިން ބުނީ ފޯމު ހުށަހަޅާ ފަރާތްތަކަށް ބިން ވިއްކުމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

އެޗްޑީސީއިން ވަނީ މިދިޔަ މަހު ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކަން ހުޅުވާލާފަ އެވެ.

ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ ތިލަފުށީގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުންދެ އެވެ.

މި ސަރުކާރުން ރާވާފައިވަނީ ކޮމާޝަލް ޕޯޓު ވެސް ތިލަފުއްޓަށް ބަދަލުކުރާށެވެ. މިއާ އެކީ މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަމާލެ ބްރިޖު މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް ވެސް، ތިލަފުށިން ބިން ގަތުމުގެ ފައިދާތައް ފާހަގަކޮށް، އެޗްޑީސީން ބުނެފައިވެ އެވެ.