ރަމަޟާން ކްރިކެޓް ކާނިވަލް: އެމްއޭސީއެލް ބަލިކޮށް އޯޕަން ބައިގެ އާކުން ޗެމްޕިއަންކަން ހޯދައިފި

4 އޭޕްރީލް 2023 - 07:57 0

ޗެމްޕިއަންކަން ހޯދި އާކް ޓީމަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް


ރަމަޟާން ކްރިކެޓް ކާނިވަލް: އެމްއޭސީއެލް ބަލިކޮށް އޯޕަން ބައިގެ އާކުން ޗެމްޕިއަންކަން ހޯދައިފި

4 އޭޕްރީލް 2023 - 07:57 0

މިދިޔަ އަހަރުގެ ޗެމްޕިއަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބަލިކޮށް ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އާކް އިން ހޯދައިފި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި މި އަހަރު 12 ޓީމެއް ވާދަކުރިއިރު، އާކު ފައިނަލަށް ދިޔައީ ސެމީގައި މީޓިއޯސް ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން، އެމްއޭސީއެލް ފައިނަލުން ޖާގަ ހޯދީ ޝުގަ ކޯން ބަލިކޮށްގެންނެވެ.

މުބާރާތުގައި އެންމެ ތަފާތު ބޮޑުކޮށް ފެނުނު ދެ ޓީމްކަމަށްވާ އާކް އާއި އެމްއޭސީއެލް ވާދަކުރި ފޯރިގަދަ މެޗު އާކުން ކާމިޔާބުކުރީ އެންމެ ހަ ލަނޑުންނެވެ.

އިއްޔެ ކުރިއަށްދިޔަ ފޯރިގަދަ ފައިނަލުގެ ޓޮސް ދިމާވުމުން އެމްއޭސީއެލުން ނިންމީ އާކަށް ފުރަތަމަ ބެޓްކުރަން ދޭށެވެ. އާކުން ކުޅެން އަރާ އަށް އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 35 ލަނޑު ހެދި ލީމް ޝަފީގު އާއި 11 ބޯޅައިން 33 ލަނޑު ހެދި އިބްރާހިމް ހުސައިން އެވެ. މި އިނިންގްސްގައި އެއާޕޯޓުގެ އިސްމާއިލް އަނިލް ދެ ވިކެޓު ނެގި އެވެ.

ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި އަށް އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހެދި އެވެ. އެއާޕޯޓުގެ އަމީލް އަހުމަދު މައުރޫފް 10 ބޯޅައިން 36 ލަނޑު ހެދިއިރު، މުހައްމަދު ޝާފީ 10 ބޯޅައިން 34 ލަނޑު ހެދި އެވެ. އަދި މީގެ އިތުރުން އިސްމާއިލް އަލީވެސް ވަނީ 16 ބޯޅައިން 31 ލަނޑު ހަދާފަ އެވެ.

މި މެޗުގެ އެންމެ ބޮޑު ތަފާތަކަށްވީ އެމްއޭސީއެލުން އުކި ވައިޑް ބޯޅަތަކެވެ. ވައިޑް ބޯޅަ އާއި ނޯ ބޯލްގެ ގޮތުގައި އެ ޓީމުން އަށް އޯވަރުގައި 25 ލަނޑު އިދިކޮޅު ޓީމަށް ދިންއިރު، އާކުން އުކާފައިވަނީ 10 ވައިޑާއި ނޯ ބޯލްތަކެވެ.

މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީ ފަސް މެޗުގައި 157 ލަނޑު ހެދި އެމްއޭސީއެލްގެ އަހުމަދު އަމީލް މައުރޫފް އެވެ. އެންމެ މޮޅު ބޯލަރަކަށް ހޮވުނީ ފަސް މެޗުގައި ފަސް ވިކެޓު ނެގި އާކުގެ މަފާޒު މުހައްމަދު އެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކީ މީޓިއާސްގެ އިބްރާހިމް އަލީ އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި މީޓިއާސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗާއި ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި މިއަދު ކުރިއަށްދާނީ ފުވައްމުލަކު މުބާރާތުގެ ފައިނަލެވެ. ފައިނަލުގައި ވާދަކުރާނީ ޓީމް ޔޯޔޯ އާއި ޑީއެސްއާރުސީ ސްޕާޓަންސް އެވެ.

މާލޭގައި މިއަދު ކްރިކެޓް ކާނިވަލްގެ އޮފީސްތަކުގެ މުބާރާތް ފަށާނެ އެވެ. މި މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާނެ އެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މީރާ އެވެ.