Advertisement

ޕްރެޒިޑެންޓްސް ކަޕް ލަސްވާނަމަ މާޒިޔާ އާއި އީގަލްސް އަށް ގެއްލުން ބޮޑު: ސާންތީ

4 އޭޕްރީލް 2023 - 05:55 0

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް


ޕްރެޒިޑެންޓްސް ކަޕް ލަސްވާނަމަ މާޒިޔާ އާއި އީގަލްސް އަށް ގެއްލުން ބޮޑު: ސާންތީ

4 އޭޕްރީލް 2023 - 05:55 0

ޕްރެޒިޑެންޓްސް ކަޕް މިހާރު އޮތް ތާރީހުގައި ނުފަށައި ލަސްވާނަމަ އޭގެ ގެއްލުން ކްލަބް އީގަލްސްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވެސް ބޮޑުވާނެ ކަމަށް އީގަލްސްގެ ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އެފްއޭއެމް އިން މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށްޓަން ރޭވި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ވަނީ ރޭ 2-1 އިން އީގަލްސް ބަލިކޮށްފަ އެވެ. މި މެޗު ވެސް މި ކުޅުނީ ފުރަތަމަ ބާއްވަން ކަނޑައެޅި ތާރީހަށް ދެ ފަހަރު ބަދަލު ގެނެސްފަ އެވެ.

އެފްއޭއެމުން ރޭގެ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފެއްޓި ނަަމަވެސް ރަސްމީ ސިފައެއްގައި ސީޒަން ކަލަންޑަރު މީޑިއާ އަށް އާންމުކޮށްފައެއް ނުވެ އެވެ.

ކްލަބްތަކަށް ހިއްސާކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މި މަހު އަށް ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ. އެކަމަކު، މި ވަގުތު ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ޕްރެކްޓިސް ކުރަނީ ތިން ކްލަބް ކަމަށްވާއިރު، ޕްރެޒިޑެންޓްސް ކަޕް މިހާރު އޮތް ތާރީހަށް ނުފެށުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާ އާއި އީގަލްސްގެ އިތުރުން މި ވަގުތަށް ބަލާއިރު، ޕްރެކްޓިސް ފެށީ ބުރު ސްޕޯޓްސް ކްލަބުންނެވެ.

ސާންތީ ބުނީ އެފްއޭއެމް އިން އާންމުކޮށް ކަލަންޑަރުގައި އޮންނަ ދުވަސްތަކަށް މުބާރާތް ފަށާތީވެ, އުންމީދުކުރަނީ މި މަހު އަށް ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާނެ ކަމަށެވެ.

"ދެން ނުފަށައިފިއްޔާ، އީގަލްސް އެކަންޏެއް ނޫން މާޒިޔާ އަށް ވެސް ލިބޭ ގެއްލުމެއް، އަނެއްކާ ވެސް ބްރޭކެއް އައިސްފިއްޔާ އުނދަގޫތަކެއް ވާނެ. އަޅުގަނޑުމެން ބޭނުމީ އަށެއްގައި ފަށައިގެން މުބާރާތް ކުރިއަށް ދިއުމަށް. ދެން އަށެއްގައި ނުފެށިއްޖިއްޔާ އެހާ ބޮޑުތަން ލަސްވެއްޖިއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް،" ސާންތީ ބުންޏެވެ.

ރޭ އީގަލްސް އަތުން މާޒިޔާ މޮޅުވިއިރު، އެ ޓީމުން ދެ ގޯލު ވެސް ޖެހީ ފުރަތަމަ 18 މިނިޓް ތެރޭގަ އެވެ. އީގަލްސް އިން ފަހަތުން އަރައި މެޗުން ކަމެއް ހާސިލްކުރެވޭތޯ ބެލިނަމަވެސް އެއް ގޯލަށް ވުރެ އިތުރަށް ދެން ގޯލެއް ނުޖެހި މެޗުން ބަލިވީ އެވެ.

ސާންތީ ބުނީ އެ ނަތީޖާ އެ ގޮތަށް އައި ސަބަބަކީ މާޒިޔާ އިން ކުރިން ޕްރެކްޓިސް ފަށައި، ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށް ރަނގަޅު މެޗުތަކެއް ކުޅެފައި ހުރުމުގެ ފައިދާކުރީ ކަމަށެވެ.

ސާންތީގެ ނަޒަރުގައި ޖުމްލަކޮށް މެޗަށް ބަލާއިރު، ދެ ޓީމުގެ މާ ބޮޑު ތަފާތެއް ނެތެވެ.

"ދެން ވަކިވަކި ކުޅުންތެރިންނަށް ބަލާއިރުގައި ހުނަރު ހަމަ ތަފާތު ކޮންމެ ކުޅުންތެރިއަކު އަޅާ ކިޔަސް. މާޒިޔާގައި މި ތިބި ފޮރިން ޕްލޭޔަރުންނަށް ބަލާލިޔަސް ކުރީގައި އެ ހުރި ފޮރިން ޕްލޭޔަރަށް ބަލާލިޔަސް ތަފާތު، މި ފެންވަރުގެ ކުުޅުންތެރިން ތިބޭއިރު ކޮންމެވެސް ގޮތަކަށް ނަތީޖާ ނުކުންނާނެ. އެއްވެސް އޮގަނައިޒްވެގެން ޖަހާފައި އިން ދެ ގޯލެއް ނޫން، އަޅުގަނޑުމެންގެ ވެސް ސިލީ މިސްޓޭކް ހަމަ، އަޅުގަނޑުމެން އެބަޖެހޭ ޑިފެންސް ވެސް ރަނގަޅުކުރަން. އެހެންވެ، މި ބުނަނީ ތަފާތު ތަފާތެއް ނޫނޭ، މިއަދު މާޒިޔާއެއް،" ސާންތީ ބުންޏެވެ.

ޖުމްލަކޮށް ބަލާއިރު، ރޭގެ މެޗުގައި އީގަލްސް އިން ދެއްްކި ކުޅުމާ އެކު އެ ޓީމުގެ ކުޅުންތެރިންނާ މެދު ސާންތި އަށް އޮތް އިތުބާރުވަނީ ބޮޑުވެފަ އެވެ. ސާންތީ ބުނީ ކުޅުންތެރިން ކުރި ހިތްވަރުން ލިބުނު މެސެޖަކީ މި ސީޒަނުގެ ކުރިއަށް އޮތް ބައިގައި އީގަލްސް އަށް ވަރަށް ބޮޑުތަނުން ރަނގަޅުކުރެވޭނެކަން ކަމަށެވެ.