31 މާރިޗު 2023 - 00:48 0
ސާއިފް ޝިޔާދު
މާލޭގެ ތޮއްޖެހިފައިވާ މަގެއް. ރާއްޖޭގެ އާބާދީގެ 41 އިންސައްތަ ދިރިއުޅެނީ މާލެ ސަރަހައްދުގައި
31 މާރިޗު 2023 - 00:48 0
ރާއްޖޭގެ އާބާދީއަކީ 515،122 ކަމަށާއި އޭގެ ތެރެއިން 41 ޕަސެންޓު މީހުން ދިރިއުޅެމުންދަނީ ގްރޭޓާ މާލެ ސަރަހައްދުގައިކަން އެންމެ ފަހުގެ ބޯހިމެނުމުން ދައްކައިފި އެވެ.
ނިމިގެންދިޔަ 2022 ގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާތައް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ހާމަކޮށްފަ އެވެ.
އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ދިރިއުޅެނީ 382،751 ދިވެހިންނާއި 132،371 ބިދޭސީންނެވެ. އެހެންކަމުން އާބާދީގެ ނިސްބަތުން ކޮންމެ ދިވެއްސަކަށް ރާއްޖޭގައި ބިދޭސީއަކު އަންނަނީ ދިރިއުޅެމުންނެވެ.
އަދި، އާބާދީގެ 41 އިންސައްތަ ނުވަތަ 212،138 މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގަ އެވެ. ރަށްރަށުގައި 236،747 މީހުން ދިރިއުޅެމުންދާއިރު ރިސޯޓުތަކުގައި 52،396 މީހުން އުޅެމުންދާ ކަމަށް ދައްކަ އެވެ. ސިނާއީ ރަށްތަކުގައި އުޅެމުން ދަނީ 13،841 މީހުންނެވެ.
މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އަބާދީގެ ނިސްބަތުން މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 2014 އަޅާބަލާއިރު ވަނީ ދެ އިންސައްތަ އުފުލިފަ އެވެ.
މާލޭގެ އަވަށްތަކަށް ބަލާއިރު އެންމެ ގިނަ މީހުންގެ ބޯ ގުނާފައި ވަނީ ހުޅުމާލޭންނެވެ. އެއީ، މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން 33 އިންސައްތަ އެވެ. ހުޅުމާލޭގެ އާބާދީ ވަނީ މިދިޔަ ނުވަ އަހަރުގެ ތެރޭ 16.82 އިންސައްތަ އުފުލިފަ އެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅުންދަނީ އައްޑޫ ސިޓީގަ އެވެ. އައްޑޫގެ އާބާދީއަކީ 25،053 ކަމަށް ދައްކާއިރު ދެވަނައަށް އެންމެ މީހުން ގިނަ އަތޮޅު ކަމަށްވާ ހދ. ގެ އާބާދީއަކީ 22،534 މީހުންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގެ ތެރެއިން 500 މީހުން ހަމަނުވާ 40 ރަށް އޮތް ކަމަށް ބޯހިމެނުމުން އެނގެ އެވެ. އަދި، 1000 މީހުން ހަމަނުވާ 72 ރަށް އެބައޮތެވެ. 10،000 މީހުންނަށް ވުރެ ގިނައިން ރާއްޖޭގައި މީހުން ދިރިއުޅެނީ އެންމެ ތިން ރަށުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment