Advertisement

ލިވަޕޫލުން ބްރައިޓަން އަތްދަށުވިއިރު، އެވަޓަން އިން ޗެލްސީ ބަލިކޮށްފި

about 1 hour 0


ލިވަޕޫލުން ބްރައިޓަން އަތްދަށުވިއިރު، އެވަޓަން އިން ޗެލްސީ ބަލިކޮށްފި

about 1 hour 0

ލަންޑަން (މާޗް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 2-1 އިން ބްރައިޓަން އެންޑް ހޯވް އަލްބިއަން އަތްދަށުވިއިރު، އެވަޓަން އިން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި ލިވަޕޫލާއި ޗެލްސީ އަށް ވެސް މި ވަނީ ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ. ލިވަޕޫލުން 10 އަަހަރު ތެރޭ ފުރަތަމަ ފަަހަރަށް މި ވަނީ ލީގުގައި 10 މެޗުން ބަލިވެފަ އެވެ. އަނެއްކޮޅުން، ޗެލްސީން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އަނިޔާގެ ސަބަބުން މުހައްމަދު ސަލާހު އާއި އެލިސަން ބެކާ ނުލައި އިއްޔެގެ މެޗަށް ނުކުތް ލިވަޕޫލަށް މެޗު ފަށައިގެން މާއިރުތަކެއް ނުވެ ކުޅެން ޖެހުނީ ފޯވާޑް، ހޫގޯ އެކިޓީކޭ ނުލަ އެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ވެސް ބްރައިޓަން އިންނެވެ. މި ލަނޑު ޖެހީ 14 ވަނަ މިނިޓްގައި ޑެނީ ވެލްބެކް އެެވެ. ލިވަޕޫލުން ވަނީ 30 ވަނަ މިނިޓްގައި މިލޯސް ކާކޭޒް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. މިއީ، ބްރައިޓަންގެ ކެޕްޓަން، ލެވިސް ޑަންކް ހެދި ގޯހެއްގެ ފައިދާނަގައި، ކާކޭޒް ޖެހި ގޯލެކެެވެ.


މެޗުން ބްރައިޓަން މޮޅުވި ގޯލު ޖެހީ 56 ވަނަ މިނިޓްގައި ވެލްބެކް އެވެ. ލިވަޕޫލްގެ އޭރިއާތެރެއިން ހިންޝެލްވުޑް ދިން ބޯޅައަކުން ވެލްބެކް ޖެހި މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައި ކަށަވަރުކޮށްފަ އެވެ.

އަމިއްލަ ދަނޑުގަައި ކުޅުނު އެވަޓަން އިން ރޭގެ މެޗުގެ 33 ވަނަ މިނިޓްގައި ލީޑުނެގީ ޖޭމްސް ގާނާ ދިން ބޯޅައަކުން ބެޓޯ ކާމިޔާބުކުރި ލަނޑާ އެކު އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ބެޓޯ ދެ ވަނަ ލަނޑެއް ޖަހައި، އެވަޓަންގެ ލީޑުފުޅާކޮށްދިނެވެ. މިއީ، އިދްރީސާ ގާނާ ގޭއި ދިން ބޯޅައަކުން ބެޓޯ ޖެހި ގޯލެކެވެ. މިއީ، ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ހެދި ގޯހަކުން ވަން ގޯލެކެވެ.

ޗެލްސީގެ އެންޒޯ ފެނޭންޑޭސް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، އެވަޓަންގެ ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި އެވަޓަންގެ ފަހު ލަނޑު ޖެހީ، ބެޓޯ ދިން ބޯޅައަކުން އިލިމަން އެންޑިއާއޭ އެވެ. އޭރިއާތެރެއިން އެންޑިއާއޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރޭގެ ނަތީޖާތަކަށް ފަހު، ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަށް 31 މެޗުން 55 ޕޮއިންޓް، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 30 މެޗުން 51 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ލިވަޕޫލަށް 31 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޗެލްސީގެ އޮތީ 31 މެޗުން 48 ޕޮއިންޓެވެ.