Advertisement

މިދިޔަ 19 އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނު ގަދަވީ އަދި އެންމެ ފިނިވީ ވެސް މިދިޔަ އަހަރު

24 އޮކްޓޯބަރު 2024 - 12:14 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ސިނަމާލެ ބްރިޖު ކައިރިން ނަގާފައިވާ ފޮޓޯއެއް: މިދިޔަ އަހަރުގެ އެވެރެޖު ހޫނު މިން ހުރީ 32.8 ޑިގްރީ ސެލްސިއަސްގައި -- ފޮޓޯ: ހުސެއިން ފިޔާޒް މޫސާ


މިދިޔަ 19 އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނު ގަދަވީ އަދި އެންމެ ފިނިވީ ވެސް މިދިޔަ އަހަރު

24 އޮކްޓޯބަރު 2024 - 12:14 0

މިދިޔަ 19 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް އެންމެ ހޫނު ގަދަވީ އަދި އެންމެ ފިނިވީ ވެސް މިދިޔަ އަހަރުކަން ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި މި އަހަރުގެ ސްޓެޓިސްޓިކަލް ޕޮކެޓްބުކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އެވެރެޖު ހޫނު މިން ހުރީ 32.8 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އެވެރެޖު ފިނިމިން ހުރީ 24 ޑިގްރީ ސެލްސިއަސްގަ އެވެ.

ޕޮކެޓްބުކް ތައްޔާރުކޮށްފައި ވަނީ 2005 ވަނަ އަހަރުން ފެށިގެން ފިނިހޫނުމިން ބަލައިގެންނެވެ. އެ ހިސާބުތަކަށް ބަލާއިރު ވެއެތުވެދިޔަ 19 އަހަރު ވެސް އެވެރެޖު ހޫނުމިން އެންމެ މަތިވީ އަދި އެވެރެޖު ފިނިމިން އެންމެ ތިރިވީ ވެސް މިދިޔަ އަހަރެވެ.

ޕޮކެޓުބުކްގެ އިތުރު ހިސާބުތައް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވެހުނީ 243 މިލިލީޓަރުގެ ވާރޭ އެވެ. އެކަމަކު އެއީ 19 އަހަރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު އަހަރެއް ނޫނެވެ. އެންމެ ގިނައިން ވާރޭ ވެހުނީ 2006 ވަނަ އަހަރެވެ. އެ އަހަރު 2711 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 2683 ގަޑިއިރު ރާއްޖެއަށް އިރުގެ އަވި ދިނެވެ. އެއީ ވެއެތުވެދިޔަ 19 އަހަރު އެންމެ މަދުން އަވި ދިން ދެ ވަނަ އަހަރެވެ. އެންމެ މަދުން އަވި ދިނީ 2019 ވަނަ އަހަރެވެ. އެ އަހަރު އަވިދިނީ 2644 ގަޑިއިރެވެ. އެންމެ ގިނައިރުގެ އަވި ރާއްޖެއަށް ލިބުނީ 2005 ވަނަ އަހަރެވެ. އެ އަހަރު 2963 ގަޑިއިރު ރާއްޖެއަށް އަވި ދިނެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުދި ޖަޒީރާ ގައުމުތަކަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. މޫސުމީ ބަދަލުތަކުގެ ތެރޭގައި ވާރޭ ވެހޭ ޕެޓާން ބަދަލުވުން ހިމެނެ އެވެ. އަދި ފިނިހޫނުމިނުގެ ޕެޓާން ބަދަލުވުމަކީ ވެސް މޫސުމީ ބަދަލުތަކުގެ ނިޝާނެކެވެ.