Advertisement

ފެހެންދޫ "ކުދިމަސްގޭ" ސޮރުން ރޯދަ ކުރު ކުރަނީ މި ވަޒީފާއިން

9 އޭޕްރީލް 2023 - 10:18 1

ބ. ފެހެންދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފެހެންދޫ ކުދިމަސްގޭގައި މަސައްކަތްކުރާ މީހަކު ހެނދުނު ވަގުތު މަސްހިފަން ނުކުމެ އުޅެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފެހެންދޫ "ކުދިމަސްގޭ" ސޮރުން ރޯދަ ކުރު ކުރަނީ މި ވަޒީފާއިން

9 އޭޕްރީލް 2023 - 10:18 1

ބ. ފެހެންދޫ

ގަޑިން ހެނދުނު އަށެއް ޖަހައިފި އެވެ؛ ރޯދަ މަހުގެ ދުވަހެކެވެ. މީހެއްގެ ހިލަމެއް ނެތެވެ. މީސްކޮޅު މަދު ބ. ފެހެންދޫގެ މަގުތައް ހަމަހިމޭނަސް ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިކަމެއް ފެނެ އެވެ. އަށެއްކަ ފިރިހެނުން އެއްވެ ތިއްބެވެ. މި ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ގަޑިއަށް އެ ތަނަށް އެއްވެ އެވެ.

މިވެރިންގެ މަސައްކަތަކީ މޫދުން މަސް ހިފުމެވެ. ގޭގޭގެ ސިޓިން ރޫމުތަކާއި އޮފީސްތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ މަސް ޓޭންކްތަކަށް އަޅާނެ މަސް ހޯދުމެވެ. ފެހެންދޫ މީހުން މި ގްރޫޕަށް ކިޔައި އުޅެނީ "ކުދިމަސްގޭ" ގައި މަސައްކަތް ކުރާ މީހުންނެވެ.

ޓޭންކްތަކަށް އަޅާ މަސް ރައްކާ ކުރާ ސްޓޯރޭޖެއް ފެހެންދޫގައި ހުރެ އެވެ. "ކުދިމަސްގެ" ގްރޫޕަކީ އެ ސްޓޯރޭޖްގައި މަސައްކަތް ކުރާ މީހުނެވެ. އެއީ "އެކުއޭރިއަމް" ކިޔާ ކުންފުންޏަކުން އެ ރަށުގައި އަޅާފައި ހުންނަ ތަނެކެވެ. ކުންފުންޏަކީ އޭގެ ވިޔަފާރީގައި ޝާމިލްވާ ބައެކެވެ.

ހެނދުނު އަށެއް ޖަހާއިރަކީ "ކުދިމަސްގެ" ގްރޫޕް މީހުންގެ ވަޒީފާ ފެށާ ގަޑި އެވެ. ބަނދަރު ސަރަހައްދަށް އެންމެން އެއްވުމަށް ފަހު އެ ކަމަށް ބޭނުންވާ އާލާތްތައް ހަމަތޯ ޔަގީންކުރެ އެވެ. ރޯދަ މަހުގެ ދުވަހަކަށް ވިޔަސް، އެ މީހުންގެ ތާވަލަކަށް ބަދަލެއް ނާދެ އެވެ.

ފެހެންދޫ ކުދިމަސްގެ ގްރޫޕް މަސް ހިފަން ނުކުމެ އުޅެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގޮއިދޫ-ފުޅަދޫ-ފެހެންދޫ ހިމެނޭ ގުދުރަތީ އަތޮޅުގެ އެތެރެވަރީ ހުރި ފަޅުތަކުން މަސް ހިފަން ނުކުންނަނީ އަށް މީހުންގެ ތެރެއިން ފަހެއް ނޫނީ ހަ މީހުންނެވެ. ބާކީ ތިބި މީހުން ސްޓޯރޭޖްގައި ކުރަން ހުންނަ މަސައްކަތްތަކަށް، އެ ތަނުގައި މަޑުކުރެ އެވެ.

މަސް ހިފުމަށް މިހާރު ހަ މީހަކު ތައްޔާރު ވެއްޖެ އެވެ. ފެހެންދޫން ފުރައިގެން ދިޔައީ އެ ރަށު ދެކުނަށް ދެ މޭލު ދުރުމިނުގައި އޮންނަ ހަނިފަޅަށެވެ. ފަޅަށް ގާތްކޮށްފައި ފުރަތަމަ ފުންމާލީ ދެ މީހެކެވެ. ދޯނީގެ ކައްޕި އެ ތަން މެޕްކުރުމަށް ފަހު ފަޅުގެ އެހެން ދިމާއަކަށް ގޮސްފި އެވެ. އެ ދިމާއަށް ވެސް ދެ މީހަކު ފުންމާލި އެވެ. ދޯނީގެ ކައްޕި އެ ސަރަަހައްދު ވެސް މެޕްކުރި އެވެ.

ފެހެންދޫ ކުދިމަސްގެ ގްރޫޕްގެ ދޯނި މަސް ހިފަން ހަނިފަޅަށް ނުކުތް ވަގުތު މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މޫދުގައި ހަތަރު މީހުން ތިބި އެ ދަނޑިވަޅު ކައްޕީގެ ހުރިހާ ސަމާލު ކަމެއް އޮންނަނީ އެ މީހުންނަށެވެ. އެއިން ކޮންމެ މީހަކު ވެސް ވަކި ވަރަކަށް މަސް ހިފުމުން ނޫނީ ވަރުބަލިވުމުން ހަނާ އަޅަ އެވެ. ކައްޕީގެ ސަލާމުކަން އެ މީހުންނަށް އޮންނާތީ ހަނާ އަޅާ އިރަށް އެނގެ އެވެ. އަދި ވަގުތުން އެ މީހަކު ދޯންޏަށް އަރުވަން، އެ ތަނަކާ ހަމައަށް ދޯނި ދުއްވާފައި ގެންދެ އެވެ.

"މި މަސައްކަތުގައި އުޅޭތާ ވިއްސަށް ވުރެ ގިނަ އަހަރުވީ، މިހާރު އެނގޭ މަސް ގިނައިން ލިބޭނެ ތަންތަން، ހާއްސަކޮށް މި ހަނިފަޅުގައި، އެ ދިމާއަކަށް ބަލާފައި ދޯނި ގާތްކޮށްފައި މަސް ހިފަން އެ ފައިބަނީ،" ދޯނީގެ ކައްޕި ސައީދު މޫސާ ބުންޏެވެ.

ފެހެންދޫ ކުދިމަސްގޭގެ ބާނީ ސައީދު މޫސާ ދޯނި ދުއްވަން އުޅުމުގެ ތެރޭގައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަސް ހިފަން ގެންގުޅެނީ ދާގަނޑެކެވެ. ކޮންމެ މީހަކަށް ވެސް ހަވާލުކުރަނީ ވަކި ވައްތަރެއްގެ މަސް ހިފުމަށެވެ. މޫދަށް ފާބާފައި އެ މީހަކު އުޅޭނީ އެ ވައްތަރެއްގެ މަސް ހިފުމަށެވެ. ވަކިވަރަކަށް މަސް ހިފާފައި ވަރުބަލިވުމުން ދޯންޏަށް އަރަ އެވެ. ހިފި މަސްތައް ފުރަތަމަ އަޅަނީ ކުޑަ ބާލިދީއަކަށެވެ.

ދޯނީގައި ފަސް ބޮޑު ހަމެއް ވެސް ބަހައްޓާފައި ހުރެ އެވެ. ކޮންމެ ވައްތަރެއްގެ މަހެއް ވަކި ހަމަކަށް އަޅާފައި ދެން ބަހައްޓަ އެވެ.

ފެހެންދޫ ކުދިމަސްގެ ގްރޫޕް މަސް ހިފުމަށް ފަހު ބާލިދީއަކަށް އަޅާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހެނދުނު އަށެއް ޖަހާއިރު މަސް ހިފަން ނިކުންނަ މީހުން އެ މަސައްކަތް ނިންމާލިއިރު މެންދުރުފަހު ދޭއް ޖަހަން އުޅެ އެވެ. އެއީ ރޯދަ މަސް އައި ފަހުން އެ މީހުންގެ މަސައްކަތުގެ ތާވަލު އޮންނަ ގޮތެވެ. ރޯދައިގެ ކުރިން ވެސް މެންދުރުފަހު މަސައްކަތް މެދުކަނޑާލުމަށް ފަހު ވެސް ހަވީރު މަސް ހިފަން ނުކުމެ އެވެ. އަދި އިރުއޮއްސެން މަސް ހިފުމުގައި އުޅޭނެ އެވެ.

"މިއީ ދެން މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމަކީ، ރޯދަ ކުރުކުރުން ވެސް މި އޮންނަނީ މި ކަން ކޮށްގެން، ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ދާއިރު ވަގުތު ދާ ގޮތެއް ނޭނގޭނެ،" ދޯނި ދުއްވަން ހުރެފައި ސައީދު ކިޔައިދިނެވެ.

މަސް ހިފައި ނިމުމަށް ފަހު މަސްތައް ސްޓޯރޭޖަށް ގެންދެ އެވެ. ހަމުގައި ހުރި މަސްތައް، ކޮންމެ މަހެއް ވަކިން ނަގާފައި ލަނީ ކުޑަ ފުޅިއެއް ތެރެއަށެވެ. ފުޅީ އެތެރެއަށް ލޮނު ފެން އެޅުމަށް ފަހު މަތި ޖަހަ އެވެ. ދެން ފުޅިތައް ބާއްވަނީ ސްޓޯރޭޖް ތެރޭގައި ހުރި ފެން އަޅާފައި ހުރި ޓޭންކްތަކަށެވެ.

ފެހެންދޫ ކުދިމަސްގެ ސްޓޯރޭޖްގައި ކުދި ފުޅިތަކެއްގައި މަސް ރައްކާކޮށްފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފެހެންދޫ "ކުދިމަސްގެ" ވުޖޫދުވެގެން އައި ގޮތް

ކުދިމަސްގޭގެ ބާނީއަކީ ވެސް ދޯނީގެ ކައްޕިއަކަށް މިހާރު ވެސް މަސައްކަތްކުރާ ސައީދު މޫސާ، 60، އެވެ.

އެކުއަރިއަމް ކުންފުނީގެ ފެކްޓަރީއަކާއި ސްޓޯރޭޖެއް މާލެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ގާގަނޑުގައި ހުރެ އެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅުގައި ސައީދު އެ ތަނަށް ވަޒީފާ އަދާ ކުރަން ދިޔަ އެވެ.

"އަބަދުވެސް އުޅޭ ހިތް ވަނީ ރަށުގައި، ގާގަނޑުގައި ފަސް ވަރަކަށް އަހަރު ވަޒީފާ އަދާކޮށްފައި ރަށަށް ބަދަލުވާ ހިތްވި. އެކަމަކު ރަށަކު އޭރަކު އާމްދަނީ ހޯދަން ކުރެވޭނެ މާ ގިނަ ކަމެއް ނޯވޭ،" ސައީދު ކިޔައިދިނެވެ.

އެކުއަރިއަމް ކުންފުނީގެ މެނޭޖްމަންޓާ ސައީދު ދެން ވާހަކަ ދެއްކި އެވެ. އޭނާއަށް ގަބޫލު ކުރެވުނީ ގާގަނޑުގައި އެ ކުރާ މަސައްކަތް ފެހެންދޫން ވެސް ކުރެވޭނެ އެވެ. ފެހެންދޫގައި އެ މަސައްކަތް ކުރާނެ ބަޔަކު ވުމުން ކުންފުންޏަށް ވެސް އެ ވިޔަފާރި މާ ފުޅާކޮށް ކުރެވޭނެ އެވެ.

"އެއީ 2002 ވަނަ އަހަރު، އަޅުގަނޑާއެކު ކުންފުނިން މީހާކު ވެސް ފޮނުވި، އޭރު މި ރަށުގައި މަސް ހިފަން އެނގޭ ބަޔަކު ވެސް ނެތް، ކުންފުނިން ފޮނުވި މީހާ އުޅުނީ މަސް ދުވަހު، ދެން ހަމަ އަޅުގަނޑު މި ރަށު މީހުނަށް މަސް ހިފަން ދަސްކޮށްދިނީ ވެސް،" ސައީދު ބުންޏެވެ.

ފެހެންދޫ ކުދިމަސްގޭގެ ބާނީ ސައީދު "އަދަދު" ނޫހަށް އިންޓަވިއު ދެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެ މީހުނަށް "ކުދިމަސްގޭ" މީހުނޭ ރަށު މީހުން އޭރުއްސުރެން ކިޔަން ފެށި އެވެ. އިނގިރޭސި ނަން ކިޔަން އުނދަގޫ ކަމެއް ހުންނާތީ ރަށު މީހުން އެ މީހުންކުރާ މަސައްކަތާ ގުޅުވާފައި ދިވެހި ނަމެއް ކިޔަން ފެށީ އެވެ.

މީގެ ވިހި އަހަރު ކުރިން ފެހެންދޫގައި އެ މަސައްކަތް ފެށިއިރު ތިބީ ހަތަރު މީހުންނެވެ. އޭގެ ފަހުން އެ ދިޔަ މުއްދަތުގައި އެ ތަނުގެ ވަޒީފާގައި ތިބި އެކި ދުވަސްވަރު އެކި މީހުނެވެ. ފަހަކަށް އައިސް އަބަދުވެސް އަށެއްކަ މީހުން އުޅެ އެވެ. ދެ ގޮތެއް ނުވެ މަސައްކަތުގައި ދެމި ހުރި މީހަކީ ސައީދެވެ.

"މިހާރު މި ރަށުގައި މި މަަސައްކަތް ކުރަން ނޭނގޭ މީހަކު މަދުވާނެ، ރަށު މީހުނަށް ވެސް މިއީ ހިތްހަމަޖެހޭ މަޖާ ކަމަކަށް ވީ، ރަށަށް ލިބުނު ދިރުމެއް ގޮތުގައި ދެކެނީ، މި ތަނުގައި މި އުޅޭ ކޮންމެ މީހަކަށް 10،000 އާ 9،000 އާ ދެމެދުގެ މުސާރައެއް ލިބޭނެ،" ކޮށްދެވުނު ހިދުމަތާ މެދު ސައީދު ފަހުރުވެރިވެ އެވެ.