3 އޭޕްރީލް 2023 - 08:49 0
ރަމަޟާން ކްރިކެޓް ކާނިވަލް މެޗެއްގެ ތެރެއިން ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
3 އޭޕްރީލް 2023 - 08:49 0
މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ފައިނަލުން މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އާކް ޖާގަ ހޯދައިފިއެވެ.
12 ޓީމް ވާދަކުރި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބުނީ ކޮންމެ ތިން ގްރޫޕުގެ އެއްވަނަ ޓީމްތައް ކަމަށްވާ އާކް، އެމްއޭސީއެލް، މީޓިއާސް އަދި ދެ ވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމް ޝުގަ ކޯން އެވެ.
ސެމީ ފައިނަލް ފުރަތަމަ އެމްއޭސީއެލް ކާމިޔާބުކުރީ ޝުގަ ކޯންއާ ވާދަކޯށް 89 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން އެމްއޭސީއެލުން ނިންމީ ކުޅެން އަރާށެވެ. އެޓީމުން ކުޅެން އަރާ މުބާރާތުގެ އެންމެ މަތީ ސްކޯކަމަށްވާ އަށް އޯވަރުގައި 189 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި އިސްމާއިލް އާލީ އާއި 8 ބޯޅައިން 31 ލަނޑު ހެދި އަމީލް އަހުމަދު މައުރޫފް އާއި 9 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު ޝާފީ އެވެ.
ޖަވާބުގައި ޝުގަ ކޯން އަރާ އަށް އޯވަރުގައި ކުޅުންތެރިއަކު ނުބައިނުވެ ހެދުނީ 100 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ބޯޅައިން 31 ލަނޑު ހެދި އަބްދުﷲ އަރީފް އާއި 9 ބޯޅައިން 17 ލަނޑު ހެދި ސައިސް މުހައްމަދު އެވެ.
ސެމީ ފައިނަލް ދެވަނަ މެޗުގައި އާކުން މީޓިއާސް ބަލިކުރީ ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން މީޓިއާސް އިން ނިންމީ ކުޅެން އަރާށެވެ. އެޓީމް ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 35 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.
އާކުން ކުޅެން އަރާ 5.4 އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެ 99 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އާކުން މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 7 ބޯޅައިން 34 ލަނޑު ހެދި އިބްރާހިމް ނަޝާތު އާއި 12 ބޯޅައިން 30 ލަނޑު ހެދި އިބްރާހިމް ހުސައިން އެވެ. ލީމް ޝަފީގްވެސް ނުބައިނުވެ 12 ބޯޅައިން 29 ލަނޑު ހެދި އެވެ.
އެމްއޭސީއެލް އާއި އާކު ކުޅޭ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުވައްމުލަކު މުބާރާތުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމްވެސް މިހާރުވަނީ ކަށަވަރުވެފަ އެވެ. އިއްޔެ ޓީމް ޔޯޔޯ އާއި ޑީއެމްޖީ ކާބްސް ވާދަކުރި މެޗުން ޔޯޔޯ މޮޅުވުމާއިއެކު ޔޯޔޯއަށް ފައިނަލުގެ ޖާގަވަނީ ލިބިފަ އެވެ.
ގްރޫޕްގެ އެއްވަނަ ހޯދައި ޑީއެސްއާރުސީ ސްޕާޓަންސް ފައިނަލަށް ދިޔައިރު، ޔޯޔޯ ފައިނަލަށް ދިޔައީ ދެވަނަ ޓީމްގެ ގޮތުގަ އެވެ.
ގްރޫޕް ސްޓޭޖުގައި ޔޯޔޯ ކުޅުނު ފަހު މެޗު އެޓީމް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އެރީ ކާބްސް އެވެ. އެޓީމް ކުޅެން އަރާ 10 އޯވަރުގައި ހަ ކުޅުންތެެރިން ނުބައިވެގެން ހެދުނީ 64 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ލަނޑު ހެދި މުހައްމަދު މާން އެވެ.
ޖަވާބުގައި ޔޯޔޯ ކުޅެން އަރާ ހަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 67 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި މުހައްމަދު އަލް އާމިން އެވެ.
ޔޯޔޯ އާއި ސްޕާާޓަންސް ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment