Advertisement

ލެސްޓާގެ ކޯޗުކަމުން ރޮޖާސް ވަކިކޮށްފި

3 އޭޕްރީލް 2023 - 05:45 0


ލެސްޓާގެ ކޯޗުކަމުން ރޮޖާސް ވަކިކޮށްފި

3 އޭޕްރީލް 2023 - 05:45 0

ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީގެ ކޯޗުކަމުން ބްރެންޑަން ރޮޖާސް ވަކިކޮށްފި އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގެ މިހާތަނަށް 13 ކޯޗުންގެ ވަޒީފާ ގެއްލުނުއިރު، މިއީ އެއް ސީޒަނަކަށް ބަލާއިރު ރެކޯޑް މިންވަރެކެވެ.

ރޮޖާސް މަގާމުން ވަކިކުރީ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން ލެސްޓާ ބަލިވި މެޗުގެ ނަތީޖާއާ މެދު ލެސްޓާގެ ބޯޑުން ހިތްހަމަނުޖެހިގެން ބޭއްވި ބައްދަލުވުމަށް ފަހު އެެވެ. އަނެއް ކޮޅުން، ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން، ފަސް މެޗުން ބަލިވެ، ލެސްޓާ ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ.

ރޮޖާސް، 50، މަގާމުން ވަކިކުރިކަން އިއުލާންކުރަމުން ލެސްޓާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ސީޒަންގައި ލެސްޓާގެ ފަރާތުން ފެނިފައިވާ ކުޅުމާއި ނަތީޖާތަކަކީ "ދެ ފަރާތުން ވެސް ބޭނުންވާ ފެންވަރެއް" ނޫން ކަމަށެވެ.

މި ސީޒަންގައި ލެސްޓާގެ ފެށުން ގޯސްވިޔަސް، ވޯލްޑް ކަޕް ބްރޭކްގެ ކުރިން ނަތީޖާތައް ރަނގަޅުކޮށް، ފަސް މެޗުން ހަތަރު މޮޅު ހޯދި އެވެ. އެކަމަކު، ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ލެސްޓާގެ ފޯމު ވަނީ އަނެއްކާ ވެސް ދަށްވެފަ އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު ކުޅުނު މެޗުތަކުން ލިބެން އޮތް 33 ޕޮއިންޓްގެ ތެރެއިން، ލެސްޓާ އަށް ލިބުނީ އެންމެ ހަތް ޕޮއިންޓެވެ.

ލިވަޕޫލާއި ސްވަންސީ ސިޓީ އަށް ކުރިން ކޯޗުކޮށްދިން ރޮޖާސް މަގާމުން ވަކިކުރިޔަސް، ލެސްޓާގެ ތާރީހުން އޭނާ ވަނީ ހާއްސަ މަގާމެއް ހޯދައިފަ އެވެ. ލެސްޓާ އިން 2021 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރީ ރޮޖާސްގެ އިރުޝާދުގެ ދަށުންނެވެ.