ލަންޑަން (މާޗް 29) - ތަަޖުރިބާކާރު ކޯޗު، ރޯއީ ހޮޖްސަަން، އުމުރުން 78 އަހަރުގައި އަނެއްކާ ވެސް ޕްރޮފެޝަނަލް ފުޓްބޯޅައިގެ ކޯޗިން އަށް ނުކުމެއްޖެ އެވެ.
ސްވިޑެންގެ ހޯލްމްސްޓެޑް އިން 1976 ވަނަ އަހަރު ކޯޗިން ފެށި ހޮޖްސަން، އެންމެ ފަހުން ކޯޗުކޮށްދިނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަށް 2024 ގަ އެވެ. އެ ޓީމުން ވަކިވީ އެ އަހަރުގެ ފެބްރުއަރީގަ އެވެ.
ހޮޖްސަން ހަވާލުވީ އިނގިރޭސި ދެ ވަނަ ޑިވިޝަން، ބްރިސްޓަލް ސިޓީގެ ވަގުތީ ކޯޗުކަމާ އެވެ. ހޮޖްސަން ވަނީ މީގެ ކުރިން ވެސް ބްރިސްޓަލް އަށް ކޯޗުކޮށްދީފަ އެވެ. އެ ޓީމުގެ ކޯޗުކަމުން އޭނާ ވަކިކުރީ މީގެ 44 އަހަރު ކުރިންނެވެ.
ކުރިން ފުލަމް، ލިވަޕޫލް އަދި ވަޓްފޯޑަށް ކޯޗުކޮށްދިން ހޮޖްސަން މި ހަވާލުވީ، ބްރިސްޓަލްގެ ކޯޗަކަށް ހުރި ގާހާޑް ސްޓްރޫބާ މަގާމުން ވަކިކުރުމުންނެވެ. އޭނާ ވަކިކުރީ އެންމެ ފަހުން ކުޅުނު ނުވަ މެޗުން އެއް މެޗު މޮޅުވިއިރު، ލީގު ތާވަލުގެ 16 ވަނަ އަށް ވެއްޓުމުންނެވެ.
ބްރިސްޓަލް އިން ފެބްރުއަރީ ހަތް ވަނަ ދުވަހު އޮތީ ޕްލޭއޮފް ޖާގަޔާ ޕޮއިންޓަކާ ގާތުގަ އެވެ. އެކަމަކު، މިހާރު އެ ޓީމު އޮތީ ޕްލޭއޮފް ޖާގައަކާ 12 ޕޮއިންޓް ފަހަތުގަ އެވެ.
މީގެ ކުރިން އިންޓަ މިލާނަށް ވެސް ކޯޗުކޮށްދިން ހޮޖްސަން ވަނީ ދިގު މުއްދަތަަކަށް އެނބުރި ކޯޗިން އަށް ނާންނާނެ ކަމަށް ބުނެފަ އެވެ.
Comment