4 އޭޕްރީލް 2023 - 21:33 0
އަހުމަދު އާއިދު
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން މީގެރިން ކުރި މުޒާއެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
4 އޭޕްރީލް 2023 - 21:33 0
އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އަންހެން ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންނަށް މޫނު ބުރުގާ ނޭޅުމަށް އެންގުމާއި އެ ކުދިންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ޖެންޑާ މިނިސްޓްރީއަށް މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރެވެ. މައްސަލަ ހުށަހަޅަމުން އާޒިމާ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީއަށް މި މައްސަލަ ހުށަހަޅަން ނިންމީ ރާއްޖޭގެ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެ އިސް ވާޖިބު އެ މިނިސްޓްރީއާ މަތިވާތީ ކަމަށެވެ.
އާޒިމާގެ ސިޓީގައި އިތުރަށް ބުނެފައިވަނީ އަރަބިއްޔާގެ މޫނުބުރުގާ އަޅާ ދަރިވަރުން މީގެ ކުރިން އެކަން ކުރަމުންދިޔައީ ލިބިފައިވާ ހުއްދައިގެ ދަށުން ނަމަވެސް، މި ފަހުން އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ވަނީ އެ ކުދިންނާ ބައްދަލުކޮށް މޫނުބުރުގާ ނޭޅޭނެ ކަމަށް އަންގާފައި ކަމަށެވެ. އަދި ސްކޫލުން އެ ކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެ ކަމަށް އަންގާ ސްކޫލުގެ ޔުނީފޯމު ކޯޑުގައި މޫނުބުރުގާ ނުހިމެނޭހެން ސިޓީއެއްވެސް ފޮނުވާފައި ކަމަށް އާޒިމާ ވިދާޅުވެފައި އެވެ.
މީގެއިތުރުން، އެ ސްކޫލުން އަންނަނީ މޫނުބުރުގާ އަޅާކުދިން ވަކިން ކައުންސެލާ ރޫމަށް ގެންގޮސް ގޭތެރޭގެ އަދި ޒާތީ ވާހަކަތައް އަހާފައި ކަމަށާއި އޭގެ ސަބަބުން އެ ވާހަކަތައް ސްކޫލުގެ ތެރޭގައި ފެތުރި އެ ކުދިންނަށް ބޭނުންނުވާ ސަމާލުކަމާއި ފުރައްސާރަ ލިބިފައިވާކަން އާޒިމާ ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖެއިން ބައިނަލްއަގުވާމީ އެކި މުއާހަދާ ތަކުގައި ބައިވެރިވެ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެމުންދާކަމުގެ ބައިނަލްއަގުވާމީ ދުނިޔެއަށް ޔަގީންކަން ދެމުންދިޔަ ނަމަވެސް ދައުލަތުގެ ސިޔާސަތުތައް މިފަދައިން ބެހެއްޓުމަކީ އަންހެނުންގެ ހައްގުގައި ކުރާ ކަމަށް ބުނާ މަސައްކަތްތައް ފަހަތަށް ޖެހޭނެ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ކުރީގެ ބަންޑާރަނައިބު ވަނީ ފާހަގަކުރައްވާފަ އެވެ.
އާޒިމާގެ ސިޓީ ނިންމާލަމުން މިނިސްޓަރުގެ އަރިހުން އެދިފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މޫނުބުރުގާ އަޅާ ކުދިންނަށް އަދި ފަރާތްތަކަށް އަދި އެނޫންވެސް ކުދިންނަށް ތަފާތެއް ނެތި ތައުލީމު ހާސިލުކުރެވޭނެކަމުގެ ޔަގީންކަން ހޯދައިދިނުމަށެވެ.
އަރަބިއްޔާގެ ކުދިންނަށް މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ބެލެނިވެރިންގެ ފަރާތުން ވަނީ ސިވިލް ކޯޓަށްވެސް ހުށަހަޅާފަ އެވެ.
އެގޮތުން ބެލެނިވެރިން ތަމްސީލު ކުރަނީ ރެހެންދި ޗެމްބާސް ލޯ ފާމުން ބުނީ ކޯޓަށް މައްސަލަ ހުށަހެޅީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ އިތުރުން ރާއްޖެ ބައިވެރިވެ، ބަލައިގެންފައިވާ މުއާހަދާތަކުގެ ދަށުން ކަމަށެވެ.
Comment